އިމިގްރޭޝަން ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ "އަޑީގައި ފޮރުވިފައި ހުރި ކަންކަން" ސާފުކުރުމަށް އަދި އެކަން ސަމާލުކަމަށް ގެނައުމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މޮސްޓާރ ބުނެފައިވަނީ މިއީ ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ އަޑީގައި ފޮރުވިފައި ހުރި ކަންތައްތައް މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި ކުއްލި މައްސަލަ އެއްކަމަށެވެ.
މިމައްސަލަ ހުށައަޅަމުން މޮސްޓަރ ބުނެފައިވަނީ އިމިގްރޭޝަން ޤާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބޭނުމަކީ މިވަގުތު ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން ބާރުގަދަ އަވަށްޓެރި ޤައުމަކަށް ނިސްބަތްވާ 25,000 ބިދޭސީންނަށް ރާއްޖޭގައި ދާއިމީ ގޮތެއްގައި އުޅެވޭނެ ގޮތަށް މަގުފަހި ކުރުން ކަމުގައި، މިކަމުގައި އެންމެ ފުރިހަމަ މައުލޫމާތު އެނގިހުރި ފަރާތަކުން ވަނީ މައުލޫމާތު އަރުވާފައިކަމަށެވެ.
އަދި މިކަން ތަރުތީބު ކުރެވިގެން ދަނީ ވަކި ހިސާބަކުން އެމީހުންނަށް ދިވެހިރާއްޖޭގެ ރައްޔިތުންކަން ދިނުމަށްކަމަށްވޭ. އޭގެ ކުރިން ދާއިމަށް ތިބެން ފެށުމާއި އެކު ރާއްޖޭގެ އެއްބައިވަންތަކަން ގެއްލޭނެ ފަދަ ކަންކަން ކުރުމަށް ރާވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވޭ. މިގޮތުން، އެމީހުން ބޭނުންވާ ދީނަށް އުޅުމަށް ފައްޅި އެޅުމާއި، އެމީހުންގެ ދަރީން ސްކޫލަށް ދާއިރު އެމީހުންގެ ދީނީ ތައުލީމު ލިބޭނެ ގޮތް ފަހިކުރުމަށް ވަކާލާތު ކުރާނެ ކަމަށްވޭ.
ކުއްލި މައްސަލައިގައި މޮސްޓަރ ބުނެފައިވެއެވެ.
މީގެ އިތުރުން ބުނެފައިވަނީ މިކަންކަން ކުރުމަށް ހަމަޖެހިފައިވަނީ އިންސާނީ ހައްޤުތަކުގެ ނަމުގައި ކަމަށާއި ނުޤަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައަށް އޮތް ހައްލަކީ އެމީހުންނަށް ރާއްޖޭގެ ރައްޔިތުންކަން ދިނުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ވިދާޅުވުމަކީ މިކަމަށް ބާރު ލިބިދޭ އިތުރު ހެއްކެއްކަން ފާހަގަކުރާކަމަށެވެ.
25,000 މީހުންނަށް ރާއްޖޭގައި ދާއިމަށް ތިބެވޭނެ ގޮތް ހަދައި ވަކި ހިސާބަކުން ރައްޔިތުކަން ދީފިނަމަ ރާއްޖޭގައި ކުރިއަށް ބާއްވާ އިންތިހާބުތަކަށް ވަރަށް ބޮޑަށް އެހެން ޤައުމަކަށް ނުފޫޒު ފޯރުވޭނެ. މިއަދަދު ބޭނުންކޮށްގެން ދިވެހިންގެ މަދުބައެއްގެ ވޯޓްކޮޅަކާއެކީ އިންތިޚާބެއް ކާމިޔާބު ކުރެވޭނެ.
އަދި މިވަގުތު ވެސް ރާއްޖެ އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައިކަން މަޖިލީހުގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަން ހާމަކުރަމުން މޮސްޓާރ ބުނެފައިވެއެވެ.
މީގެ އިތުރުން އަވަށްޓެރި ޤައުމެއްގެ ޖާސޫސީ އިދާރާއަށް ނިސްބަތްވާ ބަޔަކު ރާއްޖޭގެ އެންމެ ދެކުނުގައާއި ހައްދުންމަތީގައާއި، މާލޭގައި ހަތިޔާރާއި އެކު މިހާރުވެސް ހަރަކާތްތެރިވަމުން ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށާއި މީގެ އިތުރުން ދެންނެވި ޤައުމުގެ އެމްބަސީއިން ރާއްޖޭގެ ގިނަ މީޑިއާތަކަށް ހަރަދުކޮށް، އެ ޤައުމުތަކާއި ދެކޮޅަށް އެ މީޑިއާއިން ލިޔުންތައް ނުލިޔާނެ ކަމުގެ ޔަޤީންކަން ހޯދާފައިވާ ކަމަށްވެސް މައުލޫމާތު މޮސްޓަރ އަށް ލިބިފައިވާކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ވަރަށް ގިނަ މުއައްސަސާތަކުގައި ކޮންސަލްޓެންޓުންގެ ގޮތުގައި މިދެންނެވި ޤައުމުގެ ޖާސޫސުން ހަރަކާތްތެރިވަމުންދާ ކަމަށާއި މުވާސަލާތީ ހިދުމަތް ދޭ ދިރާގު އަދި އޫރިދޫގައިވެސް މިދެންނެވި ޖާސޫސުން ތިބޭކަމަށް ތުހުމަތު ކުރައްވާފައިވެއެވެ.
އެ ކުއްލި މައްސަލައަށް ބަހުސްކުރަން ނެގި ފެންނަ ނުފެންނަ ވޯޓުގައި، މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓުދެއްވީ ޖަލްސާގައި ތިއްބެވި 41 މެމްބަރުންގެ ތެރެއިން 16 މެމްބަރުންނެވެ. މައްސަލަ ބަލައިގަންނަން 18 ވޯޓު ބޭނުންވާ އިރު، މައްސަލަ ބަލައިގަތުކާ ދެކޮޅަށް 19 މެމްބަރުން ވޯޓުދެއްވި އެވެ.
މިއަދު އޮތް މަޖިލިހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު މަޖިލިހުގެ ކޮމިޓީއަކަށް އިސްލާހެއް ހުށަހަޅުއްވާފައިނުވާނެ ކަމުގައެވެ. އަދި މަޖިލިހުގެ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން ކޮމިޓީގައި ހިނގަމުންދާ މަސައްކަތްތަކަށް އެމަނިކުފާނަށް އިސްލާހު ނުފޮނުއްވޭނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑެއް ކޮމިޓީއަކަށް އިސްލާހެއް ހުށައެއް ނާޅަން. އަޅުގަނޑު ކޮމިޓީއަށް އިސްލާހެއް ހުށަހެޅި ކަމަށް ވިދާޅުވީ، އަޅުގަނޑަކަށް ނުވިސްނޭ، އަޅުގަނޑު ހިތުން ކޮމިޓީ މުޤައްރިރު ވިދާޅުވީ. އަޅުގަނޑު ހުށަހަޅާފއިވާ އިސްލާހެއް ނުވާނެ!"
ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުން މަޖިލިހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި މިހާރު ކުރިއަށްދާ އިމިގުރޭޝަން ބިލުގެ މަސައްކަތް އެކޮމިޓީން ނިންމައި މަޖިލިހުގެ ތަޅުމަށް ފޮނުވުމުން އަލުން އެބިލުގެ މަސައްކަތްކުރުމަށް ބިލު ކޮމިޓީއަށް ފޮނުއްވީ ރައީސް ނަޝީދެވެ. ބިލު ފޮނުއްވިއިރު ބިލުގައި ވަކި ގޮތަކަށް ކަންތައްތަކެއް ހިމެނުމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށް ކޮމިޓީގެ މުޤައްރިރު ވިދާޅުވެފައިވެއެވެ. އެގޮތުން ބިދޭސީންނަށް ދާއިމީ ރަށްވެހިކަން ދިނުމުގެ ތެރޭގައި ކުއްޔަށް ތަންތަން ހިފާ ފަރާތްތަކަށް ރެޒިޑެންސީ ދިނުން ހިމެނުމަށް ނަޝީދު ޚިޔާލުދެއްވި ކަމުގައި ކޮމިޓީގައި މުޤައްރިރު ވިދާޅުވެފައިވެއެވެ.
އެކަމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުމާއި ފާޑުކިޔުން ރައީސް ނަޝީދަށް އަމާޒުވެފައިވާ މިދަނޑިވަޅުގައި ރައީސް ނަޝީދުވަނީ އެމަނިކުފާނު އެފަދަ އިސްލާހެއް ހުށަނާޅުއްވާ ކަމުގައި ވިދާޅުވެފައެވެ.
އަދި ރައީސް ނަޝީދު ވިދާޅުވީ، ކޮމިޓީން ނިންމާފައި ފޮނުވި ބިލު އަލުން ކޮމިޓީއަށް ފޮނުއްވީ، އެބިލުގައި އިބްތިދާއީ ބަހުސްގައި ދެކެވި ހުށަހެޅުނު ވާހަކަތައް ހިމެނިފައިނުވާތީ ކަމުގައެވެ. އަދި އެކަންކަން ހިމެނުމަށް ފޮނުއްވީ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!