ދިވެހި ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން އެ މީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ ގޮތުން މިހާރު ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ދަށުން މިއަދު ވެސް ބަންގްލަދޭޝްގެ 200 މީހުން އެ ޤައުމަށް ފޮނުވާލައިފިއެވެ.
މިކަން ހާމަކުރައްވާ މިއަދު މޯލްޑިވިއަނުން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ މިއަދު ވެސް މޯލްޑިވިއަންގެ ފުލައިޓެއް ބަންގްލަދޭޝްގެ 200 މީހުންނާއެކު ބަންގްލަދޭޝްގެ ވެރިރަށް ދާކާއަށް ފުރުވާލެވިފައިވާ ކަމަށެވެ. އިއްޔެވެސް އައްޑޫ ސިޓީ ގަމުން 135 ބިދޭސިންނާއެކު މޯލްޑިވިއަންގެ ފްލައިޓު ބަންގްލަދޭޝްއަށް ދަތުރުކޮށްފައިވެއެވެ.
ސައްހަ ލިޔެކިޔުންނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން 4500 އަށްވުރެ ގިނަ ބަންގްލަދޭޝްގެ މީހުން މިހާރު އެ ޤައުމަށް ފޮނުވާލާފައިވާއިރު މިއީ މޯލްޑިވިއަނުން ބަންގްލަދޭޝްއަށް ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގެންދިއުމަށް ބޭއްވި 22 ވަނަ ފުލައިޓެވެ.
ސަރުކާރުގެ އަމާޒަކީ ހިނގަމުންމިދާ 2020 ވަނަ އަހަރުތެރޭގައި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 20000 ބިދޭސީން އަނބުރާ އެ މީހުންގެ ޤައުމަށް ފޮނުވާލުން ކަމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގައި ޤަވާއުދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ އަދަދު ސީދާ އެނގެންނެތްއިރު، ސަރުކާރުން ލަފާކުރާ ގޮތުގައި ރާއްޖޭގައި 80000 އަށް ވުރެ ގިނަ ބިދޭސީން މިހާރުވެސް ޤަވާއިދާ ޚިލާފަށް އުޅެމުންދެއެވެ.
ދިވެހިރާއްޖޭގައި ބިދޭސީންގެ އާބާދީ އާދަޔާ ޚިލާފަށް ބޮޑުވުމާއި ގުޅިގެން ތަފާތު އިޖްތިމާޢީ މައްސަލަތަށް ކުރިމަތިވަމުން އަންނަ އިރު މިކަންކަން ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އެ މީހުންގެ ޤައުމުތަކަށް ފޮނުވާލުމަކީ ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނޭބައެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!