އަލް އަޞްރު ސޫރަތުން ލިބޭ އެންމެ ބޮޑު އެއް އިބްރަތަކީ ވަގުތުގެ މުހިއްމުކަމެވެ. އެގޮތުން މި ސޫރަތް ފަށަމުން "ޒަމާން ގަންދެއްވަމެވެ" އޭ ވިިދާޅުވެ ފަށާފައިވުމުން ދޭހަވަނީ ވަގުތަށް މާތް ﷲ ދެއްވާފައިވާ އަހައްމިއްޔަތުކަމެވެ.
ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ބޭނުން ކުރުމަށްޓަކައި ތިމާގެ ދުވަހުގެ ތާވަލު އެކުލަވާލައި ނަމާދާއި، ﷲ އަށް ކިޔަމަންތެރިވުމަށް އިސްކަންދޭ ހާލުގައި ތިމާގެ އެހެން ކަންތައްތައް ތަރުތީބު ކުރުމެވެ. ބޭކާރު ގޮތުގައި ވަގުތު ނަގާ ނުލުމެވެ.
Ad
އެ ދެ ނިއުމަތްތަކާމެދު ވަރަށް ގިނަ ބަޔަކު ޢާފިލުވެފަައިވާ ދެ ނިއުމަތެއްގެ ވާހަކަ ލޮބުވެތި ރަސޫލާ ވަނީ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައެވެ. ހަދީޘް ކުރެއްވިއެވެ. "އެއީ ފުރިހަމަ ސިއްހަތާއި ހުސްވަގުތެވެ."
Ad
މިތަނުގައި ٱلْعَصْر ގެ މާނައަކީ ވަގުތާއި ޒަމާނެވެ، އިންސާނާގެ އުމުރު ގުޅިފައިވަނީ ޒަމާނާއެވެ. ފަހެ، ފައިދާއެއް ނެތް ގޮތުގައި އޭނާގެ އުމުރު ބޭކާރުކޮށްލި މީހާ އަބާއްޖަވެރިވެ، ގެއްލެނިވެއްޖެއެވެ. މާނައީ ޒަމާނާއި، އޭގައިވާ ޢަޖާއިބުތަކާއި، ޢިބްރަތްތައް ގަންދެއްވައި ވަޙީކުރައްވަމެވެ. އިންސާނާ ވަނީ އަބާއްޖަވެރިކަމާއި ގެއްލެނިވުމުގެ ތެރޭގައެވެ. މިތަނުގައި އިންސާނާގެ މުރާދަކީ މާތް ﷲގެ މަގުން އެއްކިބާވެފައިވާ، އެކަލާނގެއަށް ނުކިޔަމަންތެރިވުމުގެ ޢަމަލުކުރާ މީހުންނެވެ. އެއީ، މާތް ﷲ އެ ގެއްލެނިވުމުން، ހަތަރު ސިފަޔަކުން ސިފަލިބިގެންވާ މުއުމިނުން އިސްތިސްނާ ކުރައްވާފައި ވާތީއެވެ. ދެން އެކަލާނގެ ވަޙީކުރައްވަނީ
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ ﴿٣﴾
إيمان ވެ صالح عمل ތައްކޮށް، އަދި އެކަކު އަނެކަކަށް حق އަށް وصية ކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް وصية ކޮށްއުޅުނު މީހުން މެނުވީއެވެ. (3)
﴿إِلَّا ٱلَّذِينَ ءَامَنُوا۟﴾ އެންމެ ހެޔޮ ޢަމަލުކުރުމުގެ ސިފަ ލިބިގެންވާ ފުރިހަމަ މުއުމިނުން ފިޔަވައެވެ. ﴿وَعَمِلُوا۟ ٱلصَّـٰلِحَـٰتِ﴾ މާނައީ ދުނިޔޭގެ އެދުންތަކާއި އުފާތަކުގެ މައްޗަށް މާތް ﷲއަށް ކިޔަމަންވުމާއި، އެކަލާނގެ ރުއްސެވުން ލިބިގަތުން އިސްކުރި މީހުންނެވެ. އަދި މާތް ﷲ އެބައިމީހުންގެ މައްޗަށް ފަރުޟުކުރެއްވި ހެޔޮޢަމަލުތަކާއި ވާޖިބުތައް އަދާކުރާ މީހުންނެވެ. ﴿وَتَوَاصَوْا۟ بِٱلْحَقِّ﴾ އަދި ހެޔޮ ޢަމަލު ކުރުމަށާއި، ޙަރާމްކުރެއްވި ކަންތަކާ ދުރުހެލިވުމަށް އެއްބަޔަކު އަނެއް ބަޔަކަށް ވަޞިއްޔަތްކޮށް އުޅޭ މީހުންނެވެ. ﴿وَتَوَاصَوْا۟ بِٱلصَّبْرِ﴾ އަދި ދަތިތަކާއި މުޞީބާތްތަކަށް ކެތްކުރުމަށް އެއްބަޔަކު އަނެއް ބަޔަކަށް ވަޞިއްޔަތްކުރާ މީހުންނެވެ.
ހަތަރު ކަމެއް ކުރި މީހުން ފިޔަވައި އެންމެހާ މީސްތަކުން ގެއްލެނިވެފައިވާ ކަމުގައި މާތް ﷲ މިވަނީ ކަނޑައަޅުއްވާފައެވެ. އެއީ އީމާންކަމާއި، ހެޔޮ ޢަމަލުކުރުމާއި، އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކުރުމާއި، ކެތްތެރިވުމަށް އެކަކު އަނެކަކަށް ވަޞިއްޔަތްކުރުމެވެ. މިއީ ދިންނެވުމަށް ބޭނުންވާ ކަންކަމެވެ. އަދި ހެވާއި ބާއްޖަވެރިކަމުގެ މަގެވެ.
އެހެންކަމުން އަލްއިމާމު އައްޝާފިޢީ ވިދާޅުވެފައި ވެއެވެ. "މާތް ﷲ ޤުރްއާނުން މިސޫރަތް ނޫން އެހެން އެއްޗެއް ބާވައިނުލެއްވި ނަމަވެސް، މިސޫރަތް މީސްތަކުންނަށް ފުދުނީހެވެ." ދިންނަވާނޭ ގޮތްތައް އެކުގައި މި ސޫރަތުގައި އައިސްފައި ވާތީއެވެ. ރަސޫލުﷲ ﷺ ގެ އަޞްޙާބު ބޭކަލުން އެއް ބޭކަލަކު އަނެއް ބޭކަލަކާ ބައްދަލުވެއްޖެއްޔާ އެއްބޭކަލަކު އަނެއް ބޭކަލަކަށް މިސޫރަތް ކިޔައިދެއްވާފައި، ސަލާމްކުރައްވާފައި މެނުވީ ވަކިވެވަޑައިގަންނަވާކަމުގައި ނުވެއެވެ. އަލްޙާފިޡު އިބްނުކަޘީރު މިފަދައިން ވިދާޅުވެފައި ވެއެވެ.
ތިން އާޔަތުގެ މައްޗަށް ބިނާވެގެންވާ އަދި މުސްލިމުންނަށް ގިިނަ އިބްރަތްތަކެއް އެކުލެވިގެންވާ ޢަޞްރު ސޫރަތަކީ މައްކާގައި ބާއްވައިލެއްވި ސޫރަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!