ކޯވިޑްގެ އާ ވޭރިއަންޓް ތަކުގެ ނުރައްކަލަށްވެސް އެެންމެ ބޮޑަށް ހުށަހެޅޭ ބަޔަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންކަމަށާއި، އެ މަސައްކަތްތެރީންނަށް ވެކްސިން ލިބުން އަވަސްކުރުން އިންތިހާއަށް މުހިންމުކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މެންބަރު އަލީ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
rt

އަލީ ވިދާޅުވީ، ކޯވިޑްގެ އާ ވޭރިއަންޓް ތަކުގެ ނުރައްކަލަށްވެސް އެެންމެ ބޮޑަށް ހުށަހެޅޭ ބަޔަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުން ކަމަށެވެ.

އެހެންކަމުން ވީހާވެސް އަވަހަކަށް އެ މީހުންނަށް ވެކްސިން ލިބޭނެ އިންތިޒާމްތައް ރިސޯޓުތަކުގައި ހަމަޖެހިގެން ދިއުން އިންތިހާޔަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

ރިސޯޓު މަސައްކަތްތެރީންނަށް ވެކްސިން ދިނުން އަވަސްކުރުން އިންތިހާއަށް މުހިންމުކަމަށް އަލީ ވިދާޅުވެފައިވާއިރު، ރާއްޖޭގެ ކޯވިޑް ހާލަތު މިހާރުއޮތީ ނުރައްކާތެރި ފައްތަރެއްގައެވެ.

މިގޮތުން ރާއްޖެ އިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 20،447 އަށް އަރައިފައިވާއިރު، އިއްޔެ ވެސް ވަނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 135 މީހަކާއި، އެހެން ރަށްތަކުން ޕޮޒިޓިވްވި 17 މީހަކާއި އަދި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހުންނާއެކު 167 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އިއްޔެވެސް ރާއްޖެއިން ކޯވިޑް ބަލީގައި މީހަކު ނިޔާވެ، އެ ބަލީގައި ނިޔާވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 64 އަށް އަރާފައެވެ. އެއީ 56 ދިވެހިންނާއި 8 ބިދޭސީއެކެވެ.

ރާއްޖެގައި ކޯވިޑްގެ ހާލަތު ގޯސްވެ، މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުންނާއި، ރިސޯޓްތަކުން ވެސް ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެންނަމުންދާއިރު، ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެފައިވަތީ، ޢިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދަންމާލައި، މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ.