މިލިޔެލަނީ ކޮރަޕްޝަންގެ ވާހަކަ ދައްކަން އަޅުގަޑު ލިޔާ ފަހު ލިޔުމަށް ހެދުމަށް ގަސްތުކޮށްފީމެވެ.

ކޮރަޕްޝަންއާ ދެކޮޅަށް ކުރާ މަސައްކަތުގައި އަޅުގަޑަށް ބައިވެރިވެވުނީ، 2007 ވަނަ އަހަރު ގެ ތެރޭގައި، ޕޮއެޓްރީގެ ކަމެއްގައި އުޅުމުގެ ތެރޭގައި ޖާދުﷲ ދެއްވި ދައުވަތަކަށް، އަލިކިލެގެފާނު މަގުގައި ހުރި އިމާރާތެއް މަތީ ފަންގިފިލާއަކަށް އަރާ ބައިވެރިވި ބައްދަލުވުމެއްގައެވެ. ހަނދާންވާގޮތުގައި އެއީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފުރަތަމަ އިންތިޚާބެވެ. ނުވަތަ ފުރަތަމަ ބައްދަލުވުމެވެ.

Ad
rt

އެދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް ގުޑްގަވަނަންސް ޕްރޮމޯޓުކުރުމާއި ކޮރަޕްޝަންއާއި ދެކޮޅަށްކުރާ އެކިކަންކަމުގައި ބައިވެރިވެ އަޑުއުފުލާ، ފަރުދާގެ ފުރަގަހުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރީމެވެ. ޓީއެމް ގެ ބޯޑުގައި ހަތަރު އަހަރު އިންއިރު އަދި މާބޮޑަށް އެކަމާ އުޅެވުނެވެ. މިއަދާ ހަމައަށް ވެސް އެހުވަފެން ދުށީމެވެ.

ޖިންސީގޯނާއާއި ރޭޕް އަދި ކޮރަޕްޝަން އަކީ ވަރަށް ނާދިރު ހާލަތެއްގައި ނޫނީ ޝަރީއަތަށް ސާބިތުވާ ކަންކަމެއް ނޫނެވެ. ސާބިތުވާ ފަހަރަކުވެސް ކޮންމެވެސް ސިޔާސީ ބޭނުމެއް އޮވެގެންވާ ސާބިތުވުމަކަށް އޮންނަނީ ވެފައެވެ. ކޯޓުތައް ވެސް ކޮރަޕްޓްވީމައޭ މީހުން ބުނެއުޅެއެވެ.

މިއަދު މިކަމާ ދައްކާ ފަހުވާހަކަ ބުނެލާނަމޭ ހިތަށްމިއެރީ، 14 ވަރަކަށް އަހަރުގެ މިދަތުރުގައި މިހާތަނަށް އައިއިރު ފެނުނު ހަގީގަތަކީ، ކޮންމެ މީހަކުވސް ބައިނޭޅޭއިރު ކޮރަޕްޝަނާ ހާދަ ދެކޮޅެވެ. އޭގެފަހުން، ސާބިތު ހިފޭވަރަށް ތުހުމަތު ކުރެވުމުން، ދެން ބުނަނީ ޝަރީއަތަށް ސާބިތުނުކުރެވޭނެ ކަމަށާއި އެހެންވީމާ ގޯހެއް ނެތްކަމަށެވެ. އަދި ކުރިކަމެއް ކޮށްފައި އޮންނާނީ އިޚުލާޞްތެރިކަމާއެކު އެންމެ ރަގަޅަށް ކަމަށެވެ. އެއީ ވަރަށް ޕެޝަނެޓުކޮށް ގުޑްގަވަނަންސް ޕްރޮމޯޓުކޮށް ކޮރަޕްޝަންއާ ދެކޮޅު ހެދި މީހުންނެވެ. އެއިރުއެވެ.

މިއަދު މިހިތަށް އަރަނީ ދެން މިވާހަކަ ހުއްޓާލާފާ، ހަޔާތުގެ ބާކީ އޮތްތަނުގައި، ކުރެވެން އޮތް ކަމަކާ އުޅެންވީއެވެ. އެއީ ކުދިންނާ އަޅާލާ އޯގާތެރި މުޖުތަމައެއް ލިބޭތޯ ބެލުމުގެ މަސައްކަތެވެ. ކޮރަޕްޝަންގެ ވާހަކަ ދައްކާކަށް ނުވާނެއެވެ.