‏ކޯވިޑް-19 އާ ގުޅިގެން އުފެދޭ ފިޤުހީ މައްސަލަތަކުގައި އިސްލާމިކް މިނިސްޓަރު ނިންމަވާ ނިންމެވުންތައް ނިންމަވަމުން ގެންދަވަނީ ޢިލްމްވެރިންނާއި، ޑޮކްޓަރުންގެ ލަފާ ހޯއްދަވައި، ޢިލްމުވެރިން ދައްކަވާ ޙުއްޖަތް ތަކުގެ މައްޗަށް ރިޢާޔަތްކުރެއްވުމަށް ފަހުގައި ކަމަށާއި، އެ ނިންމުންތަކާއި މެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށް ޚަބަރު ނުފެތުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީއިން މިގޮތަށް އިލްތިމާސް ކުރީ މިއަދު މެންދުރު 12:59 ގައި ކޮށްފައިވާ ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން އުފެދޭ ފިޤުހީ މައްސަލަތަކުގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ނިންމުންތައް ނިންމަވާފައިވަނީ ރާއްޖޭގެ 30 އަށްވުރެ ގިނަ ޢިލްމުވެރިންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވާލައްވައި ކޮންމެ މައްސަލައެއްގައި ވަރަށް ފުޅާދާއިރާއެއްގައި އެކޮމިޓީގެ ބައްދަލުވުންތަކުގައި ވާހަދެކެވި، ‏ޑޮކްޓަރުންގެ ލަފަޔާއި، ޢިލްމުވެރިން ދައްކަވާ ޙުއްޖަތް ތަކުގެ މައްޗަށް ރިޢާޔަތްކުރެއްވުމަށް ފަހުގައި ކަމަށެވެ.

Ad
rt

އެހެންކަމުން އެ ނިންމުންތަކާމެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށް ޚަބަރު ނުފެތުރުމަށް މިނިސްޓްރީން އިލްތިމާސްކުރާ ކަމަށް އެ މިނިސްޓަރީއިން ވަނީ ބުނެފައެވެ.

ކޯވިޑް-19 އަށް އެޅި ރަށްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން މެދު ކަނޑާލާފައި އޮތް އޮތުން މާލެ ސިޓީގައި ނިމުމަކަށް ގެނައީ ޖުލައި 1 ވަނަ ދުވަހުގެ މަޣުރިބު ނަމާދުން ފެށިގެންނެވެ. އޭގެ ކުރިންވަނީ އަތޮޅުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައެވެ.

މިނިސްޓަރުގެ އެ ނިންމުން ދިފާޢުކުރަށްވައި ބައެއް ޢިލްމްވެރިންވެސް ވަނީ މީސް މީޑިއާގައި ޝުއޫރު ފާޅު ކުރަށްވާފައިއެވެ.

ޖުލައި އެއްވަނަ ދުވަހު މާލެ ސިޓީގައި އަލުން މިސްކިތްތަކުގައި ނަމާދު ކުރަން ފެށިނަމަވެސް، މިއަދުގެ ހުކުރު ނަމާދު މާލެ ސިޓީގައި ކޮށްފައެއް ނުވެއެވެ. އެކަމާއި ގުޅިގެން އިއްޔެ އިސްލާމިކް މިނިސްޓްރީއިން ނެރުނު ސާކިއުލާއެއްގައި ބުނީ މިއަދު މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނުކުރާ ގޮތަށް ނިންމީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

އިސްލާމިކް މިނިސްޓަރުގެ ނިންމުންތަކާއި މެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށް ޚަބަރު ނުފެތުރުމަށް މިނިސްޓްރީން އިލްތިމާސްކުރީ، މިއަދުގެ ހުކުރު ޖަމާއަތް ކެންސަލް ކުރުމާއި ގުޅިގެން އިދިކޮޅު ލީޑު ކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ.

ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ސިޓީގައި ހުކުރުގެ ޖަމާއަތް ގާއިމް ނުކުރާތާ 15 ހަފްތާ ވަނީ ވެފައެވެ.