މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނ. ލަންދޫ ބަނދަރުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީއިން ބުނެފައިވަނީ ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ޑިޒައިންކޮށް ތަރައްޤީ ކުރުމަށް ބޭނުންވާ ބައެއް ސާމާނާއި އަދި މެޝިނަރީ 12 އޯގަސްޓް 2020 ވީ ބުދަ ދުވަހު އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ގެންދެވިފައިވާ ކަމަށެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން ބޮޑު ހިލަ ބޭނުންކޮށްގެން 401 މީޓަރ ބޭރު ތޮށި ހެދުމާއި، 256 މީޓަރ އެއްގަމު ތޮށި ހެދުމާއި، 13 މޫރިން ބުލޮކް ލުމާއި، 13 ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ހަރުކުރުމާއި، 1280 ސްކެއަރ މީޓަރ ޕޭވްމަންޓެއް ހެދުމާއި، 23000 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 2000 ކިއުބިކް މީޓަރ ނެރުފުން ކުރުމާއި، 60 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި އަދި 65 މީޓަރުގެ ގުރޯއިން ޖެހުންވެސް ހިމެނެއެވެ.
ޖުމުލަ 35.60 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގައި ސޮއި ކޮށްފައިވަނީ 10 ޑިސެމްބަރު 2019 ގައެވެ. މި މަޝްރޫޢު އެ ކުންފުންޏާ ހަވާލު ކޮށްފައިވަނީ 420 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!