މިއަދު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ދިވެހި ބަހުގެ އެކެޑެމީގެ ރަސްމީ ޓިކްޓޮކް އެކައުންޓް އިފްތިތާހްކޮށް، ދިވެހިބަސް ޓެކްނޮލޮޖީއާ ރައްޓެހި ކުރުމަށް އެ އެކަޑަމީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހާއްސަ އެޕެއް ވެސް އިފްތިތާޙް ކޮށްފިއެވެ.
މިގޮތުން ދިވެހިބަހުގެ އެކެޑެމީގެ ރަސްމީ ޓިކްޓޮކް އެކައުންޓް އިފްތިތާހު ކޮއްދެއްވީ އެ އެކެޑެމީގެ ރައީސް އަޝްރަފް ޢަލީ އެވެ.
ދިވެހިބަހުގެ އެކެޑެމީން ދިވެހިބަސް ޓެކްނޮލޮޖީއާ ރައްޓެހި ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މިއަދު އިފްތިތާޙްކުރި އެޕަކީ، "އިއްވި ލިޔަނި" "ލިޔަނި އިއްވި" މި ނަމުގައި އިފްތިތާހްކުރި އެޕެކެވެ.
މި އެޕް އިފްތިތާހުކޮށްދެއްވީ، ފަންނާއި ސަގާފަތާއި ތަރިކައިގެ މިނިސްޓްރީގެ މުޝީރު، ނ.ޢ.ޢ.ވ އަލްފާޟިލް އަބްދުﷲ ޞާދިޤެވެ.
ދިވެހިބަސް ޓެކްނޮލޮޖީއާ ރައްޓެހި ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން "އިއްވި ލިޔަނި" "ލިޔަނި އިއްވި" މި ނަމުގައި ޚާއްޞަ އެޕެއް އިފްތިތާހް ކޮށްފިއެވެ. pic.twitter.com/x4Yh9uVts6
— Dhivehibahuge Ekedamee (@DhivehiEkedamee) April 14, 2021
މިއެޕަކީ ދިވެހިބަހުން ލިޔާ އެއްޗެއް ފަންނިއްޔާތުގެ އެހީގައި އަޑުއަހާލެވޭ އަދި ދިވެހިބަހުން އިއްވާ އަޑުތައް ލިޔުމެއްގެ ގޮތަށް ބަދަލުކޮށްލެވޭ އެޕެއްކަމަށް ދިވެހި ބަހުގެ އެކަޑަމީން ބުނެއެވެ.
ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް މަހުގެ 14 ވަނަ ދުވަސް ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، މި އަހަރުގެ ދިވެހި ބަހުގެ ދުވަހަށް ޚާއްޞަކޮށްފައިވާ ޝިއާރަކީ، "ދިވެހިބަހުން ބުނަމާ! އަދި ލިޔަމާ" އެވެ.
ކޮންމެ އަހަރެއްގެ އޭޕްރީލް 14 ވަނަ ދުވަހު ފާހަގަކުރާ ދިވެހިބަހުގެ ދުވަހަކީ، ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަލްއައްލާމާ ހުސައިން ޞަލާޙުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށް ފާހަގަކުރާ ދުވަހެކެވެ. މަރްހޫމް ހުސައިން ޞަލާޙުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ، 14 އޭޕްރިލް 1881 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!