މިއީ ރާއްޖޭގައި އާއްމުކޮށް ފަތްކެޔޮގަހުގެ ފަތްތަކަށް ދިމާވާ މައްސަލައެކެވެ. ބައެއްފަހަރު މިހެން ދިމާވާން ފެށުމުން ގަހަށް ކޮންމެވެސް ކާނާއެއް މަދުވީކަމަށް ނުވަތަ މާ ހޫނުގަދަވެގެން ގަހުގެ ފަތްތައް އަނދަން ފެށީކަމަށް އަހަރެމެންނަށް ހީކުރެވެއެވެ.

ނަމަވެސް މިބަލި ފެށިގެން އަންނަގޮތާއި ޙާލަތުތައް ދެނެގަތުމުން ހުބާ ޕްލާންޓްސް ޓީމަށް ފާހަގަކުރެވިފައި ވަނީ މިއީ ފަންގަސް ބައްޔެއްކަމެވެ. ސިގަޓޯކާ ފަންގައި ކަމަށެވެ.

Ad
rt

މި ފަންގަސްގެ 2 ވައްތަރެެއް ހުރެއެވެ. އެއީ ޔެލޯ ސިގަޓޯކާ އަދި ބުލެކް ސިގަޓޯކާ އެވެ. ދެވައްތަރުގެ ފަންގަސް ވެސް ފުރަތަމަ ފެންނަނީ ގަހުގެ ތިރިން 3 ވަނަ ނުވަތަ 4 ވަނަ ފަތުންނެވެ.

ޔެލޯ ސިގަކޯޓާ ފަންގަސް ބަލި ޖެހުމުން 1 މިލިމީޓަރާއި 2 މިލިމީޓަރާ ދެމެދުގެ ދިގުމިނުގެ ކުދި ދިގު ރީނދޫ ކުލައިގެ ލައްތަކެއް ފަތުގެ މަތީ ފަރާތު ދެ ނާރު ދޭތެރޭ އަޑިވެލާފައި ހުންނަ ތަނުގައި (ނާރުތަކުގެ ދޭތެރެތަކުގައި) ޖަހައެވެ.

ބުލެކް ސިގަޓޯކާ ފަންގަސް ޖަހަނީ ހަމަ މިގޮތަށް، ނަމަވެސް ފަތުގެ ދަށްފުށުގައެވެ.

މިގޮތަށް ލައްތައް ޖަހަން ފަށައި، ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ، ދެން މިލައްތައް ހިމަ ދިގު މުށި ނުވަތަ ކަޅުފެހި ކުލައިގެ ބޮޑެތި ލައްތަކަކަށް ބަދަލުވެއެވެ. އަދި މަޑުމަޑުން ބޮޑުވެ ކޮޅު ފޭއްސިފައި ހުންނަ ގޮތަށް ބަދަލުވެ ފަތުގެ ބޮޑުބަޔަކަށް ފެތުރެމުންގޮސް މުށި ކުލަ ގަދަވާން ފަށައެވެ.

އޭރު ހުންނާނީ ލައްތައް އުފެދުނު ހިސާބު ވަކިން ބޮޑަށް އަޑިވެ، ބަލާބެލުމަށް ފެން ހެދިފައި ހުންނަ ކަހަލަ ގޮތަކަށެވެ. މުށި ކުލަ ގަދަވެ ފަތުގެ އެކި ހިސާބު އޮފު އަރައި، ހަރުވެ ބަނޑި ލާފައި ހުންނަގޮތެއް ހުރެދާނެއެވެ. އަދި ރީނދޫ ކުލައިގެ ބޯޑަރެއް ލެވިފައި ހުރެދާނެއެވެ. އެ ބަޔަކީ ފަހުން މުށި ކުލަ އަރަމުން ދާނެ ބައެވެ.

އަދި އެންމެފަހުން ފަތުގެ އެކި ހިސާބުން ފަޅައިގެން ގޮސްދާނެއެވެ. އާޚިރު ނަތީޖާއަކީ މުޅިފަތް އެއްކޮށް ހަލާކުވުމާއި އިތުރު ގިނަ ފަތްތަކަށް ބަލި ފެތުރި ގަސް މަރުވުމެވެ. ގަސް މަރު ނުވިނަމަވެސް ގަހުގެ ހެދުން ހުއްޓި ފޯދުން ލަސްވުމާއި ކެޔޮވަށް ކުދި ވުމަކީ މި ފަންގަސްއާ ނުސީދާކޮށް ގުޅުން ހުރި ކަންކަމެވެ.

އެހެން ފަންގަސް ތަކެކޭ އެއްގޮތަށް ސިގަޓޯކާ ފަންގަސް ވެސް އާލާވަނީ ތެތްފިނިކަން ބޮޑުވުމުން ނެވެ. އަހަރެމެންގެ ލޮލަށް ނުފެނުނު ނަމަވެސް ފަންގަސް އަކީ އޮށުން އުފެދޭ އެއްޗެކެވެ. ވައިގެ ޒަރީއާއިން، އިންސާނުންގެ އަތުގައި ނުވަތަ ވަޅި، ކަތުރު ފަދަ އެއްޗެހީގައި ހޭކިފައި ހުންނަ އަންހެން އޮށާއި ފިރިހެން އޮށް ގުޅި ފަންގަސްއަށް ބަދަލުވެއެވެ.

އެހެންކަމުން މިފަދަ ފަންގަސް ފެތުރުނަ ނުދިނުމަށް ކުރެވެން އޮތްކަމަކީ މިކަން ކަން އެނގި އަހަރެމެންނަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމެވެ. ފަތްކެޔޮ ގަހުން ފަތް ކޮށާއިރު ވަޅި ފަދަތަކެތި ޑިސްއިންފެކްޓް ކުރުމެވެ. އާދައިގެ ގޮތުގައި ހިކޭ ކެޔޮފަތްތައް ކެނޑުމަށް ފަހު ގަސްބުޑަށް އެޅި ނަމަވެސް ބަލިޖެހިފައި ހުންނަ ފަތްތައް ރައްކާތެރިގޮތުގައި ނައްތައިލުމެވެ.

ދެން އޮތީ ބަލި ކޮންޓްރޯލްކުރުމެވެ. ސިގަޓޯކާ ފަންގަސް ކޮންޓްރޯލްކުރުމަށް ބަލީގެ ފުރަތަމަ ކޮޅުގައި ފަންގިސައިޑެއް ގަހަށް ސްޕްރޭކުރަން ޖެހެއެވެ. މިގޮތުން ރާއްޖެއިން ލިބެން ހުންނަ ފަންގިސައިޑެއް ކަމަށްވާ 'ކާބެންޑަޒިމް' ގެ 2 ގުރާމް، 1 ލިޓަރުގެ ފެނުގެ ނިސްބަތުން ސްޕްރޭ ކުރެވިދާނެއެވެ. 14 ދުވަހުން ސްޕްރޭކުރަމުން ގެންދެވިދާނެއެވެ.

ނޯޓް: މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.

ވައިބަރ ގުރޫޕް

ފޭސްބުކް ޕޭޖް

އިންސްޓަރގްރާމް

ޓެލެގުރާމް ޗެނަލް

ޓެލެގުރާމް ގުރޫޕް (ސުވާލާއި ޖަވާބު)