2023 ވަނަ އަހަރު އޮންނަ ދިވެހި ޕްރިމިއާ ލީގުގެ ސީޒަން މާލޭގެ އިތުރުން އަތޮޅުތަކަށް ފުޅާ ކުރާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބު ވުމަށް ފަހު މީޑިއާ އާ ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރާނެ އެއް ކަމަކީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެ އަށް ފުޅާކޮށްލައިގެން ހޯމް އެންޑް އަވޭ ސިސްޓަމަށް ކުރިއަށް ގެންދިއުން ކަމަށެވެ.

Ad
rt

ބައްސާމް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކާއި އަދި އަތޮޅުތަކުގެ 8 ޒޯނުގެ ތެރެއިން ކޮންމެ ޒޯނަކުން ތަމްސީލުކުރާ އެއް ޓީމު ޕްރިމިއާ ލީގަށް އަންނާނެ ކަމަށާއި، މުޅި ރާއްޖޭގައި ދަތުރުކޮށްގެން ހޯމް އެންޑް އަވޭ މުބާރާތް ރޭވިގެންދާނެ ކަމަށެވެ.

އެ ގޮތަށް ޕްރިމިއާ ލީގު ކުރިއަށްދާއިރު އެ ލީގުގެ ބޯޑެއް އެކުލެވިގެންދާނެ ކަމަށާއި، އެ ބޯޑު މެދުވެރިކޮށް ޕްރިމިއާ ލީގުގެ މަސައްކަތްތައް ކުރެވިގެން ދާނެ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. އެގޮތުން އެ ފޯމެޓަށް ލީގް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް އެފްއޭއޭމްގެ ނައިބު ރައީސް އަލީ އުމަރާއި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް އަލީ ސުޒޭނާއި އާހަވާލު ކޮށްފައި ވާނެ ކަމަށްވެސް ބައްސާމް ވިދާޅުވި އެވެ.

މީގެއިތުރުން ބައްސާމް ވިދާޅުވީ ދިވެހިލީގް މުޅި ރާއްޖެއަށް ފުޅާ ކުރާނީ ސަރުކާރުން މިހާރު ރަށްރަށުގައި އަޅަމުންދާ ދަނޑުތަކާއި އަދި އެފްއޭއެމުން ކުރިއަށް އޮތް ދެ އަހަރު ތެރޭ އަޅާ ދަނޑުތަކުގައި ކަމަށެވެ.

އެފްއޭމުން ވަނީ ކޮރެއާ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާ އެކު ރާއްޖެގައި 20 ޓާފް ދަނޑެއް އެޅުމަށް މިދިޔަ އަހަރު ސޮއިކޮށްފައެވެ. ދަތުރުކުރުމުގެ ހުއްދަތަށް ލިބޭހާ އަވަހަކަށް އެ 20 ދަނޑުގެ ސާމާނު ކޮރެއާ އިން ރާއްޖެއަށް ޝިޕް ކުރާނެ ކަމަށާއި، މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ހުރިހާ ސާމާނެއް ލިބި މަސައްކަތްތައް ފެށިގެންދާނެ ކަމަށް އަންދާޒާ ކުރަށްވާކަމަށް ބައްސާމް ވިދާޅުވިއެވެ.

އެ ދަނޑުތަކުގެ މަސައްކަތާއި ހަވާލުވެފައިވާ ކޮރެއާ ކުންފުނިން ތިބީ ކޮންމެ 30 ދުވަހަކުން ދަނޑެއް ނިންމުމުގެ ވިސްނުމުގައިކަމަށާއި، އެ ވިނަ ދަނޑުތައް ހެދިގެން ދާއިރު، ދަނޑުތައް ހުންނާނީ ފެންސު ޖަހައި، ލައިޓް ޖެހި އަދި ރޭގަނޑު ކުޅެވޭ ހާލުގައި ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސް ކަމަށް 2016 ވަނަ އަހަރު ފުރަތަމަ އިންތިހާބުވިއިރު ވެސް ބައްސާމް ވަނީ އަތޮޅު ފުޓްބޯޅަ އަށް ބޮޑު ފޯކަސް އެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.