ހއ. އިހަވަންދޫ ސްކޫލްގެ ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުން 2 ދުވަސް ތެރޭގައި 68 ހާހަށްވުރެ ގިނަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި އެއްކޮށްފިއެވެ.
މިގޮތުން އެ ސްކޫލްގެ ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުން ވަނީ 68،200 އަށްވުރެ ގިނަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފެން ހުސްކުރި ފުޅި އެއްކޮށް، ސްކޫލާއި ހަވާލުކޮށްފައެވެ.
އިހަވަންދޫ ސްކޫލްގެ ލީޑިން ޓީޗަރ މުޙައްމަދު ޝުޖާޢު ''ތިލަދުން''އަށް ބުނީ، އެ ހަރަކާތަކީ، ''ޕާލޭ ފޮރ ދަ އޯސަންސް''އިން ކުރިއަށް ގެންދާ އެއާޗެލެންޖްގައި ބައިވެރިވުމުގެ ގޮތުންނާއި، ރަށުގެ މާހައުލަކީ ދަރިވަރުންނަށް ސިންގަލް ޔޫސް ޕްލާސްޓިކް ފުރީ މާހައުލަކަށް ހެދުމާއި، މޫދަށް އެޅޭ ޕުލާސްޓިކް ފުޅި މަދުކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު ހަރަކާތެއް ކަމަށެވެ.
''މި ސްކޫލްގެ ގްރޭޑް 1 އިން ފެށިގެން ގްރޭޑް 6ގެ ކުދިންވެގެން މި ޕްލާސްޓިކް ފުޅިތައް އެއްކުރީ، ޕްލާސްޓިކް އެއްކުރަން އެ ކުދިންނަށް އަޅުގަނޑުމެން ދިނީ ދެ ދުވަސް، ހޮނިހިރު ދުވަހު ހެނދުނު 830 އިން 930 ދެމެދު އެ ފުޅިތައް ވަނީ ސްކޫލާއި ހަވާލުކޮށްފައި، މިހަރަކާތަކީ ޕާލޭ ފޮރ ދަ އޯސަންސްއިން ކުރިއަށް ގެންދާ އެއާ ޗެލެންޖްގައި ބައިވެރިވެ ޕޮއިންޓް ހޯދުމުގެ އިތުރުން ރަށުތެރެއަށް އެއްވާ ޕްލާސްޓިކް ފުޅިތައް ނައްތާލއި ޕުލާސްޓިކް ފުޅިން ތިމާވެއްޓަށް ކުރާ ނެދެވޭ އަސަރު މަދުކުރުމަށް ހިންގުނު ހަރަކާތެއް'' ޝުޖާޢު ބުންޏެވެ.
ޝުޖާޢު ބުނީ އިހަވަންދޫ ސްކޫލަކީ މިހާރުވެސްސިންގަލް ޔޫސް ޕްލާސްޓިކް ފްރީ ސްކޫލެއް ކަމަށާއި، އެ ސްކޫލްގައި މިހާރު ވަނީ އެކަމަށް ބޭނުންވާ ޕްލޭނާއި، އުސޫލު ހަދައި ތަންފީޒުވެސް ކޮށްފަ ކަމަށެވެ. އެހެންކަމުން އެ ރަށުން ޕްލާސްޓިކް ފުޅި މަދުކޮށް، ރަނގަޅުގޮތުގައި ނައްތާލުމުގެ މަސައްކަތް ކުރުމަކީ އެ ސްކޫލްގެ އަމާޒެއްކަމަށް އޭނާ ފާހަގަ ކުރިއެވެ.
ޝުޖާޢު ބުނީ ރަށު ތެރެއަށް އުކާލާ ޕްލާސްޓިކް އެއްކުރުމުގެ ޕްލޭނެއްވެސް އެ ސްކޫލުން ގެންގުޅޭ ކަމަށާއި، މިގޮތުން ބަނދަރުފަދަ ރަށުގެ އެކިތަންތަނުގައި ޕްލާސްޓިކް ފުޅި އަޅާނެ ޑަސްބިންތައް ބަހައްޓަން ނިންމާފައިވާ ކަމަށެވެ.
ޝުޖާޢު ވަނީ އެ ސްކޫލުން ކުރިއަށް ގެންދިޔަ ޕްލާސްޓިކް ފުޅިއެއްކުރުމުގެ ހަރަކާތަށް އެ ސްކޫލްގެ ބެލެނިވެރިން ދިން އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
އިހަވަންދޫ ސްކޫލްގެ ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުން 1 ދުވަސް ތެރޭގައި 68 ހާހަށްވުރެ ގިނަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި އެއްކޮށްފައިވާއިރު، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ރާއްޖެއަށް އެތެރެކުރާ 12 ބާވަތެއް ސިންގަލް ޔޫޒް ޕްލާސްޓިކުގެ ގޮތުގައި ކަނޑައަޅައި، އަންނަ އަހަރުން ފެށިގެން އެ ބާވަތްތައް ރާއްޖެ އެތެރެކުރުން ސަރުކާރުން ވަނީ މަނާކޮށްފައެވެ.
ސިންގަލް ޔޫޒް ޕްލާސްޓިކުގެ ގޮތުގައި ކަނޑައަޅައި، އަންނަ އަހަރުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރި ބާވަތްތައް:
- ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް)، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- 50 މިލިލީޓަރާއި 200 މިލިލީޓަރާ ހަމައަށް ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި، (އެތެރެކުރުން މަނާވަނީ، 1 ޑިސެމްބަރު 2022)
- 1 ލީޓަރާއި އެއަށް ވުރެ ކުދި ޕެޓު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، (އެތެރެކުރުން މަނާވަނީ، 1 ޑިސެމްބަރު 2023)
އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭން ތަންފީޒުކޮށް، އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖޭގައި ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި 2019 ސެޕްޓެންބަރު 23 ވަނަ ދުވަހު ބޭއްވި ކްލައިމެޓް ސަމިޓުގައި އިޢުލާނު ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!