ދިވެހިރާއްޖޭގެ ނިސްބަތުން އެންމެ ބިޔަ އެއް ކަނޑޫފާ ކަމަށްވާ، ހދ. ނޭކުރެންދޫ ކަނޑޫފާގެ ކަނޑޫގަސްތައް މަރުވެ، ނެތިދާ ސަބަބު ހޯދުމުގެ މަސައްކަތް، އެރަށުގެ ރައްޔިތުންނާއި ސޭވް މޯލްޑިވްސް ގުޅިގެން ފަށައިފިއެވެ.
މިގޮތުން އެރަށުގެ ކައުންސިލުންވަނީ ސޭވް މޯލްޑިވްސްއިން އެރަށަށް ދިޔަ ޓީމާއި، އެރަށުގެ ރައްޔިތުންނާއިއެކު މަޝްވަރާ ބައްދަލުވުމެއް މި މަހުގެ 25 ވަނަ ދުވަހުގެ ރޭ އެރަށުގައި ބާއްވާފައެވެ.
ނޭކުރެންދޫ ކަނޑޫފަލުގެ ކަނޑޫގަސްތައް މަރުވާ ސަބަބު ދެނެގަތުމަށް ފެށި މިމަސައްކަތުގެ ތެރެއިން ރައްޔިތުންގެ ސައްލާގެ ނަމުގައި ފެށި މިސިލްސިލާ ބައްދަލުވުމުގެ ދެވަނަ ބައްދަލުވުމެއް ރަށުގެ ޒުވާން ކަނބަލުންނާއި، ފިރިހެނުން ހިމެނޭހެން ރޭ ވެސް ވަނީ އެރަށުގައި ބާއްވާފައެވެ.
ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ އާދަމް "ތިލަދުން"އަށް ވިދާޅުވީ އެރަށުގެ ކަނޑޫފާ ސަލާމަތް ކުރުމަށްޓަކައި، ކަނޑޫފަލުގެ ކަނޑޫގަސްތައް މަރުވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ސޭވް މޯލްޑިވްސްއާއި ގުޅިގެން ފަށާފައިވާ ކަމަށެވެ. އަދި އެމަސައްކަތް ސޭވް މޯލްޑިވްސްއިން ކުރިއަށް ގެންދަނީ ބޭރުގެ ޖަމްޢިއްޔާއެއްގެ އެހީތެރިކަމާއިއެކު ކަމަށް ޢަލީ ވިދާޅުވިއެވެ.
" ސޭވް މޯލްޑިވްސްއިން އިސްނަގައިގެން އަޅުގަނޑުމެންނަށް ގުޅީ، މިކަން ކުރަން ކޮންމެހެން ބޭނުންވެ ގޮތެއް ނުފެނި ތިއްބާ. ސޭވް މޯލްޑިވްސްގެ 5 މެމްބަރުންގެ ޓީމެއް މިރަށަށް އައިސް ވަނީ ކަނޑޫގަސްތައް މަރުވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ކޮށްފައި، މިކަމަސައްކަތް ކުރަމުން މިދަނީ ރައްޔިތުންގެ ފުރިހަމަ ބައިވެރި ވުމާއިއެކު" ޢަލީ ރޭ ވިދާޅުވިއެވެ.
ޢަލީ ވިދާޅުވީ އިއްޔެވަނީ އެރަށުގެ ކަނޑޫގަސްތައް މަރުވާ ސަބަބު ހޯދުމަށް ކަނޑޫފަލަށް ޒިޔާރަތްކޮށް އެރަށަށް ސޭވް މޯލްޑިވްސްއިން ދިޔަ ޓީމު ބޭނުންވާ މަޢުލޫމާތު އެއްކޮށްފަކަމަށެވެ. އަދި އެޓީމުން، އެޓީމާއި ގުޅިފައިވާ ބޭރުގެ ޖަމާއަތުން އެ ދިރާސާއަށް ބޭނުންވާ ސުވާލުތަކުގެ ޖަވާބު ހޯދުމަށް މަސައްކަތް ކޮށްފައިވާކަމަށް ޢަލީ ވިދާޅުވިއެވެ. އޭގެ އިތުރުން އެޓީމުން އިއްޔެ ވަނީ ކަނޑޫގަސްތަކުން އެ ދިރާސާއަށް އެ ޓީމް ބޭނުންވާ ސާމްޕަލްތައްވެސް އެއްކޮށްފަކަމަށްވެސް ޢަލީ ވިދާޅުވިއެވެ.
އެރަށުގެ ކަނޑޫފާ ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އެރަށުގެ ރައްޔިތުން ތިބީ ތައްޔާރަށް ކަމަށާއި، އެކަމަށްޓަކައި "ނޭކުރެންދޫ ރައްޔިތުންގެ ސައްލާ" ގެ ނަމުގައި އިތުރު ބައްދަލުވުންތައްވެސް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދަވާނެ ކަމަށް ޢަލީ ވިދާޅުވިއެވެ.
" އަޅުގަނޑުމެން މިހާރުވާނީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ތިމާވެއްޓާއި ބެހޭ މިނިސްޓްރީއަށް ލިޔުމުން ރަސްމީކޮށް ދަންނަވާފައި" ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނެސްފައިވާނެތޯ ކުރި ސުވާލުގެ ޖަވާބުގައި ޢަލީ ވިދާޅުވިއެވެ. ޢަލީ ވިދާޅުވީ އެސިޓީ ފޮނުވިފަހުން އަދި ވާނީ ހަފުތާއެއް ކަމަށެވެ.
މިހިނގާ ޖޫން މަހުގެ 5 ވަނަ ދުވަހު ނޭކުރެންދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޒާހިރު މިނޫހަށް ވިދާޅުވެފައި ވަނީ އެރަށުގެ ކަނޑޫފަލުން ބޮޑުބައެއް ނެތިދާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޖޫން 8 ވާ ހޯމަ ދުވަހު ސިޓީ ފޮނުއްވާނެ ކަމަށެވެ.
ޒާހިރު އެދުވަހު ވިދާޅުވީ، އެރަށުގެ ކަނޑޫފަލުން ހެކްޓަރަކަށް ވުރެ ބޮޑު ސަރަޙައްދަކުން ކަނޑޫ ގަސްތައް އެއްކޮށް މަރުވެފައިވާ ކަމަށެވެ. އެ ސަރަހައްދުން ވަނީ ކުދި ގަސްތަކުން ފެށިގެން ބޮޑެތި ގަސްތަކާއިއެކު މަރުވެފައި ކަމަށް ޒާހިރު ވިދާޅުވިއެވެ.

ނޭކުރެންދޫގެ ކަނޑޫފާ ނެތިހިނގައިދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް ފެށި މި ދިރާސާއަކީ ނޭކުރެންދޫ ކައުންސިލާއި، އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް (އައިޔޫސީއެން އެމްއެސްޖީ)އާއި، މެގްރޫވް ދިރާސާ ކުރާ ބައިނަލްއަގުވާމީ ޖައްމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)އާއި، ރާއްޖޭގައި ތިމާވެށި ހިމާޔަތް ކުރަން ވަކާލާތުކޮށް، މަސައްކަތް ކުރަމުންދާ ސޭވް މޯލްޑިވްސް ހަރަކާތުގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދާ ދިރާސާއެކެވެ. މިދާރާސާއަށް މާލީ އެހީތެރިކަން ދެނީ ކޮމަންވެލްތުގެ ހިއުމަން އިކޮލޮޖީ ކައުންސިލުންނެވެ.
ނޭކުރެންދޫ ކަނޑޫ ފަލަކީ 2018 ވަނަ އަހަރު ސަރުކާރުން ހިމާޔަތްކޮށްފައިވާ ކަނޑޫފަލެކެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!