ދިވެހި އަސްކަރިއްޔާއަށް ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި، އިޙްތިރާމާއި، ޤަދަރު ނަގާލުމަށް ފުރުޞަތު ނުދޭނެ ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އިން ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓްރީއިން މިހެން ވިދާޅުވީ، ދާދި ދެންމެއަކު އާންމުކުރެއްވި ނޫސް ބަޔާނެއްގަ އެވެ.
އެ ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ނަގަހައްޓާ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން
ކަށަވަރު ކުރުމުގެ މަތިވެރި ޒިންމާ ކޮނޑުގައި އަޅައިގެން ތިބި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އިސް އޮފިސަރުންގެ އަގު ވައްޓާލައި، އެ ބޭފުޅުންނަކީ އެ ބޭފުޅުން ކުރައްވައިގެން ތިއްބެވި މަތިވެރި ހުވަޔާއި ޚިލާފުވާނެ ބައެއްގެ ގޮތުގައި ދައްކައި، ޒިންމާދާރު މީޑިއާއަކުން ނުކުރާނެފަދަ ދަށުދަރަޖައިގެ ހަޑިހުތުރު ޢަމަލުތައް ބައެއް މަދު މީޑިއާތަކުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ކުރަމުންގެންދާ ގެންދިއުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
''ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް އަމާޒުކޮށް، ހަޤީޤަތާ ޚިލާފް ޕްރޮޕެގެންޑާ ފަތުރާ، ރިޝްވަތުގެ ހުތުރު އިލްޒާމް އަޅުވާ، ޒަމާނުއްސުރެ ދިވެހި އަސްކަރިއްޔާއަށް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި އިޙްތިރާމާއި ޤަދަރު ނަގާލުމަށް ކުރަމުންގެންދާ މަސައްކަތަށް ފުރުޞަތު ނުދޭނެ ކަމުގައި ދަންނަވަމެވެ.'' ޑިފެންސް މިނިސްޓްރީއިން ވިދާޅުވެފަ ވެއެވެ.
އެ މިނިސްޓްރީއިން ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ޤައުމީ ޚިދުމަތުގައި އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު އެތައް އަހަރުތަގެއްގެ އަގުހުރި ޚިދުމަތްތަކެއް މި ޤައުމަށާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ، ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރާއި އިޙްތިރާމް ލިބިގެންވާ ބޭފުޅުން ކަމުގައި ދަންނަވާ ކަމަށެވެ.
ޑިފެންސް މިނިސްޓްރީއިން މިފަދަ ނޫސް ބަޔާނެއް އާންމު ކުރެއްވިއިރު، އުތުރު ތިލަފަޅުގެ އެއްބަސްވުންކަމަށް ބުނެ، ސިޔާސީ ހަރަކާތަކުން ލީކުކޮށްލި އެއްބަސްވުމާއި ގުޅުވައިގެން ބައެއް މީޑިއާތަކުންނާއި، މީސް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ އެމްއެންޑީއެފްގެ ބައެއް އިސް އޮފިޝަރުންނަށް ތުހުމަތުތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!