ށ. ފުނަދޫއަކީ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރެވޭނެ ރަށެއްކަން ފުނަދޫގެ ހިތްވަރުގަދަ ދަނޑުވެރިން ސާބިތުކޮށްދެމުން ދާކަމަށް ފުނަދޫ ކައުންސިލުން ބުނެފިއެވެ.
ފުނަދޫ ކައުންސިލުން ވަނީ ކޯވިޑް-19ގެ ބަލިމަޑުކަން ފެށުނުފަހުން، އެރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް އެރަށުން ބިން ދޫކޮށްފައެވެ.
ފުނަދޫގައި ކުރެވެމުންދާ ދަނޑުވެރިކަމުގެ މަސައްކަތްތަކާއި ގުޅިގެން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު ''ތިލަދުން''އަށް ވިދާޅުވީ، އެރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ފެށިގެން ދިޔައީ މުޅިން އަލަށް ކަމަށްވާއިރު، އެރަށަކީ ކާމިޔާބު ކަމާއިއެކު ދަނޑު ހެއްދޭނެ ރަށެއްކަން އެރަށުގެ ދަނޑުވެރިން ސާބިތުކޮށްދެމުންދާ ކަމަށެވެ.
''މިރަށަކީ ކުރިން މިގޮތަށް ދަނޑު ހައްދާ އުޅުނު ރަށެއް ނޫން، ނަމަވެސް ކޯވިޑާއި ގުޅިގެން ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، ރަށުން ދަނޑުވެރިކަމުގެ ބާވަތްތައް ފަސޭހަކަމާއިއެކު ރަނގަޅު އަގުގައި ލިބޭނެ ގޮތް ހެދުމަށްޓަކައި އަޅުގަނޑުމެން ކައުންސިލުން ދަނޑުތަކެއް ދޫކުރީ، އަޅުގަނޑުމެން ކޮންމެ ދުވަހަކުހެން އެ ދަނޑުތަކަށް ގޮސް ބަލައި ހަދަން، ވަރަށް އުންމީދީ މަސައްކަތެއް ގޮތުގައި، ދަނޑުވެރިންގެ އެ މަސައްކަތް ފެންނަނީ''
އަޙްމަދު އިބްރާޙީމްފުޅު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކައުންސިލްގެ ވިސްނުންހުރީ ދަނޑުވެރިންނަށް ވީހާވެސް ލުއިފަސޭހަ ވާނެހެން ކަންކަން ކުރުން ކަމަށެވެ. އަދި ދަނޑުވެރިންގެ ފުދުންތެރިކަން އިތުރުވެ، ރައްޔިތުންނަށް ދަނޑުވެރިކަމުގެ ހެޔޮ ނަތީޖާ ލިބުމަކީ ކައުންސިލުންގެ ވިސްނުން ކަމަށް އޭނާ ވިދާޅުވިއެވެ.
''މި ދަނޑުތައް ދޫކުރެވުނީ 2 އަހަރު ދުވަހުގެ މުއްދަތަކަށް ކޮންމެ ދަނޑެއް ވަކީން އެ ދަނޑެއްގެ ވެރިފަރާތާއިއެކު އެއްބަސް ވުމެއް ހެދިގެން، އެ އެއްބަސްވުންތަކުގައި ހުންނާނެ ދަނޑުވެރިންނަށް ވީހާވެސް ފަހިވާނެ ގޮތަށް ކަންކަން ހިމަނާފައި، ދަނޑުތައް ދޫކުރީ ދެ އަހަރަށް ކަމަށް ވިޔަސް އެ ބިމުގައި ސަރުކާރުން މަޝްރޫޢުއެއް ހިންގަވަން ނުނިންމާނަމަ ނުވަތަ ކައުންސިލުން މަސައްކަތެއް ކުރިން ބޭނުން ނުވާނަމަ އެ ބިންދަތުގެ މުއްދަތު އިތުރުކޮށް ދެވޭނެ، އެ ވިސްނުން ކައުންސިލްގައި ހުރީ''
އޭނާ އިތުރަށް ވިދާޅުވިއެވެ.
ފުނަދޫގެ ދަނޑެއް، ފޮޓޯ: ފުނަދޫ ކައުންސިލް
އޭނާ ވިދާޅުވީ އެ ބިންތައް ދޫކުރެވިފައި ވަނީ އެއްވެސް އަގަކާއި ނުލައި، ހިލޭ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރީ ރައްޔިތުންނަށް އެދަނޑުތަކުން ލިބޭ މަންފާ އިތުރުކޮށް، އެރަށުގައި އެމަސައްކަތް ކުރުމަށް ހިތްވަރުދީ، ބާރު އެޅުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަމުގައި އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ޚާއްސަކޮށްގެން 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަކާއި ނުލައި، ފުނަދޫ ކައުންސިލުން އެރަށުގެ ރައްޔިތުންކުރެ ދަނޑުވެރިކަންކުރަން ޝައުގުވެރިވި ފަރާތްތަކަށް ވަނީ 2000 އަކަފޫޓުގެ 33 ބިން ދޫކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!