މާލެ ސަރަހައްދުގައި ރޭގަނޑު ދިހަޔަކުން ފެށިގެން ފަތިހު ފަހެއް ޖެހުމާއި ހަމަޔަށް ބޭރަށް ނިކުމެ އުޅުން މަނާކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ އެ ގަޑިތަކުގައި ބޭރުގައި މީހުން އުޅޭ ކަމަށްވާނަމަ ފުލުހުން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ. އަދި އެ ވަގުތުތަކުގައި ބޭރަށް ނުކުމެވޭނީ ޒަރޫރީ ބޭނުމަކަށް ކޮންމެހެން ނުކުންނަން ޖެހިގެން ފުލުހުންގެ ހުއްދައާ އެކުކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.
މީގެ އިތުރުން ރޭގަނޑު 10 އަކުން ފަތިހު 05:00 އަކަށް އެއްގަމު އުޅަނދު ދުއްވުމާއި ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދިނުން ވެސް ހުއްޓާލުމަށް ވަނީ އަންގާފައެވެ.
"10 އިން ފެށިގެން މަގުމަތީގައި އުޅޭ މީހުން އަޅުގަނޑުމެން ޖޫރިމަނާ ކުރަމުން ގެންދާނަން. ފުލުހުން މިރޭ މަސައްކަތް ފަށާއިރު، އެއްވެސް އުޅަނދަކަށް އަޅުގަނޑުމެން ހުއްދައެއް ނުދޭނެ. އެއްވެސް ބޭނުމަކަށް ހުއްދައެއް ނުދެވޭނެ. ހަމައެކަނި އެ ގަޑީގައި ދުއްވޭނީ ސަލާމަތީ ހިދުމަތްތަކާއި ސިއްހީ ހިދުމަތް ދޭ އުޅަނދުފަހަރަށާއި އެމްބިއުލާންސަށް އެކަނި."
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް
މީގެ އިތުރުން ސަރުކާރުން އަޅުއްވާ ފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އޮފީސްތައް ހުޅުވި ނަމަވެސް އެއްފަހަރާ އޮފީހަށް ނެރެވޭނީ 50 ޕަސެންޓަށް ވުރެ މަދު މުވައްޒަފުން ކަމަށާއި، އަދި މާލެ އިން ރަށްރަށަށް އެއްވެސް މީހަކަށް ދެވޭނީ ކޮންމެހެން ދާން ޖެހޭ ހާލަތެއްގައި އެކަނި ކަމަށް ވަނީ ހަމަ ޖައްސާފައެވެ. މި ބަދަލާއި އެކު، ކުރިން ދިން ލުއިތަކުގެ ތެރޭގައި ހިމެނޭ، ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ރަށްރަށަށް ދެވޭ ގޮތަށް އޮންނަ ފަސް ދުވަހުގެ މުއްދަތު ވެސް ދެން ނޯންނާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
މާލެ ސަރަޙައްދުގައި ހިމެނޭ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ ވިޔަފާރިތަށް ރޭގަނޑު 9:30 ގައި ބަންދުކުރަންވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
އޭޕްރިލްމަހުގެ 15 ވަނަދުވަހު ކޯވިޑް ބަލި މާލެއިން ފެނި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް މާލެ ސަރަހައްދު ފުރަބަންދުގައި 60 ދުވަސް އޮތުމަށްފަހު ފުރަބަންދަށް ލުއިދީފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!