ދައުލަތުގެ ވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަރުޙަބާ ދެންނެވުމަށް ދަރިވަރުން ގިނަވަގުތު ކޮޅަށް ބޭތިއްބުމާއި، އަވީގައި ބޭތިއްބުމަކީ ތަރުޙީބުދޭ ކަމެއްނޫން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ''މަރުޙަބާ ކިޔުމުގައި ސްކޫލްތަކުގެ ދަރިވަރުން ޢަމަލުކުރަންވީގޮތް'' 3 ޑިސެމްބަރު 2018 ގައި ސްކޫލްތަކަށް ފޮނުވާފައިވާ ސާކިއުލާއެއް ހިއްސާ ކުރަށް ވަމުން ކުރެއްވި ޓުވީޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަރުޙަބާ ދެންނެވުމަށް ދަރިވަރުން ގިނަވަގުތު ކޮޅަށް ބޭތިއްބުމާއި، އަވީގައި ބޭތިއްބުމަކީ ތަރުޙީބުދޭ ކަމެއްނޫން ކަމަށެވެ. އަދި އެ ގޮތަށް ކަންތައް ނުކުރުމަށް 2 އަހަރު ކުރިން ވަނީ ސްކޫލްތަކަށް އެންގިފައި ކަމަށާއި، އަދި ޢަމަލު ކުރަމުންދަނީވެސް އެގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ހިއްސާ ކުރެއްވި ސާކިއުލާއަކީ 3 ޑިސެމްބަރު 2018 ގައި ސަރުކާރު ސްކޫލްތަކަށާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޜަނަށާއި އަދި ޕޮލިސީ ޕްލޭނިންގ އެންޑް ރިސާޗް ޑިވިޜަން ފޮނުއްވާފައިވާ ސާކިއުލާއެކެވެ.
''ސަރުކާރުގެ އިސްވެރިންނާއި ޢިއްޒަތްތެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުޙަބާ ދެންނެވުމަށް، ދަރިވަރުން ގިނަވަގުތު ކޮޅަށް ތިބުމާއި އަވީގައި ބޭތިއްބުމަކީ އެކަމުގެ ސަބަބުން ދަރިވަރުންގެ ޞިއްޙަތަށް އަސަރުކޮށް ތަފާތު އުނދަގޫތައް ކުރިމަތިވެ، ދަރިވަރުންނާއި ބެލެނިވެރިންގެ ވަގުތުތަކެއް ގެއްލިގެންދާ ކަމަކަށްވާތީއާއި އެގޮތަށް ދަރިވަރުން ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ އެކަން އެގޮތަށް ނުކުރުމަށް ދަންނަވަމެވެ.''
އެސާކިއުލާގައި ބުނެފައިވެއެވެ.
ދައުލަތުގެ ވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަރުޙަބާ ދެންނެވުމަށް ދަރިވަރުން ގިނަވަގުތު ކޮޅަށްތިބުމާއި އަވީގައި ބޭތިއްބުމަކީ އަޅުގަނޑުމެން ތަރުޙީބުދޭ ކަމެއްނޫން. އެ މަގަށް ކަންނުކުރުމަށް 2 އަހަރު ކުރިންވަނީ ސްކޫލްތަކަށް އެންގިފައި. އަދި ޢަމަލުކުރަމުންދަނީވެސް އެގޮތަށް. https://t.co/pchJwzwGEd
— Aishath Ali (@aisthly) December 2, 2020
ދައުލަތުގެ ވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަރުޙަބާ ދެންނެވުމަށް ދަރިވަރުން ގިނަވަގުތު ކޮޅަށް ބޭތިއްބުމާއި، އަވީގައި ބޭތިއްބުމަކީ ތަރުޙީބުދޭ ކަމެއްނޫން ކަމަށް މިނިސްޓަރު ޢާއިޝަތު ޢަލީ ވިދާޅުވެފައިވާއިރު މިއަދު ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙީމް ހޫދުވެސް ވަނީ ދައުލަތުގެ އިސް ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުޙަބާ ދެންނެވުމަށް، ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން، ނެރެގެން އެއްވެސް ޙަރަކާތެއް ހިންގުމަކީ، ސަރުކާރުން ތަރުޙީބުދޭ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.
އެފަދަ އެއްވެސް ޙަރަކާތެއްގައި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވެސް، އެއްވެސް ރަށެއްގެ ސްކޫލް މަދަރުސާއަކަށް، އަދި އެއްވެސް ކައުންސިލަކަށްވެސް އަންގައި ނުވާނެ ކަމަށާއި، އަދި އެފަދަ ޙަރަކާތްތަކުގައި، ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިނުކުރުމަށް، ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް ރައީސް ރައީސް ޞާލިޙް އިލްތިމާސްކުރައްވަވާ ކަމަށް ވެސް ހޫދު ވިދާޅުވިއެވެ.
ދައުލަތުގެ އިސް ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުޙަބާ ދެންނެވުމަށް، ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން، ނެރެގެން އެއްވެސް ޙަރަކާތެއް ހިންގުމަކީ، ސަރުކާރުން ތަރުޙީބުދޭ ކަމެއް ނޫންކަމަށް ސަރުކާރުން ބުނެފައިވަނީ ޑިސެމްބަރު 3 ވަނަ ދުވަހު ލ. އަތޮޅު ގަމަށް ރައީސް ޞާލިޙް ކުރަށްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި ރައީސަށް މަރުޙަބާ ދެންނެމުގައި ލ. ގަމު ''ޙަމަދު ބިން ޚަލީފާ އާލްޘާނީ ސްކޫލް''ގެ ދަރިވަރުން ބައިވެރިކޮށް ދިނުމަށްއެދި ގަމު ކައުންސިލުން އެ ސްކޫލަށް ފޮނުވާފައިވާ ކަމަށް ބުނާ ސިޓީއެއް މީސް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!