1.3 މިލިއަން މީހުންނަށް ޚިދުމަތް ދެވޭހެން ތަރައްޤީކުރުމަށް "ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް" މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ބީލަމަށް ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން މިއަދު ނެރު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ ބީލަން މަރުޙާލާގެ ފުރަތަމަ ހަރުފަތްކަމުގައިވާ ކޮންޓްރެކްޓަރުން ޕްރީކޮލިފައިވުމަށް ހުށަހެޅުމަށް އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބެންކުން މިއަދު ހުޅުވާލައިފި ކަމަށެއެވެ.

Ad
rt

މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމްބެންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2,460 (ދެހާސް ހަތަރުސަތޭކަ ފަސްދޮޅަސް) މީޓަރުގެ އާ ރަންވޭއަކާއި 111,000 (އެއްލައްކަ އެގާރަ ހާސް) އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ޢިމާރާތްކުރެވޭނެ ކަމަށް އެމިނިސްޓްރީއިން މަޢުލޫމާތު ދީފައިވެ އެވެ.

624,000 (ހަ ލައްކަ ސައުވީސް ހާސް) އަކަފޫޓުގެ އޭޕްރަންއަކާއި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ. މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 37 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވިގެން ދާނެއެވެ.

އެމިނިސްޓްރީއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. މިއެއަރޕޯޓުގެ ޓަރމިނަލް ފަރުމާކުރެވިފައިވަނީ ދިވެހި ކަނޑުތަކުގައި ދިރިއުޅޭ މަޑި ސިފަވާނެފަދަ ދިވެހިވަންތަ ފަރުމާއަކަށެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ވަޞީލަތްތަކާއެކުގައެވެ. ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުންވާ ވިސްނުންފުޅުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެކެވެ.

މިގޮތުން މި މަޝްރޫޢަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫޢެކެވެ. އަދި މާލެ ސަރަޙައްދަށް ބަރޯސާ ނުވެ، ސީދާ އުތުރުގައި ބޮޑެކަންނެލި ޕެކުކޮށް، ހަނިމާދޫއިން ވައިގެ މަގުން ބޭރުކުރުމަށް މި މަޝްރޫޢުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.

މިނޫންވެސް ތަފާތު އެކި ސިނާޢަތްތައް ތަރައްޤީކޮށް، އުތުރުގެ އިޤްތިޞާދު ފުޅާކުރުމަށް މި މިޝްރޫޢު މުހިއްމު ދައުރެއް އަދާކުރާނެއެވެ. މި އަހަރުގެ ތިންވަނަ ކުއާޓަރުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެއެވެ.

ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއަރޕޯޓް ހަގީގީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.

ހަނިމާދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކޮށް ހުޅުވީ، ކުރީގެ ރައީސް މައުމޫން އަބުދުއްޤައްޔޫމްގެ ވެރިކަމުގައި 28 އޮކްޓޯބަރު 1990 ގައެވެ. އޭގެފަހުން އެ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ 2 ފެބްރުއަރީ 2013 ގައި ރައީސް ވަޙީދުގެ ވެރިކަމުގައެވެ.