ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 58 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ ޕްބްލިކް ލިމިޓެޑް (އެމްޓީސީސީ)ން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ މި މަސައްކަތުގެ 58 އިންސައްތަ މިހާރު ނިމިފައި ވާކަމަށާއި 180 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބިން އެއްވަރުކުރުމުގެ މަސައްކަތާއި ޖިއޯ ބޭގް ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، މި މަސައްކަތުގެ ތެރޭގައި 1،400 ކިއުބިކް މީޓަރުގެ ވެލި ފިލްޓަރު ކޮށް، ޖިއޯ ބޭގްސްތަކަށް ވެލި ފުރުމުގެ އިތުން 5،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ވެލި އެއްވަރު ކުރުން ހިމެނެއެވެ. އަދި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް 180 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގްތައް އަތުރާނެ ކަމަށް އެމްޓީސީއިން ވަނީ ބުނެފައެވެ.
ފޮއްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރަމުންދާ މިމަސައްކަތް އެމްޓީސީސީއާއި ހަވާލު ކޮށްފައިވަނީ މި އަހަރު ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. މި މަސައްކަތް ފަށާފައި ވަނީ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 7612،602.00 (ހަތް މިލިއަން ހަ ލައްކަ ބާރަ ހާސް ހަ ސަތޭކެ ދޭއް) ރުފިޔާއަށެވެ.
މި މަޝްރޫއުގެ ސަބަބުން ރަށް ގިރުމުގެ މައްސަލަތައް ހައްލުވެ، މީހުންނަށް ދިރިއުޅުމަށް ރައްކާތެރި ތަނަކަށް ވެގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
އެމްޓީސީއިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ އެކި މަޝްރޫޢުތައް ހަލުވި ކަމާއިއެކު ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!