ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ށ.އަތޮޅުގެ ފަސް ރަށެއް މޮނީޓަރިންގެ ހާލަތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެނެސްފި އެވެ.

އެޗްޕީއޭ އިން ބުނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ށ.ނަރުދޫ އާއި ށ.ފުނަދޫ އާއި ށ.މިލަންދޫ އާއި ށ.ފީވަށް އަދި ށ.މާއުނގޫދޫ ކަމަށެވެ. މީގެ އިތުރުން ނ އަތޮޅު ހޮޅުދޫވެސް ވަނީ މޮނީޓަރިންގެ ހާލަތަށަ ގެނެސްފައެވެ.

Ad
rt

މި ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިމިވަނީ ނަރުދޫ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެގޮތުން އެ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ މާލެ ދަތުރު ކުރާ ނަރުދޫ އަމާޒު ބޯޓުގެ ކައްޕި ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ ބޯޓު ށ.އަތޮޅުގެ އެހެން ރަށްތަކަށް ވެސް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެ ބޯޓު މާލެއިން ފުރާފައިވަނީ މާޗް 16 ވަނަ ދުވަހުއެވެ. އަދި ނަރުދޫއަށް ދިއުމުގެ ކުރިން ބައެއް ރަށްތަކަށް އެބޯޓު ޖައްސާފައިވެއެވެ.

މިއީ މާލެ ފިޔަވައި ރާއްޖޭގެ ރަށަކުން މި ބައްޔަށް ޕޮޒިޓިވްވި ދެވަނަ މީހާއެވެ. މީގެކުރިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ހއ.އުލިގަމަށް ނިސްބަތްވާ މީހެކެވެ. އެމީހާ އަކީ ވެސް މާލެ ދަތުރުކޮށްފައި ދިޔަފަހުން ބައްޔަށް ޕޮޒިޓިވްވި މީހެކެވެ.

ރާއްޖެއިން މިހާތަނަށް މި ބައްޔަށް 137 މީހަކު ޕޮޒިޓިވް ވެފައިވާއިރު، މިއަދު އެކަނި ވެސް ވަނީ 9 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.