މިއަހަރުގެ ފެބްރުއަރީ މަހު އިއުލާނުކުރި ސްޓޫޑެންޓް ލޯނު ލިބޭ ދަރިވަރުންގެ ނަންތައް އިއުލާނުކޮށްފި އެވެ. މިފަހަރުގެ ފުރުޞަތުގައި 500 އަށްވުރެ ގިނަ ދަރިވަރުންނަށް ވަނީ ލޯނުގެ ފުރުޞަތު ދީފައެވެ.

މިފަހަރުގެ ފުރުޞަތުގައި ވަނީ މަތީ ތައުލީމް ހާސިލްކުރުމަށް 514 ދަރިވަރުން ލޯނުގެ ފުރުޞަތު ދީފައެވެ. ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރަން މިފަހަރު ހުޅުވާލި 550 ފުރުސަތަށް، 1،300 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލި އެވެ.

Ad
rt

ބުރާސްފަތި ދުވަހު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ކުރިޔަށް ދިޔަ އޮންލައިން ނޫސްކޮންފަރެންސް ގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ލޯނުތައް ދޫކޮށްފައިވަނީ ޑިޕްލޮމާ ކޯސްތަށް ހެދުމަށް 48 ދަރިވަރުންނާއި، ފަސްޓް ޑިގްރީ ހެދުމަށް 264 ދަރިވަރަކަށާއި، މާސްޓާސް ކޯސްތަކަށް 160 ދަރިވަރުންގެ އިތުރުން ޕީއެޗްޑީއަށް ކިޔެވުމަށް 27 ދަރިވަރުންނަށް ކަމަށެވެ. އަދި އޭގެ އިތުރުން 15 ދަރިވަރަކަށް އެކި ކަހަލަ ލައިސެންސް ޕްރޮގްރާމްތަކަށް ލޯނު ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ފަހަރުގެ ލޯނު ސްކީމް ރިއާޔަތްކޮށްފައިވަނީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހު ހެދި ގައުމީ ޓްރެއިނިން ނީޑްސް އެނަލިލިސްގެ މައްޗަށް ކަމަށެވެ. އެކަންކަމުގެ އިތުރުން ސަރުކާރުގެ ސްޓްރެޓިޖިކް ޕްލޭނުގައި ފާހަގަކޮށްފައިވާ ދާއިރާތަކާއި މާލީގޮތުން ދަތިކޮށް އުޅޭ ދަރިވަރުންނަށް ފުރުސަތުތައް ދިނުމަށް މިފަހަރުގެ ސްކީމަށް ބަދަލުތައް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.

މާލީ ފުދުންތެރިކަން އެންމެ ދަށް ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ސްކީމަށް ބަދަލުތަކެއް ގެނެސްފައިވާނެކަން ޑރ. ހަސަން ފާހަގަކުރެއްވިއެވެ. އަދި ޒަކާތުގެ ލިސްޓަށް ރިޔާއަތްކޮށް އެ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކަށް އިސްކަންދީފައިވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ލޯނު ލިބޭ ދަރިވަރުން ކުރިއަށް އޮތް އަހަރެއް ތެރޭގައި ކިޔަވަން ފަށަން ޖެހޭނެ އެވެ.