ރާއްޖޭގައި ކޯވިޑް-19 ފެތުރުން ހަލުވިވެ، އެންމެ ބާރަށް ބަލި ފެތުރި، އެންމެ ނުރައްކާ ބޮޑު ސަރަޙައްދަކީ މާލެސަރަހައްދު ކަމަށް ވާތީ މާލެއަށް ޒަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް އަރާފޭބުން މަނާކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ އަތޮޅުތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިއަދުން ފެށިގެން މާލެ އެރޭނީ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ.
ޑރ.ނަޒްލާ ވިދާޅުވީ މާލެއެކޭ އެއްފަދައިން އަތޮޅުތަކުގެ ރަށްރަށުގެ ރައްކާތެރިކަމަށް، ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން އެއްރަށުން އަނެއްރަށަށް ދަތުރުކުރާއިރުވެސް ރައްކާތެރިކަމުގެ ގޮތުން ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށްފަހު ދަތުރުކުރުމަށް ޑރ.ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.
މާލެއަށް އާދެވޭނީ ކޮންމެހެން އަންނަންޖޭ ސިއްހީ ބޭނުންތަކަށް އެކަނި ކަމަށާއި، އަދި މާލެ އަންނަ ދޯނިފަހަރުގެ ފަޅުވެރިންނަށް މާލެ އަށް ނުފޭބޭނެ ކަމަށް ވެސް ނަޒްލާ ވިދާޅު ވިއެވެ.
މާލެ އަންނަ ދޯނިތަކުން މާލެ، ހުޅުމާލެ އަދި ވިލިމާލެ އަށް އެރުމަށް މާލޭ ސިޓީ ކައުންސިލުން ވަކި ޚާއްސަ ތަންތަނެއް ކަނޑއަޅާނެ ކަމަށާއި އެނޫން ތަންތަނަށް އެ ދޯނިތައް ގާތް ކުރުމާއި މުދާ އަރުވާ ބޭލުން ވެސް މަނާވާނެ ކަމަށެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލް ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު، އައިޝަތު ސާމިޔާ ވިދާޅުވީ، މިއަދުން ފެށިގެން މާލެ އިން ރަށް ރަށަށް ފޮނުވާނީ ކޮންމެހެން ދާން ޖެހޭ މީހުން އެކަނި ކަމަށެވެ.
ސާމިޔާ ވިދާޅުވީ، މިހާރު އެންމެ މުހިއްމު އެއް އަމާޒަކީ ރަށްރަަށަށް ބަލިފެތުރުން ކޮންޓްރޯލް ކުރުން ކަމަށެވެ. އެހެންވެ، ރަށްރަށަށް ދަތުރުކުރާ އިރު ދަތުރުމަތީގައި މާސްކް އަޅައިގެން ތިބުން ވެސް އެގޮތުން މިހާރު މަޖުބޫރު ކަމަށާއި ރަށްރަށުގައި ވެސް މާސްކް އަޅައިގެން އުޅެން އެދޭ ކަމަށެވެ.
ސަރުކާރުން މިއަދު ވަނީ ކޯވިޑް ބަލި ފެތުރުން ހަނި ކުރުމަށްޓަކައި އިތުރު އަޅަން ނިންމި ފިޔަވަޅުތައް ވެސް މިއަދު ޢިއުލާން ކުރަށް ވާފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!