މާލޭ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، އެ ޖަލުގައި ކޯވިޑް ފެތުރިފައި ވޭތޯ ބެލުމަށް ނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ބުނެފިއެވެ.

ކަރެކްޝަން ސާވިސްއިން ވަނީ މާލޭ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައި ވާތީ، އެޗްޕީއޭއާއި އެސަރވިސް ގުޅިގެން، ކޯވިޑަށް ޓެސްޓު ކުރުމަށް 101 ސާމަޕަލް މާލޭ ޖަލުން ނަގާފައި ވާކަމަށް ޖޫން މަހުގެ 21 ވަނަ ދުވަހު ބުނެފައެވެ.

Ad
rt

އެގޮތުން ސާމްޕަލް ނެގިފައި ވަނީ 70 އޮފިސަރުންނާއި މުވައްޒަފުން، 24 ގައިދީންނާއި ބަންދުމީހުން އަދި ހަތް ވެއިޓަރުންގެ ކަމަށް އެ ސާވިސްއިން ވަނީ ބުނެފައެވެ.

މާލޭ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައި ވާކަން އެނގިފައި ވަނީ 20 ޖޫން 2020 ވީ ހޮނިހިރު ދުވަހެވެ. އެއާއިއެކު އެޗްޕީއޭ އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމާއިއެކު އޮފިސަރުންނާއި ގައިދީން ކޯވިޑަށް ޓެސްޓުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް އެދުވަހު އެސަރވިސްއިން ވަނީ ބުނެފައެވެ.

މާލޭ ޖަލުގައި މީގެ ކުރިންވެސް ކޯވިޑް-19 ގެ އަސަރު ފެތުރިފައިވޭތޯ ބެލުމަށް ވަނީ ރެންޑަމް ސާމްޕަލްތަކެއް ނަގާފައެވެ. އެ ސާމްޕަލްތައް ވެސް ވަނީ ނެގެޓިވްވެފައެވެ. މީގެ އިތުރުން މީގެ ކުރިން ވެސް ޖަލުތަކުން އޮފިސަރުންނާއި ގައިދީން ވަނީ ކޯވިޑަށް ޓެސްޓުކޮށްފައެވެ.

މާލެ އިން އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ކޯވިޑް-19 ފެނުމާ އެކު، މުޅި މާލެ ސަރަހައްދު ވަނީ ދެ މަސް ދުވަހަށް ފުލް ލޮކްޑައުނެއް ކުރިއެވެ. ނަމަވެސް މިހާރު ވަނީ ފިޔަވަހި ތަކަކަށް ބަހާލައިގެން ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ.

މިހާތަނަށް ރާއްޖޭގައި 2323 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 1911 މީހަކަށް ވަނީ ބަލިން ޝިފާ ލިބިފައެވެ. މިހާރު މި ބަލި ޖެހިގެން ފަރުވާ ދެމުން ދާނީ 399 މީހަކަށެވެ. އަދި މި ބަލީގައި ރާއްޖޭން 8 މީހަކު ވަނީ މަރުވެފައެވެ.