ހއ ކެލާގައި ކުނި މެނޭޖުކުރުމަށް ބޭނުންވަނީ ލާމަރުކަޒީ ހައްލެއް!

70975485_915444008841077_6053696158205739008_n

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން، ހއ.ކެލާގައި ކުނި މެނޭޖުކުރާ މަރުކަޒެއް ޤާއިމުކުރުމަށް ޝައުގެވެރިވާ ފާރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު މިނިސްޓުރީ އޮފް އެންވަރަމެންޓް އެންޑް އެނަރޖީ އިން  29 އޮކްޓޯބަރ 2017 ގައި ހުޅުވާލިއެވެ. 12 ނޮވެމްބަރ 2017 ވީ އާދިއްތަ ދުވަހު މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީއަށް ބީލަންތައް ހުށައެޅި، ބީލަންތައް ދިރާސަކުރުމަށްފަހު، މަސައްކަތް ލިބުނު ފަރާތާ މަސައްކަތް ހަވާލުކުރިކަމަށް ލަފާކުރެވެނީ 2017 ވަނަ އަހަރު ޑިސެމްބަރ މަހުގެ ފަހުކޮޅުއެވެ.

އާންމުގޮތެއްގައި މިވަރުގެ ކުނި މެނޭޖުކުރާ މަރުކަޒެއް ނިންމާލުމަށް ނަގަނީ 8 މަސްދުވަހެވެ. އެންމެ ގިނެވެގެން 12 މަސް ދުވަހުގެ ތެރޭގެއި މަސައްކަތް ނިމި، މަރުކަޒު ބޭނުންކުރަން ފެށޭވަރުވެއެވެ. ނަމަވެސް، 1 އަހާރާއި 9 މަސް ދުވަސް ވެގެން ދިޔައިރުވެސް ކެލާގެ ކުނި މެނޭޖުކުރާ މަރުކަޒު އަދިވެސް ނުނިމެއެވެ.

މިފަދަ ކުދި ޕޮރޮޖެކްޓުތައް ނުނިމި ދިގުލައިގެން ދަނީ، ކުދި މަސައްކަތްވެސް މަރުކަޒީ ނިޒާމުގެ ތެރެއިން މާލޭގެ ވުޒާރާތަކުން މަސައްކަތް މެނޭޖުކުރަން އުޅުމުންނެވެ. ރާއްޖޭގައި މިފަދަ ކުނި މެނޭޖުކުރާ މަރުކަޒުތައް އަމިއްލަ ތަކެތީގައި ކޮށް ނިންމުމަށް އާންމުކޮށް ހަވާލުކޮށްފައި ވަނީ 1 މިލިޔަން ދިވެހި ރުފިޔާއަށެވެ. މިފަދަ ކުދި ޕްރޮޖެކްޓްތަކަކީ ރަށު ކައުންސިލުތަކުން އިއުލާން ކޮށްގެން، ހިންގޭނެ ފަދަ ޕްރޮޖެކްޓުތަކެވެ. ނަމަވެސް، ހިތާމައަކީ މިފަދަ ޕްރޮޖެކްޓުތައްވެސް މަރުކަޒީ ނިޒާމުގެ ދަށުން ، މާލޭގަ ހުންނަ ވުޒާރާއިން ހިންގަން އުޅުމެވެ.

ނަތީޖާއަކަށް ވެގެން ދަނީ ޕްރޮޖެކްޓުގެ ކަންކަން ބަލަންވާވަރަށް ނުބެލި، ޕްރޮޖެކްޓް ބޮއްސުންލައިގެން ދިޔުމެވެ. މީގެ ހުރިހާ އުނދަގުލެއް ތަހަންމަލުކުރަން ޖެހޭނީ ނިކަމެތި ރައްޔިތުންނަށެވެ. މިކަމުގެ ހައްލަކީ މިފަދަ މަސައްކަތްތައް ރަށު ކައުންސިލްތަކުން އިޢުލާނު ކޮށްގެން، ކައުންސިލްތަކުން މަސައްކަތް ބެލެހެއްޓުމެވެ. އެގޮތުން 2 މިލިޔަން ރުފިޔާއަށް ވުރެ ދަށުގެ ޕްރޮޖެކުޓްތައް ރަށު ކައުންސިލްތަކާ ހިންގަން ހަވާލުކޮށް، ރާއްޖެ އަމަލީގޮތުން ލާމަރުކަޒު ކުރުމެވެ.

ވަސީލަތްތައް ލާމަރުކަޒުކުރުމެވެ. ނޫންނަމަ، ކެލާ ކުނިމެނޭޖުކުރާ މަރުކަޒު ބޮއްސުންލައިގެން ދިޔަފަދައިން އެތައް ޕްރޮޖެކްތަކެއް ބޮއްސުންލައިގެން ހިނގައިދާނެއެވެ. ފަންނީ ޤާބިލް މުއައްޒަފުން ކައުންސިލުތަކުގައި އުފެދިގެންދާނީ މިފަދަ ޕްރޮޖެކްޓްތައް ހިންގުމުގެ ފުރުސަތުތައް ކައުންސިލްތަކަށްދީ، ކައުންސިލްތަކުގެ މުއައްޒަފުންނަށް ފަންނީ ޓްރެއިނިންގ ދެވިގެންނެވެ. ހަޤީގީ ލާމަރުކަޒީ ރާއްޖެއަކަށް ވާސިލްވެވެން އޮތީ މި ބީދައިން އަމަލުކޮށްގެންނެވެ.

ކެލާގެ ކުނި މެނޭޖްކުރާ މަރުކަޒު ނުނިމި ލަސްވުމުގެ ސަބަބުން ކެލާ ރައްޔިތުންނަށް ދަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތި ވަމުންނެވެ. އަދި އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލެވޭނެ ނިޒާމެއް ރަށުގައި ނެތުމުން، ރަށު ތެރޭގަ މަދިރި އަދި މެހި ދަނީ އާލާވަމުންނެވެ. އަދި މިހާރުގެ ކުނި ކޮށި ގާއިމުކޮށްފައި ހުރީ މީހުން ދިރިއުޅޭ ސަރަހައްދާ ވަރަށް ދުރުގައި ކަމުން، ރަށުގެ ރައްޔިތުންނަށް ރަށުގެ ކުނި ކޮށީގެ ބޭނުން ހިފުމަކީވެސް ބޮޑު ބުރައެކެވެ. ކުނި ކޮށިފުރިގެން، މުޅި ސަރަހައްދުގައި ވަނީ ޕްލާސްޓިކް ފުޅިއާއި ބިއްލޫރި އާއި ދަނގަޑެވެ. ކުނިމެނޭޖުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މާލީ އެހީތެރިކަން މަރުކަޒީ ސަރުކާރުން ފޯރުކޮށްދީފައި ނުވާތީ، ރަށު ކައުންސިލަށް ވަނީ ކުނި ކޮށި އެންމެ އެދެވޭ ގޮތުގައި މެނޭޖު ނުކުރެވިފައެވެ.

މިހާރުގެ ކުނިކޮށި ޤާއިމުކޮށްފައި ވަނީ ރަށުގެ އެންމެ ރީތި ގޮނޑުދޮށް އޮންނަ ސަރަހައްދުގައެވެ. ކެލާގައި ކުރިއަރަމުން އަންނަ ގެސްޓުހައުސް ވިޔަފާރި ކާމިޔާބު ކަމާއެކު ހިންގުމަށް، މިހާރުގެ ކުނި ކޮށި ހުރި ސަރަހައްދު ވީއެންމެ އަވަހަކަށް ސާފުކޮށް، އެސަރަހައްދުގައިވާ  ނުރައްކާތެރި ކުނިބުނި ރައްކާތެރި ގޮތުގައި ނައްތާލަން އެބެޖެހެއެވެ. އެހެން ނޫންނަމަ، މީގެ ނޭދެވޭ އަސަރު ރަށުގެ ފެންފަށަލައަށް ކޮށް، ފެންފަށަލަ ތަޤައްޔަރުވެގެން ހިނގައިދާނެއެވެ. ކެލާގައި ހިންގާ ގެސްޓްހައުސް ތަކުން ނަގާ "ގްރީން ޓެކްސް" ސީދާ ރަށު ކައުންސިލުތަކަށް ލިބޭނަމަ، ކެލާގެ ކުނީގެ މައްސަލައަށް އެދެވޭ އަވަސް ހައްލެއް ހޯދިގެންދާނެކަން ކަށަވަރެވެ.

ލިއުނީ: އާދަންފުޅު

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *