މިރާއްޖޭގައި، ވަރި ކައިވެންޏެއް ކުރިޔަސް ފެންނަނީ ސިޔާސީ ކުރާތަން ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޛާ އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.

ބާ ކައުންސިލްގެ މެންބަރުކަން މިހާރު ކުރަށްވާ، ދިނީ ޢިލްމުވެރިޔާ އަނާރާ ވިދާޅުވީ އެގޮތަށް އެކަން ކުރުމަކީ ހިތާމަ ކުރަށްވާ ކަމެއް ކަމަށެވެ.

Ad
rt

އަނާރާ ވިދާޅުވީ އަސްލު ހަޑިކަމަކީ ކައިވެނި ނުކޮށް މާތް ﷲ ނަހީ ކުރެއްވި ގޮތަށް އުޅުން ކަމަށެވެ.

''ވަރި، ކައިވެންޏެއް ކުރިޔަސް މިރާއްޖޭގައި ސިޔާސީ ކުރާތަން ފެނޭ، މިއީ ހިތާމަ ހުރި ކަންކަން، އަސްލު ހަޑިކަމަކީ ކައިވެނި ނުކޮށް ﷲ ނަހީ ކުރެއްވި ގޮތަށް އުޅުން''

=އަނާރާ ނައީމް، މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު=

އަނާރާ މިހެން ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ޗެއާމަން ޤާސިމް އިބްރާޙީމް އިތުރު ކައިވެންޏެއް ކުރެއްވި ކަމަށް ރޭ މީޑިއާގައި ރިޕޯޓު ކުރުމާއި ވިދިގެން ބައެއް މީހުން މީސް މީޑިއާގައި އެކަން ސިޔާސީކޮށްގެން ވާހަކަތައް ފަތުރަމުން ދާތީ ކަމަށް ބެލެވެއެވެ.

ސެއިޚް ޢަލީ ޒައިދުވެސް ރޭގައި ވަނީ މީހަކު މީހަކާއި އިނަސް ނުވަތަ ވަރިކުރިޔަސް އެއީ މީހަކާއި ބެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

''ކައިވެނީގައި ހިނގާ ކަންކަން ދުރުގައި ތިބޭ ބަޔަކަށް ނޭނގޭނެ، 18 އަހަރު ވުމަށްފަހު ޤާނޫނީ ގޮތުން ވެސް ބޮޑު މީހަކަށް ވީހިނދު އަމިއްލަ އިޚްތިޔާރުގައި ކުރާ ހުއްދަ ކަމަކާއި ބެހެންޖެހޭ ސަބަބެއް ނުވިސްނުނު'' ސެއިޚް ޢަލީ ޒައިދު ވިދާޅުވެފައި ވެއެވެ.

ހަޑިވާންވީ ހަރާމް ގޮތުގައި ހިންގާ ޒިނޭގެ އަމަލުތަކާއި، ރޭޕުތަށް ކަމަށާއި، ރުހުމާއިއެކު، މާތް ހުއްދަ ކުރަށްވާފައިވާ މިންގަނޑުގައި ކުރާ ކައިވެންޏެއް ނޫން ކަމަށް ވެސް ސެއިޚް ޢަލީ ޒައިދު ވަނީ ވިދާޅު ވެފައެވެ.