މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން 10 ހާސް ލިޓަރު ޑީސަލާއެކު ތެޔޮ އުފުލާ ޔޮބޯޓެއް އަޑިއަށް ގޮއްސިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެ ތެޔޮ އުފުލާ ބޯޓަކީ ''ސަވާރީ'' ނަމަކަށްކިޔާ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓު ދަތުރުކުރަމުން ދިޔައީ ތިލަފުށިން ފުރައިގެން ހުޅުމާލެއަށް ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
އެ ބޯޓު އަޑިއަށް ދިޔައީ ''ކުޑަބަނާނާ'' ކައިރިއަށް ކަމަށާއި، އަޑިއަށް ދިޔައިއިރު ބޯޓުގައި 10 ހާސް ލިޓަރު ޑީސަލް ހުރިކަމަށް ވެސް އެއެމްއެންޑީއެފްއިން ވިދާޅުވެއެވެ.
މި ބޯޓުގައި ތިބީ 2 ބިދޭސީންނާއި، ދިވެއްސެކެވެ. އެމީހުން މިހާރު ވަނީ ކައިރީއޮތް ސަފާރީއަކުން ނަގާފައެވެ.
މިހާދިސާ ހިނގުމާއި ގުޅިގެން އެމްއެންޑީއެފްއާއި، ބޯޓުގެ ވެރިފަރާތް ގުޅިގެން ބޯޓު ފެންމަތިކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. މިހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ ހެނދުނު 11 ޖަހާއިރު ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
މޫސުން ގޯސްވެ ކަނޑުމަތީގެ ހާދިސާތައް ހިނގަމުންއަންނަ ކަމުގެ ރިޕޯޓް އެމްއެންޑީއެފްގެ ކޯސްޓް ގާޑަށް ލިބެމުން އަންނާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
މީގެއިތުރުން ފުލުހުން ވެސް ވަނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ކަނޑު ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދެއްވައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް އިލްތިމާސްކުރަށްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!