ރިސޯޓުތަކުގެ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގުރާމުގެ ދެވަނަ އަދި ތިންވަނަ ބެޗުގެ ކިޔެވުން ނިމިއްޖެއެވެ.
އޮންލައިން ޕްލެޓްފޯމެއް ކަމުގައިވާ ޒޫމް މެދުވެރިކޮށް ހިންގާ މި ޕްރޮގްރާމްގެ މި ދެ ބެޗްގެ ކިޔެވުން ކުރިއަށް ގެންގޮސްފައި ވަނީ 01 ޖަނަވަރީ 2021 ވަނަ ދުވަހުން ފެށިގެން 16 ފެބުރުވަރީ 2021 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިނިސްޓރްީ އޮފް އިސްލާމިކް އެފެއާޒްއިން ވިދާޅުވީ، މި ތަމްރީނު ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޓޫރިޒަމް ގެ އެދިވަޑައިގަތުމާ އެކު އެ މިނިސްޓްއިން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމްގައި ބައިވެރި ކުރަން ހަމަޖެހިފައި ވަނީ ޓޫރިޒަމް މިނިސްޓްރީއިން ނަން ހުށައަޅާ މީހުން ކަމަށް ވެސް އެ މިނިސްޓްރީއިން ހާމަ ކުރެއްވި އެވެ.
ދިވެހި ރާއްޖޭގެ ޓޫރިސްޓު ރިސޯޓުތަކުގައި (ވަގުތީ ގޮތުން) ބަންގި ގޮވުމާއި ޚުޠުބާ ކިޔުމާއި އިމާމުވެ ހުކުރު ނަމާދާއި ފަރްޟު ފަސް ނަމާދު އަދި ޖަމާޢަތުގައި ކުރާ ސުއްނަތް ނަމާދު ކުރުމުގެ ޤާބިލުކަން ހުރި ބަޔަކު އުފެއްދުމުގެ މަޤްސަދުގައި ހިންގާ މި ޕްރޮގްރާމް ކާމިޔާބުކަމާ އެކު ފުރިހަމަކުރާ ފަރާތްތަކަށް ހަނދާނީ ލިޔުމެއް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއެވެ.
މި ހަނދާނީ ލިޔުން ޙާޞިލުކުރާ ފަރާތްތަކަށް ދިވެހި ރާއްޖޭގެ ކޮންމެ ރިސޯޓެއްގައި ވެސް ވަގުތީ ގޮތުން މުދިމްކަން ކުރުމާއި ހުކުރު ކުރުމުގެ ހުއްދައެއް މިނސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކުރާނެ ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ވިދާޅުވެފަ އެވެ.
އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ، މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ މި އަހަރު ތެރޭގައި ކޮންމެ ރިސޯޓެއްގައި ހުކުރު ކެރެވޭނެ ދެ ޚަތީބުން ތަމްރީނު ކުރުން ކަމަށެވެ. މި ކޯހުގައި ކިޔަވައިދެއްވަނީ މިނިސްޓްރީ އޮފް އިސްްލާމިކް އެފެއާޒުގެ ވާޢިޘުންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ، ކަމަށް ޤާބިލު ޢިލްމުވެރިން ކަމަށް ވެސް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.
މި ޕުރޮގުރާމުގެ ހަތަރުވަނަ އަދި ފަސްވަނަ ބެޗުގެ ކިޔެވުން މިހާރު ކުރިއަށްދާއިރު، މި ޕްރޮގްރާމްގައި މިހާތަނަށް 69 ރިސޯޓަކުން 70 މީހުން ވަނީ ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!