މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ވ. ފެލިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް 30 ޖުލައި 2020 ގައި ނިންމާލެވިގައިވާ ކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ.

ފެލިދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކޮށްފައިވަނީ 05 ސެޕްޓެމްބަރ 2019 ގައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 02 ފެބްރުއަރީ 2020 ގައެވެ. އެ ކުންފުނިން މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 30 ޑިސެމްބަރ 2019 ގައި އީއައިއޭ ހުއްދަ ހޯދުމަށްފަހުއެވެ. ސަރުކާރުން ހަވާލުކޮށްފައިވާ މި މަޝްރޫޢުއަކީ ޖުމްލަ 18.5 މިލިއަން ރުފިޢާގެ މަޝްރޫޢުއެކެވެ.

Ad
rt

ފެލިދޫގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކޮށްނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، 126 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮއްޓެއްލުމާއި، 61 މީޓަރުގެ ބޭރު ތޮއްޓެއްލުމާއި، 200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، ބަނދަރާ އިންވެގެން 610 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނިން ވަނީ ދެވަނަ ކުއާޓަރ ތެރޭގައި 14 މަޝްރޫޢުއެއް ނިންމާފައެވެ. އަދި 8 މަޝްރޫޢުއެއްގެ މަސައްކަތް މި ކުއާޓާގެ ތެރޭގައި ފަށާފައިވެއެވެ. މި ގޮތުން ނިމުނު މަޝްރޫޢުތަކުގެ ތެރޭގައި ކ. ތިލަފުށި ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢު، އއ. ހިމަންދޫ ބަނދަރު ހެދުމުގެ މަޝްރޫޢު، ގއ. ކަނޑުހުޅުދޫ އެއްގަމު ތޮށި ލުމުގެ މަޝްރޫޢު، . ބަނދަރު ހެދުމުގެ މަޝްރޫޢު، ގއ. ވިލިނގިލި އަދި ލ. ގަން އަދި ގދ. ތިނަދޫގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމުގެ މަޝްރޫޢު، ގދ. މާވަރުލު އެއަރޕޯޓު ޕެސެންޖަރ ޓަރމިނަލް ހެދުމުގެ މަޝްރޫޢު، ގދ. މާވަރުލު ބަނދަރު ހެދުމުގެ މަޝްރޫޢު އަދި އއ. ރަސްދޫ ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢު ހިމެނެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޖުމްލަ 35 ރަށެއްގައި އެމްޓީސީސީގެ 48 މަޝްރޫޢެއް މިހާރުވެސް ހުއްޓުމެއްނެތި ހިނގަމުން އަންނަ ކަމަށާއި އަދި 24 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.