ކޯވިޑް-19 އިން ރައްކާތެރި ވުމުގެ ފިޔަވަޅެއްގެ ގޮތުން ހަނިމާދޫގެ ފަސް ގެއަކަށް މީހުން ވަދެ ނުކުތުން މަނާކޮށްފައިވާ ކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ.

ހަނިމާދޫ ކައުންސިލުން ބުނީ ފަސް ގެޔަކަށް މީހުން ވަދެ ނުކުތުން މަނާ ކުރީ ކުޅުދުއްފުށީ ސިޓީމަގުން ހަނިމާދޫއަށް އައި މީހަކާއި، އަދި އިއްޔެ ހަނިމާދޫ އެއަރޕޯރޓުމަގުން ވަށަފަރަށް ދަތުރު ކުރި މީހަކާއި ގުޅިގެން ހަނިމާދޫ ހެލްތު ސެންޓަރާއި، ހަނިމާދޫ ކޯވިޑް-19 ޓާސްކް ފޯހާއި، ކައުންސިލާއި މަޝްވަރާ ކުރުމަށް ފަހުގައި ރަށު ފެންވަރުގައި އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

Ad
rt

އެ ގޮތުން ކުޅުދުއްފުށީ ސިޓީގެ ސީކުއީން ބޯޓުން ހަނިމާދޫއަށް އައި މީހާގެ ފުށުން ކޯވިޑް-19 އަށް ޝައްކުވާ އަލާމަތްތަކެއް ފެނިގެން އޭނާވަނީ އެރަށުގައި ކޯވިޑް-19 ގައި މީހުން އެކަހެރި ކުރަން ޖެހިއްޖެ ނަމަ، މީހުން އެކަހެރި ކުރުމަށް ކަނޑައަޅާފައިވާ އެރަށު ކައުންސިލް އިމާރާތެއް ކަމަށްވާ ދޮންވެލީގައި އެކަހެރި ކޮށްފައެވެ.

އޭނާ އެކަހެރި ކުރީ ހުންއައިސް ކެއްސާ، ރޯގާގެ އަލާމާތްތައް ފެނުމުން ކޯވިޑް-19 އަށް ޝައްކު ކުރެވިގެންނެވެ. އޭނާއާއި ގުޅިގެން ދެ ގެއަކަށް މީހުން ވަދެ ނުކުތުން ވަގުތީ ގޮތުން ވަނީ މަނާ ކޮށްފައެވެ.

އިއްޔެ ހަނިމާދޫ އަށް އައި ފްލައިޓަކުން ދަތުރުކުރި، މާލޭގައި ކޯވިޑް-19އަށް ފައްސިވި ކޭހަކާއި ގުޅުން ހުރި މީހަކާއި އެއް ފްލައިޓުން ދަތުރު ކުރި ހަނިމާދޫ މީހުން ނިސްބަތްވާ ތިން ގެއެއްވެސް ވަނީ މީހުން ވަދެ ނުކުތުން ވަގުތީ ގޮތުން މަނާ ކޮށްފައި ކަމަށް ކައުންސިލުން ބުންޏެވެ.

އިއްޔެ ހއ. ވަށަފަރަށް ދަތުރު ކުރި މީހާގެ ސާމްޕަލް މިހާރު ނަގާފައި ވާއިރު، އޭނާ ހުރި ގެ އެޗްޕީއޭއިން ވަނީ މީހުން ވަދެ ނުކުތުން މަނާ ގެއެއް ކަމަށް ކަނޑައަޅައިފައެވެ.

ކޯވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 28 މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 16 މީހުން ރަނގަޅު ވެފައިވާއިރު ބަލިން ރަނގަޅު ނުވާ ދިހަ މީހުން ރާއްޖޭގައި އެބަ ތިއްބެވެ. ރާއްޖެއިން ފުރިފަހުން ކޯވިޑް-19 އަށް ފައްސިވިކަން އެނގުނު ދެ މީހަކު ތިބީ އެމީހުންގެ ޤައުމުގައިއެވެ. ރާއްޖެއިން މިބައްޔަށް ފައްސިވެފައި ވަނީ 13 ދިވެހިންނާއި 15 ބިދޭސީންނެވެ.