ޅެން ހެދުމުގެ އަސާސީ ހުނަރު އުނގައްނައިދިނުމަށް "ތިލަދެކުނު މަލަސް" ގެ ނަމުގައި ތިލަދުންމަތީ ދެކުނުބުރީ ދިހަ ސްކޫލެއްގައި ކުރިއަށް ގެންދިޔަ އޮންލައިން ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
މި ކޯހަކީ ތިލަދުންމަތީ ދެކުނުބުރީގެ 10 ސްކޫލުގެ އިސްނެގުމާއި އެކު އީސަ އޮންލައިން ޕޯޓްރީ (އީ.އޯ.ޕީ) ގުޅިގެން އެ ސްކޫލުތަކުގެ ގުރޭޑް އަށަކުން ފެށިގެން މަތީގެ ގްރޭޑުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިނގި ކޯހެކެވެ.
18 އޯގަސްޓް 2020 ވީ އަންގާރަ ދުވަހުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހަށް ކުރިއަށް ދިޔަ މި ކޯހުގައި ކިޔަވައިދީފައިވަނީ ޖުމްލަ ފަނަރަ ގަޑިއިރެވެ. މި ކޯހުގައި ތިލަދުންމަތީ ދެކުނުބުރީގެ 10 ސްކޫލަކުން 125 ދަރިވަރުން ބައިވެރި ވެފައިވެއެވެ. ދަރިވަރުން ބައިވެރިވެފައިވާ ރަށްތަކަކީ ހަނިމާދޫ، ކުމުންދޫ، މަކުނުދޫ، ކުރިނބީ، ނޮޅިވަރަމް، ނޮޅިވަރަމްފަރު، ނެއްލައިދޫ، ނައިވާދޫ، ހިރިމަރަދޫ އަދި ފިނޭއެވެ.
"ތިލަދެކުނު މަލަސް" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޢާމިރު އަޙުމަދު (ފަރެސް) އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޅެންވެރިކަމަކީ ކޮބައިކަމާއި ޅެންވެރިކަމަކީ ކިބުރުވެރިކަމެއް ނޫންކަމަށާއި، އަދި އެއީ ބޮޑާކަމެއް ނޫންކަމަށާއި ޅެންވެރިކަމަކީ، ވިސްނުންތެރިކަމާއެކު ބޭނުންކުރާ ރިވެތި ފަންނުވެރިކަމެއްކަމަށް ޢާމިރު ކިޔައިދެއްވިއެވެ.

މިފަދަ ޙަރަކާތެއްގައި ޕްރިންސިޕަލުންނާއި ޓީޗަރުންނާއި ދަރިވަރުން ބައިވެރިވާތީ ވަރަށް އުފާ ކުރަން، މިއީ، ހަނދާން ނައްތާނުލެވޭނެ ކަމެއް، މިފަދަ ހިތްފަސޭހަ މަންޒަރުތައް އަޅުގަނޑުމެން ދައްކާންޖެހޭ، ސްކޫލުތަކަށް ދޭ އެއްޗަކީ މުޖުތަމަޢުގެ ނާރަށް ޖަހާ އިންޖިކްޝަނެއް،
ކުރިޔަތް އޮތްތަނުގައި ތިލަދެކުނުން މޮޅެތި ޅެންވެރިންތަކެއް އުފެދިގެން ދާނެ ކަމާމެދު ޝައްކު ނުކުރައްވާކަން ފާހަގަ ކުރަމުން ޢާމިރު ވިދާޅުވި އެވެ.
ޢާމިރުގެ ވާހަކަފުޅުގައި އަދަބަކީ ކޮބައިކަމާއި، އަދަބު އަދާކުރަނީ ކޮން ދައުރެއްކަން ތަފްޞީލުކޮށްދެއްވިއެވެ. މިގޮތުން އަދަބުގެ ތެރޭގައި އެންމެ ބާރުގަދައީ ޅެންވެރިކަންކަމަށް ޢާމިރު ފާހަގަ ކުރިއެވެ.
މި ކޯހުގައި ކިޔަވައި ދެއްވީ މަޝްހޫރު ޅެންވެރިޔާ އަދި ކުރީގެ މަޝްހޫރު ޑައިރެކްޓަރ އީސާ ޝަރީފެވެ. އީސައަކީ މިހާރު ވެސް ރާއްޖޭގައި ޅެންވެރިކަން ކުރިއަރުވައި ގިނަބަޔަކަށް ޅެން ހެދުމުގެ ހުނަރު އުނގައްނައި ދިނުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ ޅެންވެރިއެކެވެ.

ކޯހުގެ އުސްތާޛު ޢީސާ ޝަރީފުގެ ވާހަކަފުޅުގައި މި ޙަރަކާތް ފެށިގެން އައިގޮތް އޮޅުން ފިލުވައި ދެއްވަމުން ވިދާޅުވީ މިއީ ކުމުންދޫ ސްކޫލުގެ ޕްރިންސިޕަލް މުޙަންމަދު އާދަމްގެ އިސްނެންގެވުމެއްގެ މަތިން ވަރަށް އާދައިގެ ގޮތަކަށް ދެކެވުނު ވާހަކައެއް ފުޅާވެގެން ދިޔަ ކަމެއް ކަމަށެވެ. މިފަދަ މިންވަރަކަށް ބޮޑުވެގެން ދިއުމުން ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި ޙަރަކާތަކީ ތިލަދެކުނުގެ ތާރީޚުގައި ލިޔެވިގެންދާނެ ޙަރަކާތެއް، ގިނަ އަދަދެއްގެ ސްކޫލުތައް ބައިވެރިވެގެން އޮންލައިންކޮށް ކުރިޔަށްގެންދެވުނު މި ޙަރަކާތަކީ، މިފަދަ ފުރަތަމަ ޙަރަކާތް
ތިލަ ދެކުނު މަލަސް ނިންމުމުގެ ރަސްމިއްޔާތުގައި ކުމުންދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު އާދަމް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ކޯހުގެ ބައެއް ދަރިވަރުންގެ ޅެންތައް ހުށަހަޅައި ދީފައިވާއިރު އީ.އޯ.ޕީގެ ދަރިވަރުންގެ ޅެންފޮތް "އަސްކަނި" ނެރުން ވެސް ކުރިއަށް ދިޔައެވެ. މިފޮތަކީ 170 ޞަފުޙާގެ މައްޗަށް އެކުލެވިފައިވާ ފޮތެކެވެ.
ޒޫމް މެދުވެރިކޮށް ކުރިޔަށް ގެންދިޔަ މި ކޯހުގައި ބައިވެރިވި ސްކޫލުތަކުގެ ދަރިވަރުންގެ އިތުރުން ދިވެހި މާއްދާ ކިޔަވައިދެއްވާ މުދައްރިސުން ވެސް މި ކޯހުގައި ބައިވެރިވެ ޅެންހެދުމުގެ އަސާސީ ހުނަރު އުނގެނިފައިވެ އެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!