ކޯވިޑް-19 އާއި ގުޅިގެން، ރިސޯޓުތައް ހިމެނޭހެން ސަރުކާރަށް ދައްކަންޖެހޭ ކުލި ފަސްކޮށްދިނުމަށް ނިންމައި، އެކަން ފިނޭންސް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
އެކަމާއި ގުޅިގެން އެ މިނިސްޓްރީއިން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމާއި އެކު އިގުތިސާދަށް ދިމާވެފައިވާ ތަދުމަޑުކަމާއި، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުމަށް ދަތިވެ، ވިޔަފާރިއާއި ރައްޔިތުންނަށް މާލީ ހީނަރުކަމާއި ކުރިމަތިލާންޖެހިފައި ވާކަމަށެވެ.
އެހެންކަމުން ކުރިމަތިވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުގައި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް އެހީވުމަށާއި ވިޔަފާރި ދެމެހެއްޓުމަށްޓަކައި ސަރުކާރުން މާލީ އެހީތެރިކަމާއި އިތުރު ލުއިތައް ފޯރުކޮށްދެމުން ގެންދަމުންދާ ކަމަށާއި، މިގޮތުން، ސަރުކާރުން ދޫކޮށްފައިވާ ބިންތަކަށް 2020 ވަނަ އަހަރު ދައްކަންޖެހޭ ކުލި ދެއްކުމުގައި ލުއި ދިނުމަށް ވަނީ ނިންމައިފައިވާކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.
ސަރުކާރުން ދޫކޮށްފައިވާ ބިންތަކަށް 2020 ވަނަ އަހަރު ދައްކަންޖެހޭ ކުލި ދެއްކުމުގައި ލުއި ދިނުމަށް ނިންމައިފައިވާ ގޮތް
- ރިސޯޓުތަކުގެ ކުލި: 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާއި ހަތަރުވަނަ ކުއާޓަރަށް ނިސްބަތްވާ ރިސޯޓުތަކުގެ ކުލި 1 ޖޫން 2021 އިން ފެށިގެން ދެއްކުމަށް ފަސްކުރުން.
- އެހެނިހެން ކުލި: ޖޫން 2020 އިން ޑިސެންބަރު 2020 އާ ދެމެދު ދައްކަންޖެހޭ ބިމު ކުލި 1 ޖޫން 2021 އިން ފެށިގެން ދެއްކުމަށް ފަސްކުރުން.
މި ނިންމުމުގެ ދަށުން ފަސްކޮށްދީފައިވާ ކުލި އަނބުރާ ދައްކަންވާނީ 1 އަހަރުގެ މުއްދަތަށް ބަހައިލައިގެން ކަމަށް އެސާކިއުލާގައި ބުނެފައި ވެއެވެ.
މިގޮތުން، ކުލި ދައްކަނީ ތިން މަހުން އެއްމަހު ނަމަ، ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ 1 ޖޫން 2011 އިން ފެށިގެން 4 ކުއާޓަރަށް (ޖޫން 2021، ސެޕްޓެންބަރު 2001، ޑިސެންބަރު 2021، މާރިޗު 2022) ބަހާލައިގެން ކަމަށާއި، އަދި ކުލި ދައްކަނީ މަހުން މަހުންނަމަ، ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ 1 ޖޫން 2011 އިން ފެށިގެން 12 މަސްދުވަހަށް ބަހައިލައިގެން ކަމަށްވެސް އެ ސާކިއުލާގައި ބުނެފައި ވެއެވެ.
" މިގޮތުން ކުލި ދެއްކުން ފަސްކޮށްދިން މުއްދަތުގެ ތެރޭގައި ފަރާތަކުން ފައިސާ ދައްކައިފައިނުވުމަކުން ޖޫރިމަނާއެއް ނުހިނގާނެއެވެ. އަދި މިގޮތަށް ފަސްކޮށްދޭ ކުއްޔަށް ފައިސާ ނުދެއްކުމާ ގުޅިގެން އަރާ ޖޫރިމަނާ އާއި އިންޓްރެސްޓް ހިނގަން ފަށާނީ އަލުން ފައިސާ ދައްކަންޖެހޭ މުއްދަތުގައި (1 ޖޫން 2021 އިން ފެށިގެން) އެ ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ ސުންގަނޑިއަށް ފައިސާ ނުދައްކާނަމައެވެ." އެ ސާކިއުލާގައި ބުނެފައި ވެއެވެ.
އެ ސާކިއުލާގައި އިތުރަށް ބުނެފައި ވަނީ މިގޮތުން ފަސްކޮށްދީފައިވާ ކުލީގެ ތެރޭގައި ހިމެނެނީ އެކި މިނިސްޓްރީތަކުންނާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އެހެނިހެން އޮފީސްތަކާއި މިނިސްޓްރީތަކުން ހިންގާ ޓްރަސްޓް ފަންޑުތަކުން (ޒަކާތު ފަންޑު ފިޔަވައި) ނަގާ ކުލި ކަމަށެވެ.
1 އަހަރު ދުވަހަށް ރިސޯޓްތަކުގެ ކުއްޔާއި ބިންތަކުގެ ކުލި ފަސްކޮށްދިނުމާ ގުޅޭ ގޮތުން ސަރކިއުލަރއެއް ނެރެފި https://t.co/5MiZGOVZ2Y
— Ministry of Finance (@MoFmv) June 28, 2020
ސަރުކާރުގެ މި ނިންމުމާއިއެކު. ކުލި ދެއްކުމަށް ލުއި ދިނުމުގެ ސަބަބުން ކުއްޔަށް ހިފާފައިވާ ފަރާތާއި ސަރުކާރާއެކު ވެފައިވާ ކުލީގެ އެއްބަސްވުމެއް އިސްލާހުކުރަންޖެހޭނަމަ، އެ އިސްލާހުތައް ގެނައުމަށް ފިނޭންސް މިނިސްޓްރީއިން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!