ކަށިކޭލުގައި ތައްޔާރުކުރާ ''ދޮން ހަސަނު'' އަކީ ކުރީއްސުރެ އުތުރުގެ ރަށްތަކުގައި ތައްޔާރުކޮށް އުޅޭ ކެއުމުގެ ބާވަތެކެވެ. އުތުރުގައި ނޫނަސް ''ދޮން ހަސަނު'' ތައްޔާރުކޮށް އުޅުމަކީ ވެސް ހަމަ ވެދާނެ ގޮތެކެވެ.
ކޮންމެއަކަސް މިހަފުތާގައި މިއޮތީ އުތުރުގެ ހދ. ފިނޭ މީހުން ތައްޔާރުކުރާ ގޮތަށް ފިނޭ މީހުންގެ ރަހަތަކާއިއެކު ''ދޮން ހަސަނު'' ތައްޔާރު ކުރާނެ ގޮތެވެ.
މީގެ ކުރީން ވެސް ވަނީ ފިނޭ މީހުން ކައްކާ އުޅޭ ގޮތަށް އެ މީހުންގެ ޚާއްޞަ ބައެއް ކާނާގެ ބާވަތްތައް ގެނެސް ދެވިފައެވެ. އޭގެ ތެރޭގައި ފިނޭ މީހުން ''މަސް ބޮނޑި'' ތައްޔާރު ކުރާ ގޮތާއި، ''މުގުރު ބޮނޑި''، ''ބަށި މުސައްމާ''، ''ކަންނެތް ދެލޮނު''، ''ބަނބުކޭލު ކަނޑު ކުކުޅު''، ''ކޭލު ފޯ'' އަދި ''ކުޅި ކެޔޮ'' ފަދަ ބާވަތްތައް ވަނީ ގެނެސް ދެވިފައެވެ.
އެނގިވަޑައި ގަންނަވާނެ ފަދައިން އަޅުގަނޑުމެން ކޮންމެ ހަފްތާއަކު ވެސް ކެއުމުގެ ބާވަތެއް ތައްޔާރު ކުރާނެގޮތް ގެނެސް ދެވޭތޯ މަސައްކަތް ކުރަމުން ދާއިރު، މި ގެނެސްދެނީ ހދ. ފިނޭއަށް ނިސްބަތްވާ ކަނބަލެއް ކަމަށްވާ ވަރުދާ އަޙްމަދު ކެއުމުގެ ބާވަތްތައް ތައްޔާރު ކުރާއިރު ގެންގުޅޭ ރަހަތަކާއިއެކު އެބާވަތްތައް ތައްޔާރު ކުރާގޮތް ވަރުދާގެ ކިޔައިދޭ ގޮތަށެވެ.
މިފަހަރު ވަރުދާ މިކިޔައި ދެނީ ފިނޭ މީހުން ކަށިކޭލުގައި ''ދޮން ހަސަނު''، ތައްޔާރު ކުރާ ގޮތެވެ.

''ދޮން ހަސަނު'' ގެ ނަން ކިޔުނުގޮތް ދުވަސްވީ މީހުން ކައިރިން އަހާލައިގެން ވެސް ހޯދޭނެ ގޮތެއް ނުވިއެވެ. ފިނޭ މީހުން ކިޔައިދިން ގޮތުން ''ދޮން ހަސަނު''ގެ ރަން ޒަމާނުގައި ''ފަރި ހޮނޑައިދޫ'' މީހުން ވެސް ވަރަށް ގިނައިން '' ދޮން ހަސަނު'' ތައްޔާރުކޮށް އުޅެއެވެ. ''ފަރި ހޮނޑައިދޫ'' އަކީ ހދ. އަތޮޅުގައި ކުރީން މީހުން އުޅުނު ދެ ރަށްކަމަށްވާ ފަރިދޫ އާއި ހޮނޑައިދޫ އެވެ. ފިނޭ ކައިރީ އޮންނަ މި ދެ ރަށުގެ މީހުން ވަނީ މީގެ އަހަރުތަކެއް ކުރީން ފަރިދޫ މީހުން ނޮޅިވަރަން ފަރަށް އަދި ހޮނޑައިދޫ މީހުން ހަނިމާދޫއަށް ހިޖުރަކޮށްފައި އެވެ. އެރަށް ރަށުގެ ދުވަސްވީ ބައެއް މީހުންކައިރިން އަހާލައިގެން ވެސް ''ދޮން ހަސަނު'' ކިޔުނު ގޮތެއް ނޭނގުނެވެ. ބެލެވޭ ގޮތުން ''ދޮން ހަސަނު''ގެ ފެށުން އޮތީ ވަރަށް ވެސް ކުރިއާއި ގުޅިފައި އެވެ.
ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި
- 3 ޖޯޑު ކަށިކެޔޮ (ތުނިކޮށް ކޮށާފައި، މިކަށިކެޔޮ ވާންވާނީ ވަރަށް ރަނގަޅަށް ދޮންވެފައި ހުރި ކަށިކޭލަށް)
- 2 ޖޯޑު ގަބުޅު ހުނި
- 1/2 ޖޯޑު ހަކުރު

ތައްޔާރު ކުރާނެ ގޮތް
ފުރަތަމަ ތުނިކޮށް ކޮށާފައި ހުރި ކަށިކެޔޮތަކުގެ ތެރެއަށް ހަކުރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ކުޑަ ފެން ފޮދެއް ޖަހާލުމަށްފަހު މިކްސްޗަރަށް އަޅައި ރާޅުކޮށް މުގުރާލާށެވެ. (ކަށިކޮޔޮ ތުނިކޮށް ކޮށާފައި ހުރިނަމަ މިކްސްޗަރަށް ނޭޅިއަސް އަތުން ވެސް މޮޑެލެވިދާނެއެވެ.) ދެން ގަބުޅި ހުނިކޮޅު އެއްކޮށްލުމަށްފަހު މޮޑެލައި، ގުޅަ ޖަހައިލާށެވެ. މިހާރު ތިހިރީ ''ދޮން ހަސަނު'' މޮޑެވިފައި އެވެ.
ކެއުމަށް އިންސާފުކޮށްލުމަށްފަހު އަނގަމީރުކޮށްލަން، ތައްޔާރުކޮށްލަން ރަނގަޅު އެއްޗެއް ކަމުގައި ވެސް ''ދޮން ހަސަނު'' ވާނެއެވެ. ''ދޮން ހަސަނު'' ތައްޔާރުކޮށްލަން އެހާމެ ފަސޭހަވެސް ވާނެއެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!