ތިލަދުންމަތީގެ ދެބުރި އެއްކޮށްލުން!

Thiladhunmathi 2

ތަޢާރަފު: ތިލަދުންމައްޗޭ ބުނެވޭ ބަހުގެ މާނައަކީ ތުރާކުނު އުތުރު ބޭރުން ފެށިގެން ވައިކަރަމުރައިދޫގެ ދެކުނުން އޮންނަ "ބޮޑުތިލަ" ނިމޭ ތަނާ ހަމައަށް އެކުލެވިގެންވާ ސަރަހައްދާއި މާމަކުނުދޫގެ ޤުދުރަތީ އަތޮޅެވެ. ތާރީޚީ ހެކިތަކުގެ މައްޗަށް ބިނާކުރާއިރު، އެތައް 100 އަހަރެއް ވާންދެން އިދާރީ އެއް އަތޮޅެއްގެ ގޮތުގައި ތިލަދުންމަތި ހިނގަމުން ދިޔައީ ދިވެހިރާއްޖެގައި އެންމެ ގިނަ މީހުން ވަޒަންވެރިވެ ދިރިއުޅޭ އަތޮޅުގެ ގޮތުގައެވެ. އެންމެ އާބާދީ ބޮޑު އަތޮޅުގެ ގޮތުގައެވެ.

ދިރިއުޅުމާއި، ރަށްވެހިކަމާއި، މަސައްކަތްތެރިކަމާއި، ވިޔާފާރި އާއި އިޤުތިޞާދީ ހަރަކާތްތައް އެންމެ ބޮޑު އަތޮޅުގެ ގޮތުގައެވެ. ބައިނަލްއަޤުވާމީ ވިޔާފާރި އާއި ދަތުރުފަތުރާ އެންމެ ބޮޑަށް ގުޅިލާމެހިފައިވާ އަތޮޅުގެ ގޮތުގައެވެ. ދުނިޔޭގެ ވިޔާފާރި އާއި ދަތުރުފަތުރުގެ އެންމެ ޤަދީމީ އަދި އެންމެ މައި އެއް މަގުގެ މަތީގައި އޮތް އަތޮޅުގެ ގޮތުގައެވެ. އިޖުތިމާޢީ، އިޤުތިޞާދީ ހަރަކާތްތަކުގައި އަންހެނުންގެ ދައުރު އެންމެ ފުޅާ އަތޮޅުގެ ގޮތުގައެވެ. ދައުލަތަށް ދައްކާ ވާރު އެންމެ ގިނައިން ދައްކާ އަތޮޅުގެ ގޮތުގައެވެ. ދައުލަތުގެ ސިޔާސަތު ތަންފީޒުކުރުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ އަތޮޅުގެ ގޮތުގައެވެ. ސަގާފީ ގޮތުންނާއި، ޤައުމީ ގޮތުންނާއި ތާރީޚީ ގޮތުންގެ އެއްވަނަ އަތޮޅުގެ ގޮތުގައެވެ. ތަޢުލީމާއި، ތަހުޒީބާއި ޙަޟާރަތުގެ ގޮތުން އެންމެ އުޖާލާ އަތޮޅުގެ ގޮތުގައެވެ.

"ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު" ގެ ލިޔުންތެރިޔާ، މަރުޙޫމު މުޙައްމަދު އިބްރާހީމް ލުޠުފީ (1995) އިހަވަންދިއްޕޮޅުގެ ތަޢާރަފުގައި ވިދާޅުވެފައިވަނީ، "ޤައުމަށްޓަކައި ކުރެވުނު ގިނަ ހަނގުރާމަތަކުގެ އަސަރު ބޮޑަށް ފޯރީ އުތުރުގެ އަތޮޅުތަކަށެވެ. މަލާބާރީންގެ ދުއްތުރާތައްވެސް ބޮޑަށް ފޯރީ ރާއްޖޭގެ އުތުރަށެވެ. ޢަރަބީން ބޮޑަށް މަސްހުނިވާން ދިމާވީވެސް އުތުރުގެ އަތޮޅުތަކަށެވެ. އިސްލާމުދީން ރާއްޖެއަށް ތަޢާރަފް ވުމަށްފަހުގައިވެސް ޢަރަބި ދުނިޔޭގެ އީރާނާއި، ޔަމަނު ކަރައާއި މެދުއިރުމަތީ ޤައުމުތަކުންނާއި މަލާބާރު ކަރައާއި އިރުމަތީ އެފްރިކާއިން ރާއްޖެއަށް ދުރުވި ޢިލްމުވެރިންނާއި ސައްޔިދު ބޭކަލުން ގިނައިން ދުރުވެ އުޅުއްވީ އުތުރުގެ އަތޮޅުތަކުގައެވެ" (ޞ. 88).

ކޮންމެއަކަސް، އަޅުގަނޑުގެ ގަސްދަކީ އުތުރާއި ތިލަދުންމަތީގެ ވާހަކަތަކެއް މާބޮޑަކަށް ދެއްކުމެއް ނޫނެވެ. އެކަމަކު، ދިވެހި ދައުލަތުގެ ފަރާތުން ތިލަދުންމަތި ދެބަޔަށް ބައްސަވައި، ބައިކުރެއްވިތާ މީލާދީ ގޮތުން 62 އަހަރު ފުރޭ މި މުނާސަބަތުގައި، ތިލަދުންމަތީގެ ތާރީޚުން ހަނދާ އައުކޮށް، އިހެކޭ އެއްފަދައިން ތިލަދުންމަތި އެކީއެކައްޗަކަށް ގުޅިގެން މުޅި ޤައުމާއި އަތޮޅުގެ ލާބަޔާއި މަންފާއަށްޓަކައި އަދު ކުރާންޖެހިފައި ހުރީ ކޮންކަމެއްތޯ ވިސްނަވާށޭ ހަމައެކަނި ދަންނަވާލުމެވެ. އަދި އެކަންކަމާއިގެން ޤައުމަށްޓަކައި ކުރިއަށް ދަމާ ބަހީއޭ ދަންނަވާލުމެވެ. އަދި ތިލަދުންމަތި ދެބުރިއަށް ބައިކުރުމާ މެދު ތާރީޚީ ނަޒަރެއް ހިންގާލުމެވެ.

ޤުދުރަތީ ބޮޑު ތިލަދުންމަތި

ޤުދުރަތީ ތިލަދުންމަތި އަތޮޅަކީ ހަމައެކަނި ރާއްޖޭގެ ފެންވަރުގައި ގުނާލެވޭ އަތޮޅެއް ނޫނެވެ. އެކަމަކު، މުޅި ދުނިޔޭގެ ފެންވަރުގައި ވެސް ގުނާލެވޭ އެފަދަ އެންމެ ބޮޑު ޤުދުރަތީ އަތޮޅެވެ. މިއަތޮޅަކީ ކެލާ އިރުމަތީ ބޭރުން ފެށިގެން ބަރަވެލިކަނޑާ ހަމައަށް އޮތް ޤުދުރަތީ އަތޮޅެވެ. ވޯލްޑް އެޓްލަސް އޮފް ކޮރަލް ރީފްސް (2001) ގައި ބަޔާންކޮށްފައި ވާގޮތުގައި، (ޤުދުރަތީ) ތިލަދުންމައްޗާއި މިލަދުންމަޑުލު އޮތް (ޤުދުރަތީ ތިލަދުންމަތި) އަތޮޅަކީ މުޅި ދުނިޔޭގެ ސަތަހައިގައިވާ އެންމެ ބޮޑު ޤުދުރަތީ އަތޮޅެވެ. މިއަތޮޅުގެ ބޮޑުމިނުގައި 3680 އަކަ ކިލޯމީޓަރު ހުރެއެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އަތޮޅުކަމުގައިވާ ހުވަދު އަތޮޅަށް ވުރެ 480 އަކަ ކިލޯމީޓަރު މި އަތޮޅު ބޮޑުވެގެންވެއެވެ (ޞ. 221). ބައެއްމީހުން ބޮޑު ތިލަދުންމައްޗޭ ކިޔަނީ ޖޯގުރަފީގެ ގޮތަށް ބަލައި، ޤުދުރަތީ މިއަތޮޅަށެވެ. އަދި އަނެއްބަޔަކު ބޮޑު ތިލަދުންމައްޗޭ ކިޔަނީ ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު އިދާރީ އަތޮޅުކަމުގައިވާ ތިލަދުންމައްޗަށެވެ. އެންމެ ބޮޑު އިދާރީ އަތޮޅޭ މިދަންނަވަނީ އިދާރީ ހިންގުމާއި އާބާދީ އެންމެ ބޮޑު އަތޮޅަށެވެ. އެއީ، ޤުދުރަތީ އިހަވަންދިއްޕޮޅާއި، ޤުދުރަތީ މާމަކުނުދުވާއި ޤުދުރަތީ ތިލަދުންމަތީގެ އުތުރު ބައިކަމުގައިވާ ކެލާ އިރުމަތީ ބޭރުން ފެށިގެން ވައިކަރަމުރައިދޫގެ ދެކުނުން އޮންނަ "ބޮޑުތިލަ" ނިމޭ ހިސާބަށް އޮތް ސަރަހައްދެވެ. މިވަގުތު އެބަހުސަށް ދާކަށް ގަސްދެއް ނުކުރަމެވެ. އަދި ތިލަދުންމަތީގެ ނަމުގެ ބަހުސެއްވެސް މިވަގުތު ގަސްތެއް ނުމެކުރާނޫއެވެ.

1839މ. ވަނަ އަހަރު ލިޔެވުނު "ނޯޓިކަލް ޑިރެކްޝަންސް ފޯރ ދަ މޯލްޑިވާ އައިލެންޑްސް އެންޑް ދަ ޗާގެސް އާރކިޕެލަގޯ" ގެ ލިޔުންތެރިޔާ، އަދި ދިވެހި ރަށްތަކާއި، ފަރުތަކާއި އަތޮޅުތަކުގެ ތަފުސީލީ ޒަމާނީ ޗާޓެއް އެންމެ ފުރަތަމަ ކުރެހި ނިޔަމި، ކޮމާންޑަރު  ރޮބާރޓް  މޮރެސްބީ ބުނާގޮތުގައި، ދިވެހިރާއްޖޭގެ މީހުން ތިލަދުންމަތީގެ ބަޔަކާއި މިލަދުންމަޑުލު އެކުލެވިގެން މިއޮތް ޤުދުރަތީ އެއް އަތޮޅަށް ދެނަމެއް ކިޔާންޖެހުނު ސަބަބެއް ނޭނގެއެވެ (ޞ. 6). އަޅުގަނޑު ދެކޭގޮތުގައި، މިއަތޮޅަށް ދިވެހި ކާބަފައިން ދެނަމެއް ކިޔައިފައި މިއޮތް އޮތުމުގައި ތާރީޚީ، ޠަބީޢީ، ޖޯގުރަފީ، ސަގާފީ، ސިޔާސީ، އަދި އިދާރީ ސަބަބުތަކެއް ހުންނާނެއެވެ.

މެޕް

އިދާރީ ބޮޑު ތިލަދުންމަތި

އިދާރީ މިލަދުންމަޑުލު އަތޮޅާ ޚިލާފަށް އިދާރީ ތިލަދުންމަތި އަތޮޅަކީ އާބާދީ އާއި، ދިރިއުޅުމާއި، އިޤުތިޞާދީ، އަދި އިޖުތިމާޢީ ހަރަކާތްތަކުގެ ގޮތުން ޒަމާނުއްސުރެ ދިވެހިރާއްޖޭގެ އެންމެ ބޮޑު އަތޮޅެވެ. އާންމު ގޮތެގައި، ތިލަދުންމައްޗޭ ނުވަތަ ބޮޑު ތިލަދުންމައްޗޭ ބުނެވޭ ހިނދު އެ ނިސްބަތް ކުރެވެނީ އިދާރީ ބޮޑު ތިލަދުންމައްޗަށެވެ. ތިލަދުންމައްޗާއި މިލަދުންމަޑުލު އިދާރީ ގޮތުން ބައިކޮށްފައި ނުވާ ތާރީޚެއް ދިވެހިތާރީޚުން އަދި ފެންނާކަށް ނެތެވެ. މީގެ 823 މީލާދީ އަހަރު ކުރީގައި ވެސް ތިލަދުންމައްޗާއި މިލަދުންމަޑުލު އިދާރީ ގޮތުން ދެއަތޮޅެއްގެ ގޮތުގައި ބައިކުރެވިފައި ވާކަން އެނގެއެވެ. މީގެ 823 އަހަރު ކުރީން 1196މ. - 1197މ. ގައި ލިޔެވިފައިވާ ދަނބިދޫ ލޯމާފާނުގައި "ތަނަދުވުމައްތެ" (ތިލަދުންމަތި) އާއި "މިލަދުވުމަޑުލެ" (މިލަދުންމަޑުލު) ވަކި ދެ "އަތެޅެ" (އަތޮޅު) ގޮތުގައި ބެހިފައިވާކަން ބަޔާންކޮށްދެއެވެ. ދަނބިދޫ ލޯމާފާނުގައި، "ތަނަދުވުމައްތެ އޮތް ކުމްޕުޓި" ލިޔެފައިވެއެވެ. ބެލެވޭ ގޮތުގައި "ކުމްޕުޓި" އަކީ ކުޅުދުއްފުއްޓެވެ. ވީމާ، "ތިލަދުންމަތި އޮތް ކުޅުދުއްފުށި" އެވެ. އަދި ދަނބިދޫ ލޯމާފާނުގައި "މިލަދުވުމަޑުލެ އޮތް ކޮލިކުރެތްދުވު" ލިޔެފައި ވެއެވެ. މީގެ މާނައަކީ "މިލަދުންމަޑުލު އޮތް ކޮލިކުރެންދޫ" އެވެ.

އިދާރީ ބޮޑު ތިލަދުންމައްޗަކީ ތުރާކުނު އުތުރު ބޭރުން ފެށިގެން ވައިކަރަމުރައިދޫގެ ދެކުނުން އޮންނަ "ބޮޑުތިލަ" ނިމޭ ތަނާ ހަމައަށް އެކުލެވިގެންވާ ސަރަހައްދާއި މާމަކުނުދޫގެ ޤުދުރަތީ އަތޮޅެވެ.

ތިލަދުންމަތި ދެބައިކުރުން

ދިވެހި ދައުލަތުގެ އެކިއެކި ކަންކަން ހިނގިގޮތް ރިކޯޑުކުރާ ފޮތުގައި ލިޔެފައި އޮންނަނީ، "1 ޒުލްޤަޢިދާ 1377ހ ބުދަ (21 މޭ 1958މ) ދުވަހު ދިވެހި ދައުލަތުގެ ފަރާތުން ތިލަދުންމަތި ދެބަޔަށް ބައްސަވައި ތިލަދުންމަތީ އުތުރުބުރިއަކާއި، ތިލަދުންމަތީ ދެކުނުބުރިއެއްގައި އަތޮޅުވެރިކަން ކުރުމަށް ކަޑައެޅި، އަތޮޅުވެރީންނާއި ވަކީލުން ލައްވައިފިއެވެ" (ޞ. 202). އެކަމަކު، 1 ޒުލްޤަޢިދާ 1377ހ. ދުވަހަށް ވާނީ 20 މޭ 1958މ. ވީ އަންގާރަ ދުވަހެވެ. އަދި 21 މޭ 1958މ. ވީ ބުދަ ދުވަހަށް ވާނީ 2 ޒުލްޤަޢިދާ 1377ހ. އެވެ (އިސްލާމިކް ފިލޯސޮފީ އޮންލައިން). "ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު" ގައި މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައިވާ ގޮތުގައި ތިލަދުންމަތި ބައިކޮށް އުތުރުބުރިޔާއި ތިލަދުންމަތި ދެކުނުބުރި އުފެދުނީ 21 މޭ 1958މ. ގައެވެ.

ތިލަދުންމަތި ބައިކުރެވުނީ، ބާރަށާއި ހަނިމާދުވާ ދޭތެރޭގައި އޮންނަ ކަނޑުއޮޅިއާއި ރުއްފުށީ ކަނޑުއޮޅިއާ ދެމެދުންނެވެ. މީގެ އުތުރު ބުރިއަކީ ތިލަދުންމަތީ އުތުރުބުރި (ހއ) ކަމުގައި ކަނޑައަޅައި، ދެކުނު ބުރިއަކީ ތިލަދުންމަތީ ދެކުނުބުރި (ހދ) ކަމުގައި ކަނޑައެޅުނެވެ. މުޙައްމަދު އަމީނުގެ ދުވަސްވަރު ރާއްޖޭގެ އަތޮޅުތަކަށް "ހަށަނަރަބަޅަ" އިގެ އަކުރުތަކުން ކޯޑު ހަމަޖެއްސެވިއިރު ތިލަދުންމައްޗަށް ދެއްވާފައި އޮތީ "ހ" އެވެ.

ބޮޑުތަކުރުފާނުންގެ ރަސްކަމުގެ ޒަމާނުއްސުރެ އެތައް 100 އަހަރެއް ވާންދެން ތިލަދުންމަތީގެ އަތޮޅުވެރިކަން ކުރަމުން އައި ނޮޅިވަރަންފަރުން ވެރިކަމުގެ ދެބައިންބައި ނަގައި، ތިލަދުންމަތީ އުތުރު ބުރީގެ ވެރިކަންކުރާ ރަށުގެ ގޮތުގައި ދިއްދޫ ހަމަޖެހުނެވެ. އަދި ތިލަދުންމަތީ ދެކުނުބުރީގެ ވެރިރަށަކީ ނޮޅިވަރަންފަރު ކަމުގައި ކަނޑައެޅުނެވެ. ހއ. އަތޮޅުވެރިއަކަށް ލެއްވީ އަލްމުޙުތަރަމް މުޙައްމަދު ޙަސަނެވެ. ވަކީލެއްކަމުގައި އަލްމުޙުތަރަމް ދިއްދޫ ދޮން ޙުސައިން ކަލޭގެފާނެވެ. މެންބަރުން ކަމުގައި އަލްފާޟިލް އިބްރާހީމް މުޙައްމަދު ދީދީ އާއި  އަލްމުޙުތަރަމް ދިއްދޫ ޚަޠީބު އިބްރާހީމް ކަލޭގެފާނެވެ. ހދ. އަތޮޅުވެރިއަކަށް ލެއްވީ އަލްމުޙުތަރަމް ޢަލި ކަލޭފާނު ކުޑަތުއްތެވެ. ވަކީލެއްކަމުގައި އަލްމުޙުތަރަމް މާރަންދޫ ޒަކަރިއްޔާ ކަލޭފާނެވެ. މެންބަރުން ކަމުގައި އަލްފާޟިލް މުޙައްމަދު އިބްރާހީމް ދީދީ އާއި އަލްފާޟިލް ސައްޔިދު ސަޢީދެވެ. މިކަނޑައެޅުނު އުސޫލުގެ މަތީން އަތޮޅުވެރިކަން ކުރަމުން އައިސް، 1992މ. ވަނަ އަހަރުގެ މޭ މަހުން 6 ވަނަ ދުވަހުގައި ނޮޅިވަރަންފަރުގައި ހިނގަމުން އައި އަތޮޅުވެރިކަން ކުޅުދުއްފުއްޓަށް ބަދަލުކުރެވުނެވެ.

ތިލަދުންމަތި ދެބައިކުރުމުގެ ޙިކުމަތް

ދިވެހި ދައުލަތުގެ އެކިއެކި ކަންކަން ހިނގިގޮތް ރިކޯޑުކުރާ ފޮތުގައި ލިޔެފައި އޮންނަނީ،

"ކުޑަވެސް ޝައްކެއްނެތެވެ. މިބަދަލު ދިވެހި دولة ން މިގެންނެވީ އެއްވެސް ވިސްނުމެއްނެތި ކުއްލިއަކަށް ކުރެއްވިކަމެއްގެ ގޮތަކުންނޫނެވެ. الأميرالمرحوم حسن فريد ދީދީގެ وزيرالدّاخليّة ކަމުން ފެށިގެން މިހާތަނާއި ޖެހެންދެން وزيرالدّاخليّة ކަން ކުރެއްވި ކޮންމެ ބޭފުޅެއްގެ ވެސް خيال ފުޅު ކަމަށްވެފައި ވަނީ އެއަތޮޅު ބޮޑުކަމުން ދެބައިކުރެއްވުމެވެ. މިގޮތުގެ މަތީން الأميرالمرحوم محمد أمين ދޮށިމޭނާކިލެގެފާނުގެ وزيرالدّاخليّة ކަމުގައި ތިލަދުންމަތީގައި ދެއަތޮޅުވެރީން ބައިތިއްބެވިއެވެ. ނަމަވެސް އެދެ އަތޮޅުވެރީން އެއްރަށެއްގައި ތިބުމުގެ ސަބަބުން މާ އެދެވޭ ނަތީޖާއެއް ނުނިކުތެވެ. މިއަދު ދައުލަތުން މިގެންނެވި ބަދަލުގެ ނަތީޖާއެއްގެ ގޮތުން ތިލަދުންމައްޗަށް އަންނާނީ ވަރަށްވެސް އެދެވޭ ބަދަލުތަކެއްކަން يقين އެވެ. މި قواعد އަށް އަތޮޅުގެ ކަންތައް ހިގާން ފެށޭނީ މިމަހުގެ 15 ވަނަ ދުވަހުންނެވެ. މިކަންކަން މިގޮތްމަތީން ހަމަޖެއްސުމަށްޓަކައި وزارة الدّاخليّة ގެ ރާއްޖެތެރެއާއި ބެހޭބައިގެ ސެކްރެޓަރީ އަލްފާޟިލް އިސްމާޢީލް ރަޝީދު ދެއަތޮޅުވެރީންނާއިއެކު ވަޑައިގަންނަވާނެއެވެ" (ޞ. 202).

ފާއިތުވެ ދިޔަ 62 އަހަރު ތެރޭގައި ތިލަދުންމައްޗަށް އައި އެދެވޭ ބަދަލުތަކަކީ ކޮބައިބާވައެވެ؟ މިއަދު ތިލަދުންމަތި ވެއްޓިފައި މިއޮތް ހާލަތަކީ މިއެދެވުނު ބަދަލުތައް ތޯއެވެ؟

ނިންމުން

ޒަމާނާއި ދުނިޔޭގެ ހާލަތްތަކަށް ރިޢާޔަތް ކުރާއިރު، ރާއްޖޭގެ އެހެން އަތޮޅުއަތޮޅެކޭ އެއްފަދައިން ތިލަދުންމަތި ވެސް އަދު ފެންނާން މިއޮތީ މީގެ 62  އަހަރު ކުރިއަށް ވުރެ ނިކަމެތި ހާލުގައިކަން ފާޅުވެގެން ވެއެވެ. އަތޮޅުގެ ދިރިއުޅުމާއި ދިރުން މިއޮތީ ވަރަށް ބޮޑުތަކުން ނެތިގޮސްފައެވެ. ރަށްރަށުގައި ގޯތިގެދޮރު ހުރީ ފަޅަށްށެވެ. ފަޅަށް ހުރުމުގެ ސަބަބުން ވަރަށް ގިނަ ގޭގޭ މިހާރު މިވަނީ ވީރާނާވެ ހަލާކުވެފައެވެ. އަތޮޅުގައި ވިޔާފާރި އާއި އިޤުތިޞާދީ ހަރަކާތްތައް ނުލާހިކު މަދެވެ. ނެތެވެ. ވަޒީފާގެ އެކަށީގެންވާ ފުރުސަތުތަކެއް އަމުދުން ނެތެވެ. އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ބަހާއެއް ކަމުގައިވި އިޖުތިމާޢީ ނިޒާމު މިއަދު މިއޮތީ ފުނޑުފުނޑުވެފައެވެ.

އެންމެ އަސާސީ މުހުތާދުތަކަށް ވެސް މިޖެހެނީ ބޮޑުމާލެއަށް ހިޖުރަކުރާންށެވެ. ކުލީގެ ހާސްކަމުގެ ތެރެއަށް ވަންނާންށެވެ. އަޅުގަނޑުމެންގެ ސަގާފަތާއި އާދަކާދަ ގެއްލިއްޖެއެވެ. އަދަކު އަޅުގަނޑުމެނެއް ނެތެވެ. މިކަންކަމަކީ ހަމައެކަނި ތިލަދުންމަތި ދެބައި ކުރުމުގެ ސަބަބޭ ފަހަރެއްގައިވެސް އަޅުގަނޑު ނުދަންނަވަމެވެ. އެކަމަކު، ތަރުތީބު ކުރެވުނު އެފަދަ އެތައް ސަބަބެއްގެ ނަތީޖާއެވެ. އަދުލުވެރިކަމުން ދުރު ސިޔާސަތުގެ ނަތީޖާއެވެ. އާދޭހެވެ! ގެތުންތައް އަލުން މޮހައި، ތަރުތީބުތައް އަލުން އަތުރަން ޖެހެއެވެ. ތިލަދުންމަތީގެ ޒުވާނުންގެ ފަރާތުން އަދު ފެންނަމުން ދަނީ މިޝުޢޫރުތަކެވެ. ގުޅިލާމެހިފައި އޮތް ވަރުގަދަ އިދާރީ ތިލަދުންމައްޗެއް ހޯދައިގަތުމުގެ ވިސްނުމާއި ނިޔަތެވެ. އިހު އޮތް ފަޚުރުވެރި ތިލަދުންމަތީގެ ތަސައްވަރެވެ.

ރިފަރެންސް

- ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު، 1995

- ވޯލްޑް އެޓްލަސް އޮފް ކޮރަލް ރީފްސް، 2001

- ނޯޓިކަލް ޑިރެކްޝަންސް ފޯރ ދަ މޯލްޑިވާ އައިލެންޑްސް އެންޑް ދަ ޗާގެސް އާރކިޕެލަގޯ، 1839

- ދަނބިދޫ ލޯމާފާނު

- އިސްލާމިކް ފިލޯސޮފީ އޮންލައިން

- އެކިއެކި ކަންކަން ހިނގިގޮތް

- (އަދި މިނޫންވެސް ކިތަންމެ ފޮތެއްގެ މަޢުލޫމާތު ހިމެނެއެވެ. އަދި މުސްކުޅީންގެ ބަޔާންތަކާއި އިންޓަވިއުތައް ހިމެނެއެވެ. ރިފަރެންސް ދިގުވާކަމަށްޓަކައި ތިޔަ ބޭފުޅުންގެ އިޒުނަޔާއެކު ކުރުކޮށްލަމެވެ.)

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް ފުރިހަމަ މަސައްކަތެއް. ތިލަދުންމަތީ ދަރިއަކަށް ވީތީ ފަހުރުވެރިވަން

  2. ހއ. އަދި ހދ. ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ އަތޮޅުގެ މުސްތަޤްބަލް ފެންނަނީ ވަރަށް އުފާވެރިކޮށް. ސަރުކާރުން ކޮށްދޭނެކަމަށް ނުބަލާ ހުރިހާ ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ ނަތީޖާ ނެރެވިދާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *