ކުޑަކުދިން ތަކަކަށް ހަމަލާދީފައި ސުވަރުގެ ނުވަދެވޭނެ ކަމަށް ޒުވާނުންނާއި، ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މަޙްލޫފް މިހެން ވިދާޅުވީ، ތ. ތިމަރަފުށީގެ ދަރިވަރުންތަކެއް އޯލެވެލް އިމްތިޙާން ހަދަމުންދިޔަ ތަނެއް ގޮއްވާލަން 8 މީހަކު އުޅުނުކަމަށް މިއަދު ފުލުހުން އާންމުކުރެއްވި މައުލޫމާތާއި ގުޅިގެން މީޑިއާއަކުން ގެނެސްދީފައިވާ ޚަބަރެއް މީސް މީޑިއާގައި ހިއްސާ ކުރަށްވަމުންނެވެ.
މަޙްލޫފް ވަނީ ޒުވާނުންގެ ސިކުނޑިތައް ދޮވެލަން ޖާގަ ނުދެއްވުމަށް ގޮވާލަށްވާފަ އެވެ.
"އެއީ ބައެއްގެ ވިޔަފާރި، އަމިއްލަ އެދުމަށް ވަސްވާސްދީ، ރާވާ އަދި ކުރުވާ ކަންކަން"
މަޙްލޫފް ވިދާޅުވިއެވެ.
މަޙްލޫފް ވިދާޅުވީ، އިސްލާމް ދީނަކީ ސުލްޙައިގެ ދީން ކަމަށެވެ. އަދި އަނިޔާއާއި ދެކޮޅު ދީން ކަމަށާއި، ލޯތްބާއި އަޅާލުމުގެ ދީން ކަމަށެވެ.
ޒުވާނުންގެ ސިކުނޑިތައް ދޮވެލަން ޖާގަ ނުދެއްވުމަށް މިނިސްޓަރު މަޙްލޫފް ގޮވާލަށްވާފައިވާއިރު، ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއް ދޭން އުޅުނު 8 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސްކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމުގައި ފުލުހުން މިއަދު ވަނީ ވިދާޅުވެފައެވެ.
kudakudhin thakakah hamalaadheefa suvaruge nudheveyne.
Zuvaanunge sikundithah dhovelan furusathu nudhevvaa.
Eyee bayehge viyafaari, amilla edhumah vasvaasdhee, raavaa adhi kuruvaa kankan.
Islam dheenakee sulhaige dheen, eyee aniyaa aai dhekolhu dheen.
Loehbaa kulunuge dheen. pic.twitter.com/iqP3N7xcXg
— Ahmed Mahloof (@AhmedMahloof) January 26, 2021
ޓެރަރިޒަމް ހަމަލާއެއް ދޭން އުޅޭ ކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުމާއި ގުޅިގެން ތ. ތިމަރަފުއްޓާއި މާލެއާއި އަދި ކަނޑުމަތީގައި ހިނގި ހާއްސަ އޮޕަރޭޝަންގައި 11 ނޮވެމްބަރ 2020 ގައި ފުރަތަމަ ހައްޔަރު ކޮށްފައިވަނީ މި އަށް މީހުންގެ ތެރެއިން 6 މީހެކެވެ. ނަމަވެސް މިމައްސަލައާއި ގުޅިގެން ކުރިއަށް ގެންދިޔަ ތަހުޤީޤަށް ފަހު ނޮވެމްބަރ 27 ވަނަ ދުވަހު ތިމަރަފުށިން މި މައްސަލައާއި ގުޅުންހުރި އިތުރު 2 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
މި މައްސަލައިގެ މަޢުލޫމާތި ހިއްސާ ކުރުމަށް ފުލުހުން މިއަދު އާންމު ކޮށްފައިވާ ނޫސް ބަޔާނުގައި، މި މައްސަލާގައި ހައްޔަރު ކޮށްފައިވާ 8 މީހުންގެ މަޢުލޫމާތު ވެސް ވަނީ އާންމު ކޮށްފައެވެ. މި 8 މީހުންނަކީ އަބްދުﷲ ޝަރީފް / ތިމަރަފުށި، އަޙްސަން މުހައްމަދު / ތިމަރަފުށި، އަލީ މުނީޒު / ތިމަރަފުށި، މުޙައްމަދު އާޞިރު / ތިމަރަފުށި، އަލީ އަރުހަމް މުހައްމަދު / ކަނދޮޅުދޫ/ ޝަމާހު ޝަރީފް / ތިމަރަފުށި، އިބްރާހީމް ލޫޠު / ކުޑަފަރި، އަބްދުﷲ އިމާދު / މަޑުއްވަރި އެވެ. މި މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ 25 ޖަނަވަރީ 2021 ވީ ހޯމަ ދުވަހުއެވެ.
ފުލުހުން މި މައްސަލާގެ މަޢުލޫމާތު ހިއްސާކޮށް ނެރެފައިވާ ބަޔާނުގައި ފުލުހުންގެ އިންޓެލިޖެންސް އަށް ލިބިފައިވާ ބައެއް މަޢުލޫމާތު ވެސް ވަނީ ހިއްސާ ކުރައްވާފައެވެ. މިގޮތުން ޓެރަރިސްޓް ޖަމާޢަތެއްކަމުގައިވާ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ ޚޮރާޝާން ޕްރޮވިންސް ގެފަރާތުން އަމީރެއްގެ ގޮތުގައި ތިމަރަފުށީ އަބްދުﷲ ޝަރީފް އައްޔަނު ކުރައްވާފައިވާ ކަމަށާއި އަދި ހަރުކަށި ފިކުރުގެ ފަރާތްތަކުން އޮޕަރޭޓް ކުރަމުން ދާ ދޯންޏެއް ކަމުގައިވާ "ނަސާޙް-3" ދޯނީގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އަށް ބޭނުންވާ ސާމާނު އެއްކޮށް އެ ދޯނީގައި އައިއީޑީ އެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބިގެން ދިޔަ ކަމުގައި އެ ބަޔާނުގައި ވެއެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވާ ފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއް ދިނުމަށް ހިތްވަރު ލިބިގަނެފައިވަނީ އިސްލާމިކް ސްޓޭޓްގެ ފަރާތުން "ޖަޒީރާގެ ޒުވާނުން" ނަށް ދީފައިވާ މެސެޖަކާއި ގުޅިގެން ކަމަށާއި، އެ މެސެޖުގައި ބުނެފައިވަނީ ޖިހާދުގެ މައިދާންތަކަށް ތިބާއަށް ދަތުރު ނުކުރެވިއްޖެ ކަމަށްވާނަމަ، ދެން ސަލީބީ ދައުލަތްތަކުގެ ރައްޔިޔުން ވަނީ ތިޔަބައި މީހުންގެ ކުރިމަތީގައި ކަމަށާއި، އެބައި މީހުން ޤަތުލު ކުރުމަށާއި، ދަންޖެއްސުމަށާއި، ޗިސްޗިސް ކޮށްލުމަށާއި އަދި އަންދާލުމަށް އެ މެސެޖުގައި ބުނެފައިވާ ކަމުގައި ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
އިސްލާމިކް ސްޓޭޓްގެ މެސެޖުން ހިތްވަރު ލިބިގަނެ ފާއިތުވި އަހަރު ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތާއި ދިމާކޮށް އެ ސްކޫލުގެ ލެބޯޓްރީ ގޮއްވާލުމަށް ރާވާފައިވާ ކަމަށާއި، އަދި ހަމަ އެ ދުވަސްވަރު އެ ސްކޫލުގެ ލެބޯޓްރގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލާފައިވާ ކަމުގައި ފުލުހުންގެ ބަޔާނުގައި ފާހަގަ ކުރައްވާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!