ކުޅުދުއްފުށީ ސިޓީއާއި، ހދ. ހަނިމާދޫގައި އިމާރާތް ކުރަންފަށާފައިވާ ހައުސިން ޔުނިޓްތައް ނިންމާނެ ބަޔަކު ހޯދަން އަލުން ޢިއުލާންކޮށްފިއެވެ.
އެ ދެރަށުގައި އިމާރާތް ކުރަންފަށާފައިވާ ހައުސިން ޔުނިޓްތައް ނިންމާނެ ބަޔަކު ހޯދަން ކުރިން ކޮށްފައިވާ ޢިއުލާން ބާތިލްކޮށް އަލުން އެ މަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ފިނޭންސްއިން ޢިއުލާން ކުރީ އިއްޔެއެވެ.
މިގޮތުން އެ މިނިސްޓްރީއިން ބުނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް ހައުސިންގ އިންފްރާސްޓަރަކްޗަރގެ އެދިލެއްވުމުގެ މަތިން އެ ދެރަށުގައި ސަރުކާރުން އިމާރާތް ކުރަން ފަށާފައިވާ ހައުސިން ޔުނިޓްތައް ނިންމުމުގެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އެ ކަމަށް ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖޭންބޭރުގެ ފަރާތްތަކަށް އަލުން ހުޅުވާލާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ހދ. ކުޅުދުއްފުށީގައި ޢިމާރާތް ކުރަން ފަށާފައިވާ 105 ހައުސިން ޔުނިޓު ނިންމުމުގެ މަސައްކަތާއި، ހދ. ހަނިމާދޫގައި ޢިމާރާތް ކުރަން ފަށާފައިވާ 100 ހައުސިން ޔުނިޓު ނިންމުމުގެ މަސައްކަތެވެ. އަދި ތ. ވިލުފުށީގައި ޢިމާރާތް ކުރަން ފަށާފައިވާ 64 ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތާއި އަލަށް އިމާރާތްކުރާ 36 ހައުސިންގ ޔުނިޓް ޑިޒައިން އެންޑް ބިލްޑް އުސޫލުން ޤާއިމް ކުރުމުގެ މަސައްކަތަށް ވެސް އެ ޢިއުލާންގައި ވަނީ ބީލަން ހުށަހެޅުމުގެ ދަޢުވަތު ދީފައެވެ.
މި ބީލަންތަކުގައި ބައިވެރިވުމަށް ފަސްސަތޭކަ ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭއިރު، ފައިސާ ބަލައިގަންނާނީ 28 ޖަނަވަރީ 2021 އިން 14 ފެބުރުވަރީ 2021 އަށް، ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރި ކޮށެވެ. އަދިމި ބީލަންތައް ހުޅުވުން އޮންނާނީ 15 ފެބުރުވަރީ 2120 ވާ ހޯމަ ދުވަހުގެ 11:00 ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް ވެސް ފިނޭންސް މިނިސްޓްރީއިން ބުނެއެވެ.
މި ހައުސިން ޔުނިޓް ތަކަކީ، ރައީސް ވަޙީދުގެ ވެރިކަމުގެ ދުވަސްވަރު ކުޅުދުއްފުށީ ސިޓީއާއި، ހދ. ހަނިމާދޫގައި އިމާރާތް ކުރަންފަށާފައިވާ ހައުސިން ޔުނިޓްތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!