ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ކުޅުދުއްފުށީ ސިޓީގައި ޓާޝިއަރީ ހޮސްޕިޓަލެއް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި ޢިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، ކުޅުދުއްފުށީ ސިޓީގައި ޓާޝިއަރީ ހޮސްޕިޓަލެއް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަން ބަޔާންކޮށް އެ އިއުލާންގައި ބުނީ މި މަސައްކަތްތަށް ޝަރުތުހަމަވާ ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށް އެ ޢިއުލާންގައި ބުނެފައި ވެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް -/1,500 (ފަނަރަ ސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރ) ދިވެހި ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެއެވެ. ފައިސާ ބަލައިގަންނާނީ 13 ސެޕްޓެންބަރު 2020 އިން 21 އޮކްޓޫބަރު 2020 އަށް، ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށް ކަމަށް ފިނޭންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީ ގޮތުގައި 2,300,000.00 ދިވެހި ރުފިޔާ ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޔޫ.އެސް ޑޮލަރ އިން އިން ބަހައްޓަން ޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
މި ޕްރޮޖެކްޓްގެ ބީލަން ހުޅުވުން އޮންނާނީ 22 އޮކްޓޫބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައިކަމަށް ފިނޭންސުން ކުރި ޢިއުލާނުގައި ބުނެފައިވެއެވެ.
ކުޅުދުއްފުށީ ސިޓީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަކީ އެންމެ އުތުރުގެ ތިން އަތޮޅުގެ މީހުން ޚިދުމަތް ލިބިގަންނަ މައި ހޮސްޕިޓަލެވެ. އެ ސިޓީގައި ޓާޝިއަރީ ހޮސްޕިޓަލެއް ގާއިމުވުމަކީ އުތުރުގެ ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެކެވެ.
ފިނޭންސް މިނިސްޓްރީއިން ވަނީ ކުޅުދުއްފުށީ ޓާޝިއަރީ ހޮސްޕިޓަލްގެ އިތުރުން އިތުރު ޓާޝިއަރީ ހޮސްޕިޓަލްތަކާއި، ހެލްތު ސެންޓަރުތައް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުތަކަށް ވެސް މިރޭ ބީލަން ހުށަހެޅުމަށް ހުޅުވާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!