މާޒީއާއި ޝަޤާފަތަކީ ކޮންމެ ތަނެއްގައިވެސް ނިމި ގޮސް ފައިވާ ކަމެއްގެ ވާހަކައެވެ. ޒަމާން މިވަނީ ބަދަލުވެފައެވެ. ނިމިގޮސްފައެވެ. އެކަމެއް ފަހުން އަންނަ ޖީލަކަށް ނުވަތަ ދިރި ތިބި ބަޔަކަށް އޮޅުން ފިލުވައިދިނުމަކީ ރަގަޅު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. މާޒީގެ ތެރެއިން މިބަލައިލަނީ ތިލަދުންމަތީ ގައި ދަނޑުވެރިކަން ކުރުމަށް ގެންގުޅެފައިވާ ވައްޓަފާޅިއާއި އާދަތަކަށެވެ. އެގޮތުން ތިލަދުންމަތި ފާހަގަވެގެން ގޮސްފައިވަނީ ދަނޑުހެއްދުމުގައި ފާހަގަކޮށްލެވޭ ބަޔަކު ދިރިއުޅެމުން އައި ހިސާބެއްގެ ގޮތުގައެވެ.
ތިލަދުންމަތީގެ އެކިރަށްރަށުގައި އެޒަމާނުގައި ދަނޑުވެރިކަން ކުރަމުންއައީ ދާދި އެއް އުސޫލުތަކާއި ހަމަތަކެއްގެ މަތިންނެވެ. އެގޮތުން މިސިލްސިލާގައި ހުށައަޅައިދެވޭތޯ މިބަލަނީ ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ދަނޑުވެރިން ދަނޑުވެރިކަން ކޮށްފައި ހުރި ގޮތާއި ވައްޓަފާޅި އެވެ.
ދަނޑުވެރިކަމަކީ ރާއްޖޭގެ ކަންކޮޅު ތަކުގައި ކުރަމުންއަންނަ ޤަދީމީ މަސައްކަތެވެ. އެކި ރަށްރަށުގައި އެކި ގޮތްގޮތައް ދަނޑުވެރިކަން ކޮށްފައި ހުރުމަކީ އެކަށީގެންވާކަމެކެވެ. ޚާއްސަކޮށް ވައިކަރަދޫގެ ރައްޔިތުން މި މަސައްކަތްކުރަމުން ގެންދިޔައީ ކާބަފައިންގެ ފަރާތުން ލިބިފައި ހުރި ތަޖުރާބާގެ އަލީގައެވެ. ބުނެ އުޅޭ، ދެކެވޭ ވާހަކަތަކުން އަޅުގަނޑުމެންނަށް އެގެނީ 1978 ގެ ކުރީ ކޮޅާއި ހަމައަށް ވައިކަރަދޫ ރައްޔިތުންގެ ތެރެއިން އަބަދުވެސް ކޮންމެ އަހަރަކު ކޮންމެސް ބަޔަކު ކޮންމެވެސް ފަޅު ރަށެއްގައި ދަނޑު ގޮވާންކުރުމަށް ގޮސް އުޅޭކަމެވެ. މި އާޓިކަލްގައި ހިމަނާލާ ބައެއް މައުލޫމާތު އަޅުގަނޑަށް ދެއްވީ އަލްމަރުޙޫމް ޢަބުދުލް ވައްޙާބު އިބްރާހިމްއެވެ.
ދަނޑުވެރީން ދަނޑަށް ދިއުމުގެ ކުރީން ރަށުއޮފީހުން ހުއްދަނަގައި އެ ރަށަކަށް ދާބަޔަކާއި އިސްމީހަކު ރަށުއޮފީހުގައި ނަން ނޯޓުކުރަންޖެހެއެވެ. އަދި އެ ބަޔަކަށް ރަށު އޮފީހުން އަންގާ އެންގުން ތަކެއް އޮވެއެވެ. އެއީ ތަސައްރަފު ފުދި ބޮޑުވެފައިވާ ކޮންމެ މީހަކު ކޮންމެ ހުކުރު ދުވަހަކު ހުކުރަށް ރަށައް އައުމާއި އެ ރަށެއްގައި ބަލި މަޑުކަމާއި ޙާދިސާއެއް މެދުވެރިވެއްޖެނަމަ ވީހާ އަވަހަކަށް އެންގުން ނޫންނަމަ އެ ރަށެއްގެ އެންމެ ކައިރީ އޮންނަ މީހުން އުޅޭ ރަށަކަށް އެންގުމެވެ. މީގެ އިތުރުން ކިތަންމެ އަވަހަށް ރަށައް އައި ނަމަވެސް ވެރީންނަށް އެ އައިބައެއް އަންގަން ޖެހެއެވެ.
ޢާއްމު ގޮތެއްގައި އެންމެ ގިނައިން ފަޅު ރަށްރަށަށް ގޮސް އުޅެނީ 15 ވަރަކަށް ޢާއިލާ އެކުގައެވެ. ކޮންމެ ޢާއިލާއެއްގައި ފަހެއް ނުވަތަ ހަމީހުން ތިބެދާނެއެވެ. އެއީ ކުޑަކުދިންނާއި ޒުވާނުންނާއި އެކުގައެވެ. ދަނޑުވެރިން ރަށުންބޭރުގައި އުޅޭ މުއްދަތުގައި އެބައެއްގެ ދިރިއުޅުމުގެ ހުރިހާކަމެއް ވޭތުކުރަނީ އެ ފަޅު ރަށެއްގައެވެ. ފަޅު ރަށް ރަށަށް ދަނޑަށް ދިއުމުގައި ގޮސް އުޅޭ ބައެއްގެ މެދުގައި އުފެދިފައި އޮންނަ ޚާއްސަ އެކުވެރި އެއްބައިވަންތަ ކަމެއް ޤާއިމުވެފައި އޮވެއެވެ. އެކެއްގެ ޙާލު އަނެކަކު ބަލާ ބޭނުންވާ މުހުތާދު ތައް ފިލުވައި ދިނުމަކީ ކޮންމެ މީހަކުވެސް ކުރަމުން އަންނަ ކަމެކެވެ.
ދީނީ އަޅުކަމާއި ބޭސްވެރިކަމާއި ދަރިންނަށް ކިޔަވައިދިނުމާއި އަދި މީގެ އިތުރަށް ޢީދު ، ރޯދަ ، ޙައްޖު ދުވަސް ފާހަގަކުރުންވެސް ހިމެނެނީ އެ ފަޅުރަށެއްގައެވެ. އެންމެ ދަތި އުދަގޫ ކަމެއްގެ ގޮތުގައި ފާހަގަވެގެންދަނީ މުވާސަލާތުގެ ގުޅުން އެކަކު އަނެކަކާއި، އެއްރަށުން އަނެއްރަށާއި ގުޅޭނެ ވަސީލަތްނެތުމެވެ. އެއީ ވަރަށް ދަތި އުދަގޫ ކަމެކެވެ. ބޭނުންވާ މެސެޖް ނުވަތަ އަންގަން ބޭނުންވާ ކަމެއްގެ، ވާހަކައިގެ ޚަބަރު ނުދެވި އެކަމުގެ ބޭނުން ނެތި ދާފަހުންވެސް އެކަމެއް އެންގި ދާނެއެވެ. ބައެއްފަހަރު ޢާއިލާގެ މީހަކު ބަލިވެ އުޅޭ ޚަބަރު ލިބޭއިރު އެ ބަލި މީހާ މަރުވާފަހުންވެސް އެ ޚަބަރެއް ލިބިހިނގައި ދާނެއެވެ. މިއީ އޭރު ވައިކަރަދޫ މީހުން ދަނޑުވެރިކަމަށް ގޮސް އުޅުނު ނިކަމެތި ޙާލަތެވެ. އެއީވެސް ޒަމާނެކެވެ. ކައިގެން ބޮއިގެން އުޅުމަށް ކުރެވުނު ބުރަ ހިތްދަތި މަސައްކަތުގެ ތަޖުރިބާއެވެ.
ފަޅު ރަށްރަށަށް ދަނޑަށް އެރުމާއި އެކު އެ ރަށަކަށް ދާބަޔަކު އެންމެ ފުރަތަމަ ކުރާނެ މަސައްކަތަކީ އެބައިމީހުން ދިރިއުޅުމަށް ބޭނުންވާނެ ގެ ދޮރު އެޅުމެވެ. ދެން އެ އާއި އެކު ބޯން ކަމުދާ ފެން ވަޅެއްވެސް ކޮނެ ހަދާނެއެވެ. އެ ވަޅު ކޮންނަ ހިސާބެއްގައި ނަމާދު ކުރާނެ މިސްކިތެއްވެސް އަޅާނެއެވެ. މި ފެންވަޅު ކޮންނާނީ ރަށުގެ ފެން އެންމެ ފެން މީރު ސަރަޙައްދެއްގައެވެ. އެ ސަރަޙައްދެއް ހޯދައި ބަލައި ދެނެ ގަންނާނީ އެ ރަށެއްގެ އެންމެ ކައިރީ މީހުން ދިރިއުޅޭ ރަށެއްގެ މީހުން ކައިރީ އަހާ އޮޅުން ފިލުވައިގެންނެވެ. ބައެއް ރަށްރަށުގައި ޒަމާނުންސުރެ ހެދިފައި ހުންނަ ވަޅުފަދަ ތަންތަން ވެސް ހުންނާތީ އެތަން ބަލައި ދިރާސާ ކުރުމަށް ފަހުގައެވެ.
ހުރިހާ ފިރިހެންވެރީ އެ ރަށަކަށް އަރާ ކޮންމެ ޢާއިލާއެއް ދިރި އުޅުމަށް ބޭނުންވާނެ ގެ އާއި ބަދިގެހެދުމަކީ އެމީހަކު އަމިއްލައަށް ކުރަންޖެހޭކަމެކެވެ. އެމީހަކު ބޭނުންވާ ބޮޑު މިނެއްގައި ގެ އާއި ބަދިގެ ހަދާ އެނދު އަށި އަޅައި ނިންމުމަށްފަހު އަނބިދަރީން ގެންދާނެއެވެ. މިހާހިސާބުން ހުރިހާ ދަނޑުވެރީން ހަމަޖެހުމުން ކުޑަ ކުޑަ މުޖުތަމަޢުއެއް ޤާއިމްވެ ދިޔައީއެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!