ބަޔަކު މީހުންގެ ނުރުހުމަށް ބިރުން ފިޔަވަޅުތައް އަނބުރާ ގެންދާއިރު, الله ގެ ނުރުއްސެވުމެއް އަތުވެދާނެ ކަމަށް ބިރު ނުގަންނަނީތޯ، ދީނީ ޢިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޒް އަބުދުއްލަޠީފް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި ސުވާލު ކުރަށްވައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސަރގެ މަގާމްގައި ވެސް ހުންނެވި، ޑރ. އިޔާޒް މި ސުވާލު ކުރެއްވީ އެޗްޕީއޭ ޓެގް ކުރަށްވާ ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

''ބަޔަކު މީހުންގެ ނުރުހުމަށް ބިރުން ފިޔަވަޅުތައް އަނބުރާ ގެންނައިރު, الله ގެ ނުރުއްސެވުމަށް އަތުވެދާނެ ކަމަށް ބިރު ނުގަންނަނީތޯ؟''- ޑރ. އިޔާޒް

ޑރ. އިޔާޒް މިހެން ވިދާޅުވެފައި މިވަނީ، އަންނަ މަހު 10 ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް، ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ ގޮތަށް ގެނައި އިސްލާހު އެޗްޕީއޭއިން ރޭ ބާތިލުކޮށްފައި ވަނިކޮށެވެ.

އެޗްޕީއޭ ރޭ ކުރި ޓުވިޓެއްގައި ބުނީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާގުޅިގެން ކޯވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިސްލާހް އުވާލަން ނިންމާފައިވާ ކަމަށެވެ.

ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ ގޮތަށް ގެނައި އިސްލާހާއި ގުޅިގެން ގިނަ ރަށްޔިތުންތަކެއްގެ ނުރުހުން އެޗްޕީއޭއަށް އަމާޒްވިއެވެ. ދަތުރުކުރާދުވަހުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީ.ސީ.އާރ ޓެސްޓުގެ ނެގެޓިވް ނަތީޖާއަކާއިއެކު، 5 ދުވަހުގެ މުއްދަތަށް ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭގޮތަށް އެޗްޕީއޭއިން އުސޫލު ބަދަލުގެނައިއިރު، ރާއްޖޭގެ ކޯވިޑްގެ ނަމްބަރުތައް ފެންނަންއޮތީ ނާޒުކްކޮށެވެ. އަދި މާލެ ސަރަހައްދުގައި ކާފިއު ހިންގައި، ފިޔަވަޅުތައް ވެސް އޮތީ ހަރުކަށިކޮށްފައެވެ. މިގޮތަށް ކަންކަން ހުއްޓާ އެޗްޕީއޭގެ އެ ނިންމުމުގެ ސަބަބުން ފަންނީ އެކި ފަރާތްތަކުން ވެސް އެޗްޕީއޭއަށް ފާޑުކިޔުން އަމާޒް ކުރިއެވެ.

މީގެއިތުރުން ޑރ. އިޔާޒް ގެންދަވަނީ ކޯވިޑާއި ގުޅިގެން އެޗްޕީއޭގެ ލަފާގެމަތިން ގައިދުރުކޮށް މާލޭގެ މިސްކިތްތަކުގައި ސަފުހަދަން އިސްލާމިކް މިނިސްޓްރީއިން އަންގާފައިވާތީ، އެކަމާއި ދެކޮޅަށް ވެސް ވަކާލާތު ކުރަށްވަމުން ނެވެ.

ޑރ. އިޔާޒް ވިދާޅުވީ، ޖަަމާޢަތުގެ ނަމާދުގައި ގައިދުރުކޮށް ސަފު ހެދުމަށް ވަކާލާތު ކުރާ ގިނަ މީހުންނަކީ މިސްކިތުގެ ޖަމާޢަތަށް ދާވެސް ބަޔެއް ނޫން ކަމަށެވެ.

''ދެން ކޮން ކަމެއްތޯ މިކަމުގެ ތެރެއަށް އަތްފައި ބާނާކަށް''- ޑރ. އިޔާޒް ވިދާޅުވިއެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯސްކޮށް އޮތް ނަމަވެސް އެޗްޕީއޭގެ ބައެއް ނިންމުންތައް އަންނަނީ ''ސިޔާސީ'' ޕްރެސަރާހެދިކަމަށް ވެސް ބައެއް މީހުން ދިޔައީ ތުހުމަތު ކުރަމުންނެވެ. އެ މީހުން ބުނާގޮތުގައި ކަރަންޓީނުނުވެ ކެމްޕޭނަށް ރަށްރަށަށް ދެވޭގޮތަށް އެޗްޕީއޭއިން އެ ބަދަލު ގެނައީ ސިޔާސީ ޕްރެސަރަކާ ހެދިއެވެ.

ރާއްޖޭގެ ހާލަތު މިގޮތަށް އޮތްނަމަވެސް އިދިކޮޅުން ސިލްސިލާ މުޒާހަރާތަކެއް މާލޭގައި ބާއްވަމުންދާއިރު، ސަރުކާރަށް ނިސްބަތްވާ އެމްޑީޕީން ދަނީ ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. މިގޮތުން އިއްޔެ ހުޅުމާލޭގައި އެމްޑީޕީން ބޭއްވި ކެމްޕެއިން ރެލީގައި ގައިދުރުކަން ނެތުމުން މީހުން ދަނީ ފާޑު ކިޔަމުންނެވެ. އެ ރެލީ ބޭއްވީ އެޗްޕީއޭގެ ހުއްދައާއިއެކު ކަމަށް އެ ޕާޓީން ބުނެއެވެ. މީގެއިތުރުން އިދިކޮޅުން ކުރާ މުޒާހަރާތަކުގައި ވެސް ގައިދުރުކަމެއް ނޯވެއެވެ.