ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އަޅާ 20000 ހައުސިން ޔުނިޓްގެ ބޮޑު ބައި ޕުލޭންކޮށް ނިމިފައިވީ ނަމަވެސް ވޭތުވެ ދިޔަ ދޮޅުއަހަރުގެ ތަޖުރިބާ އަށް ބަލާއިރު އެ ޕޮރެޖެކްޓް ކުރިއަށް ނުގެންދެވިދާނެ ކަމުގެ ބިރު އެބައޮތްކަމަށް ވިދާޅުވެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި މިނިސްޓަރ އޮފް ހައުސިން އެންޑް އާރބަން ޑިވޮލްޕްމަންޓް، އައިމިނަތު އާތިފާއާއި ސުވާލުކުރެއްވުމަށް ކޮމެޓީން ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މީގެ ކުރިންވެސް އެކަމަށް ފުރުސަތު ހުޅުވާލުމުން ކުރިމަތިލާ މީހުންގެ ސަބަބުން އެތައް ވަގުތެއް ބޭކާރު ކޮށްލުމަށްފަހު ޕްރޮޖެކްޓަށްފައިނޭންސް ކުރާނެ ގޮތް ހުށަނާޅާ ކަމަށާއި، އެހެންކަމުން ދަމާ ކަނޑާ މީހުންނާއެކު އެފަދަ ކަންތައް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.
2000 ހައުސިންގެ ޔުނިޓްގެ ޕްރޮޖެކްޓް ހިންގާނެ ގޮތާއި ބެހޭގޮތުން މިނިސްޓަރ ވިދާޅުވީ އެބޭފުޅުން ނިންމަވާފައިވަނީ އިތުރު ފަރާތްތަކަށް ފުރުސަތު ހުޅުވާލަން ކަމަށާއ، މިއަހަރު އެ ޕްރޮޖެކްޓް ނުހިންގިއްޖެނަމަ އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން އެކަން ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އަޅާ 20000 ހައުސިން ޔުނިޓް ޢިމާރާތް ކުރުމުގެ އެ މަޝްރޫއަށް ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓްގައި 600 މިލިއަން ރުފިޔާ ހިމަނާފައެވެ.
މީގެ އިތުރުން ކުރިޔަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބު އެމްޑީޕީއަށް މުހިންމުވާނެކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ އެފަދަ ޕްރޮޖެކްޓް ތަކުގެ ވާހަކަތައް ނުދައްކާ އިންތިހާބު ކާމިޔާބު ކުރާނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.
މީގެ އިތުރުން ސަލީމާއި ކޮމިޓީގެ އެހެނިހެން މެމްބަރުންވެސް ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުތަކާއި ގުޅޭ ގޮތުން ތަކުރާރުކޮށް ސުވާލުކޮށްފައެވެ. އިއްޔެގެ ކޮމީޓަގައި މިނިސްޓަރ އާތިފާއަށް މެމްބަރުން ކުރިމަތިކުރުވި ގިނަ ސުވާލުތަކަށް އެކަމަނާގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައި ނުވުމާއި އެކު، ކޮމިޓީގެ މުގައްރިރު ވަނީ މެންބަރުންނަށް ސާފުވާ ގޮތަށް ލިއުމުން އެމައުލޫމާތު ހުށައެޅުއްވުމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!