ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުންލީ ވޯޓުން ދެތިން ކަމެއް ބުނެދީފިކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެ އެވެ.
މެންބަރު ޢަލީ މިހެންވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 29 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނިމިދިޔަ ލޯކަލް ކައުންސިލު އިންތިޚާބުގައި އެކިއެކި މަޤާމުތަކަށް، ސިޓީ ކައުންސިލުތަކާއި، ރަށު ކައުންސިލުތަކާއި، އަތޮޅު ކައުންސިލުތަކާއި، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވުނު ފަރާތްތަކަށް މަރުޙަބާ ދައްނަވަމުން ޢަލީ ވިދާޅުވީ، ''ދިވެހިން އެ
ވޯޓުން ދެތިން ކަމެއް ބުނެދީފި'' ކަމަށެވެ.
"ފުރަތަމަ ކަމަކީ، ދިވެހިން ވޯޓުލާން ބޭނުންވަނީ، ދިރިހުރި ފުރާނަ ހުރި އިންސާނުންނަށް ކަމަށް. ދިވެހިންނެއް ބޭނުމެއް ނުވޭ ކޮންމެހެން ދިރުމެއް ނެތް، ތިލަފަތަކަށް ނޫނިއްޔާ ދިރުން ހުއްޓަސް، ރުކަކަށް ކޮންމެހެން ވޯޓުލާކަށް ބޭނުން ނޫންކަން، ރަނގަޅު މީހަކު ކުރިމަތިލީމާ އެ މީހާ ކުރިމަތިލާ ޕާޓީ ވެސް ދިވެހިން އިތުރަށް ބަލަން ބޭނުން ނޫންކަން މި ވޯޓުން ސާބިތުކޮށްދީފި. ހަމަ އެއާއެކީގައި ތިމާ ނިސްބަތްވާ ޕާޓީގެ ބަޔަކު ކައުންސިލުގައި ތިބެގެން ނުވަތަ ކުރިމަތިލިޔަސް، އެ މީހުންނަކީ އެ ކައުންސިލުގައި އަދާކުރަންޖެހޭ ޒިންމާ އަދާނުކުރެވޭނެ ބައެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވާނަމަ، އެ ޕާޓީ، ތިމާގެ ޕާޓީގެ މީހާއަށް ވެސް ވޯޓުނުލާނޭކަން ރައްޔިތުން މިއަދު ބުނެދީފި.'' ޢަލީ ވިދާޅުވިއެވެ.
އަދި ހަމަ އެއާއެކީގައި އެކަމުގެ ސީރިއަސްކަން ނެތް ނުވަތަ އެކަމަށް އެކަށީގެންވާ ވަރަށް މަސައްކަތްކުރަން ބޭނުންނުވާ ބަޔަކު ކުރިމަތިލައިގެން އުޅޭ ކަމަށް ވާނަމަ، އެ މީހުންނަށް ވެސް ދެން ރައްޔިތުން ވޯޓުލާން ބޭނުންނުވާ ކަމަށް ރައްޔިތުން ބުނެދީފި ކަމަށް ޢަލީ ވިދާޅުވިއެވެ.
"ޖުމްލަ ގޮތެއްގައި އަޅުގަނޑު ދަންނަވާނީ ރައްޔިތުން މި ފަހަރު ލީ ހަމަ ވަރަށް ރަނގަޅަށް އިންޓެލިޖެންޓްލީ ވިސްނައިގެން ވަރަށް ޙިކުމަތްތެރިކަމާ އެކީގައި ލީ ވޯޓެކޭ. އަޅުގަނޑު ހަމަ އެހެންކަމުން ރައްޔިތުންނަށް ވެސް އަދި ރައްޔިތުން އެ ބޭނުންކުރި އުކުޅުތަކަށާއި، އެ އިކުމަތަށް އަދި އެ
އިންޓެލިޖެންސަށް ވެސް އަޅުގަނޑު ހަމަ ތާއީދުކުރަން. އެ ފަރާތްތަކަށް ވެސް އަޅުގަނޑު ހަމަ ޝުކުރު ރައްދުކުރަން." ޢަލީ ވިދާޅުވިއެވެ.
މެންބަރު ޢަލީ މި މޭރުުން ވިދާޅުވެފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ މިހާރު އިލެކްޝަން ކޮމިޝަނުން ދަނީ ޢިއުލާން ކުރަމުންނެވެ.
އެ ނަތީޖާއިން ރާއްޖޭގެ ސިޔާސީ މަޝްރަޙް ބަދަލުވެފައިވާތަން ފެންނަކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. ކުރިން ރާއްޖޭގެ މައިޕާޓީ އެމްޑީޕީން ކޮންޓްރޯލް ކުރަމުންއައި ބައެއް ރަށްތަކުގެ ކޮންޓްރޯލް ގެއްލެމުންދާތަން އެ އިންތިޚާބުގެ ނަތީޖާއިން ފެންނަ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަޙް ދިރާސާކުރާ ބައެއް އެހެން ފަރާތްތަކުން ސިފަކުރާގޮތުގައި، އެ ނަތީޖާއަކީ ކޮންމެހެން އިދިކޮޅު ފަރާތްތަކަށް ތާއީދު އިތުރުވެގެން ލިބުނު ނަތީޖާއަކަށް ނުވެދާނެއެވެ. އެ ފަރާތްތަކުން ބުނަނީ ފެނުނީ އެމްޑީޕީއާއިމެދު އެ ޕާޓީގެ މެންބަރުންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމެކެވެ. އެފަރާތްތަކުން އެހެން ބުނަމުންދަނީ ގިނަ ޢަދަދެއްގެ އެމްޑީޕީ މެންބަރުން ވޯޓުލާން ނުނުކުންނަ ކަމަށް ބުނެއެވެ.
މި އިންތިޚާބުން އެންމެ ގިނަ ގޮނޑިތައް ކާމިޔާބުކޮށް، މާލެ ސިޓީ ފިޔަވާ އެހެން ސިޓީތަކުން ވެސް ބޮޑު ކާމިޔާބު ހޯދާފައި ވަނީ އެމްޑީޕީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!