އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ފޮނުވައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިރޭ ކުރި ޓުވީޓެއްގައި ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ހުށަހެޅުމަށްޓަކައި ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ބަޖެޓް މިއަދު މަޖިލީހަށް ފޮނުވާފައިވާކަމަށެވެ.

Ad
rt

މަޢުލޫމާތު ލިބިފައިވާގޮތުގައި މަޖިލީހަށް ހުށައަޅާފައިވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގެ ތަފްސީލް ދެއްވާނީ މަޖިލީހުގައި ފިނޭންސް މިނިސްޓަރުކަމަށް އެމިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

ކޯވިޑް-19 އިގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ވަނީ މިއަހަރު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން 2020 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ރިވައިޒް ކުރުމަށް ފަހު އަލުން ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ.

ބަޖެޓް ހުށަހެޅުމަށް ޤާނޫނުގައި ބުނާ އެންމެފަހު ދުވަހަކީވެސް މިއަދެވެ. ޤާނޫނުގައި ބުނާގޮތުން ކުރިއަށް އޮތް އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް އޮކްޓޯބަރު މަސްނިމުމުގެ ކުރިން މަޖިލީހަށް ފޮނުވަންޖެހެއެވެ.

2020 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން ފާސްކޮށްފައި ވަނީ 37.8 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގައި އަހަރު އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވީނަމަވެސް ކޯވިޑް-19 އާއި ގުޅިގެން މިއަދަދުވަނީ ބޮޑުތަނުން މަދުވެފަ އެވެ.