މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއްގެ ތުހުމަތުގައި މަގާމުން ވަކިކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލައިފި އެވެ.

ޕީޖީ އޮފީހުން ބުނީ، ހދ. ކުޅުދުއްފުށި ބަނދަރު، އަލީވަހީދުގެ މައްޗަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި 7 ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އެމައްސަލަތައް އެ ކޯޓަށް ފޮނުވީ މިމަހުގެ 18 ދުވަހުއެވެ.

Ad
rt

އަލީ ވަހީދަށް ކުރާ 7 ދައުވާ:

  • ޖިންސީ ކުށުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ކުށުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ކުށުގެ ގާނޫނު ގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ގާނޫނުލްއުގޫގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ

ޢަލީ ވަޙީދު ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން ވަކިކުރެއްވީ، މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ޢަލީ ވަޙީދު ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑަރ މިނިސްޓްރީއަށް ހުހަޅުމުން، އޭނާ އެ މަގާމުން އިސްތިޢުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެންގެވުމުން އެ މަގާމުން އިސްތިޢުފާ ނުދެއްވުމުން މިއަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ.

މަގާމުން ވަކިކުރިތާ 10 ދުވަސް ފަހުން، ޖުލައިމަހުގެ 20 ވަނަ ދުވަހުގެ ރޭ ޢަލީ ވަހީދު ވިދާޅުވީ، އޭނާ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައަކީ ސިޔާސީ ނުފޫޒު އެކުލެވިގެންވާ މައްސަލައެއްކަމަށާއި ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށެވެ.

އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު ނޫސްވެރިންކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެރޭ އަލީ ވަހީދު ވިދާޅުވީ އިންސާފުވެރިކަމާއެކު މައްސަލަ ތަހުގީގުކޮށްފިނަމަ އޭނާގެ ކުށެއް ނެތްކަން ސާބިތުވެގެންދާނެ ކަމަށެވެ.