ރާއްޖެ ފަދަ ކުޑަ ގައުމަކަށް އަމިއްލަ ބަހަކާއި އަކުރެއް ލިބިފައި އޮތުމަކީ ބޮޑު ނަސީބެއް ކަމަށް، ފަންނާއި ސަގާފަތާއި ތަރިކައިގެ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
rt

މިނިސްޓަރު ޔުމްނާ ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ނިސްބަތުން ކުޑަ އާބާދީއެއް އޮތް، ކުޑަ ޤައުމަކަށް އަމިއްލަ ބަހަކާއި އަކުރެއް ލިބިފައިވުމީ ނުހަނު ބޮޑު ނަސީބެއް ކަމަށެވެ.

''އަންނާން އޮތް ޖީލުތަކަށް މި ބަސް ހެޔޮގޮތުގައި ގެންގޮސް ދިނުމަށް އެންމެން އެކުގައި މަސައްކަތްކުރަމާތޯ''

މިނިސްޓަރު ޔުމްނާ ވިދާޅުވެފަ ވެއެވެ.

ދިވެހި ބަހުގެ ދުވަހާއި ގުޅިގެން ދިވެހި ބަހުގެ އެކަޑަމީން ބުނެފައި ވަނީ، ދިވެހި ބަހަކީ ދިވެހީންނަށް ލިބިފައިވާ ނިޢުމަތެއް ކަމަށެވެ. ''އެއީ އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށްދޭންޖެހޭ މުހިއްމު މައުނަވީ ސަގާފީ ތަރިކައެއް. ހެޔޮ ގޮތުގައި ގިނަގިނައިން ދިވެހިބަސް ބޭނުންކުރަން އާދަކުރަމާތޯ'' ދިވެހި ބަހުގެ އެކަޑަމީން ބުނެފަ ވެއެވެ.

ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް މަހުގެ14 ވަނަ ދުވަސް ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، މި އަހަރުގެ ދިވެހި ބަހުގެ ދުވަހަށް ޚާއްޞަކޮށްފައިވާ ޝިއާރަކީ، "ދިވެހިބަހުން ބުނަމާ! އަދި ލިޔަމާ" އެވެ.

ކޮންމެ އަހަރެއްގެ އޭޕްރީލް 14 ވަނަ ދުވަހު ފާހަގަކުރާ ދިވެހިބަހުގެ ދުވަހަކީ، ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަލްއައްލާމާ ހުސައިން ޞަލާޙުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށް ފާހަގަކުރާ ދުވަހެކެވެ. މަރްހޫމް ހުސައިން ޞަލާޙުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ، 14 އޭޕްރިލް 1881 ގައެވެ.