ތިލަދުންމަތީގެ އެކިރަށްރަށުގައި އެޒަމާނުގައި ދަނޑުވެރިކަން ކުރަމުންއައީ ދާދި އެއް އުސޫލުތަކާއި ހަމަތަކެއްގެ މަތިންނެވެ. އެގޮތުން ސިލްސިލާގައި ހުށައަޅައިދެވޭތޯ މިބަލަނީ ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ދަނޑުވެރިން ދަނޑުވެރިކަން ކޮށްފައި ހުރި ގޮތާއި ވައްޓަފާއެވެ.

އެހުރުމީހާއާއި (ވެރިމީހާ) ދަނޑުވެރި ދޯނި

Ad
rt

މިހެން ގޮސް އުޅޭ އުޅުމުގައި ކޮންމެ ރަށެއްގައިވެސް އިސްމީހަކު ހުރެއެވެ. އޭނާއަށް ކިޔަނީ " އެހުރު " މީހާއެވެ. ނުވަތަ ކަންވެރިމީހާއެވެ. މީނާގެ ކިބައިގާ އިމާމުވެ ނަމާދުކޮށް ދީނީ ފަރުޞު އަދާކުރެވޭ މިންވަރަށް ތަކެތި އެގެންޖެހުމާއި މީހުންނަށް ދިމާވާ ބަލިތަކަށް ބޭސް ފަރުވާ ކޮށްދެވޭ ވަރަށް ކަންކަން އެގެންޖެހެއެވެ. އަދި މީގެ އިތުރުން ދަނޑުތަކަށް ޖެހޭ ބަލި ދެނެގަނެ އެބަލިތަކުން ދަނޑުތައް ސަލާމަތް ކޮށްދެވޭ ވަރުގެ ކިޔެވެލި، ދުޢާވެރިކަން އެގެންޖެހެއެވެ. މި މަސައްކަތަކީ ޒިންމާދާރު ވެރިކަމެއް ކުރުންކަހަލަ ކަމެކެވެ. މި މަސައްކަތުގެ އުޖޫރައެއްގެ ގޮތުން އޭނާއަށް އެހުރު ދަނޑޭ ކިޔާދަޑެއް ހައްދައިދީ ގޮވާންކަޑައިދޭންޖެހެއެވެ.

ދަޑަށްދާނެ ރަށެއް ހޯދުމާއި ރަށްވެރިމީހާގެ ފަރާތުން ނަގަންޖެހޭ ހުރިހާ ޒިންމާ ތަކެއް ނަގައި އޭނާއަށް ދޭން ޖެހޭ އުޖޫރައެއް ކަޑައަޅާ ހަމަޖައްސާނީ އެހުރުމީހާއެވެ. މީގެ އިތުރުން ރަށްވެރިފަރާތަށް ދޭންޖެހޭ ތަކެތި ޙޯދައި ޙަވާލުކުރާނީ އެހުރު މީހާއެވެ. ޢާއްމުގޮތެއްގައި އެދުވަސްރު ދަނޑުވެރިކަމަށް ރަށްތައްދީ އުޅެނީ ލިބޭއެއްޗެއްގެ ހަތަރުބައިކުޅަ އެއްބައަށެވެ.

ދަނޑުވެރި ދޯނި

މިދޯންޏަކީ އެ ރަށެއްގައި ދަތުރުފަތުރުގެ ނިޒާމު ޤާއިމު ކުރުމައްޓަކައި ބޭނުންކުރެވޭ ދޯންޏެކެވެ. މި ދޯނި ޢާއްމުކޮށް ބޭނުންކުރަނީ އެ ފަޅުރަށެއްގައި ދަނޑަށް ގޮސްގެން އުޅޭ ބަޔަކު ހުކުރަށް ރަށަށް ދިއުމާއި އެހެނިހެން ޙާއްސަ ބޭނުންތަކަށް ރަށްރަށަށް ދިއުމަށެވެ. އަދި އެރަށަކައް އެބަޔަކު ގެންދަން ބޭނުންވާ ހުރިހާ ސާމާނެއް ގެންދިއުމާއި ގެނައުމުގެ ކަންތައް ކުރަމުންގެންދާނީވެސް އެދޯނީގައެވެ. މި ދޯނި އެހެލާ ބާލާ މަރާމާތުކޮށް ބަލަހައްޓާނީވެސް ދަނޑުވެރިންނެވެ. މި ދޯނީގެ ވެރިއަކީ އެހުރު މީހާއެވެ. ނޫންނަމަ އޭނާގެ ފަރާތުން ކަޑައަޅާ ހޯދާ ދޯންޏެކެވެ. މި ދޯނި މިކަންކަމުގައި ބޭނުން ކުރާތީ ދެވޭ އުޖޫރައަކީ އެ ދޯންޏަށް ޙާއްސަ "ދަނޑުވެރި ދޯނި" ދަނޑެކޭ ކިޔާދަނޑެއް ހައްދައިދީ އެދަނޑުން ގޮވާން ކަޑައި ދިނުމެވެ.

ހުކުރަށް ދިޔުން

ހުކުރަށް ދިއުން ޙާއްޞަ ކުރެވިފައިވަނީ އަބަދުވެސް އެ ރަށެއްގައި އުޅެމުން ގެންދާ ފިރިހެނުންގެ ދެބައިކުޅަ އެއްބައެވެ. އެގޮތުން އެހުރުމީހާ ކޮންމެ ހަފްތާއެއްގެ ހުކުރަށްދާންޖެހޭ މީހުން ކަނޑައަޅާ އަންގާނެއެވެ. އަދި އެ ބައެއްގެ ދަތުރު އިންތިޒާމް ހަމަޖައްސައިދިނުމާއި އެކު ރަށު އޮފީހަށް އަންގަންޖެހޭ އެންގުންތައް ސިޓީއަކުން ލިޔެކިއުމުން ނުވަތަ އެ ބުނަންބޭނުންވާ ކަމެއް، ނުވަތަ ވާހަކައެއް އެ ދަތުރު ދާ އިސްމީހަކާ ހިއްސާކުރާނެއެވެ. އެހުރު މީހާ އަންގާމީހާ އަށް ދެވެން ނެތްހާލަތެއް މެދުވެރިވެއްޖެ ނަމަ އޭނާގެ ފަރާތުން އެހެންމީހަކު ނަމަވެސް ދާންޖެހޭނެއެވެ.

ކާށި ހޮވުން

ދަނޑަށް ގޮސް އުޅޭ އިރު އެރަށުގެ ރުއްވަލުން ކާށި ހޮވުން މިއީ ކޮންމެ ހުކުރު ދުވަހަކު ހުކުރަށް ނުގޮސްތިބޭ ފިރިހެނުންނާއި އަންހެންވެރީން ކުރަމުންގެންދާ މަސައްކަތެކެވެ. މިއީ ރަށްވެރިޔާއަށް ކޮށްދޭ މަސައްކަތެކެވެ. ރަށްވެރިޔާއަކީ އެރަށަކާއި ސަރުކާރުން ޙަވާލުކޮށްފައި ހުންނަ މީހާގެ ފަރާތުން ހުންނަ އެންމެ އިސްމީހާއެވެ. ކާށީ ހޮވުމަކީ ބުރަ މަސައްކަތަކަށް ވީއިރު މިކަން ކޮށްދޭ މީހުންނަށް ލިބެނީ ހޮވާ ކާށީގެ ފަސްކާށިން އެންމެ ކާއްޓެކެވެ. މި ލިބޭ ބައި ދެން ބަހަނީ ހުކުރަށް ދިޔަމީހުންނަށާއި އެކު އެ ރަށެއްގައި ދިރިއުޅޭ ކޮންމެ މީހަކަށް ބައެއް ވާގޮތަށެވެ. މަތިވައްރަނގަޅު ރުއްގިނަ ރަށަކުން ނަމަ ކޮންމެ ހަފްތާ އަކު ބޮލަކަށް 20، 30 ކާށި ލިބުމަކީ ވަރަށް ނާދިރުކަމެކެވެ. ޚާއްސަގޮތެއްގައި ދަނޑަށް ގޮސްގެން އުޅޭ އިރު އެ ރަށަކުން ލިބޭ ކޮންމެ އެއްޗެއް ބަހާ އުޅެނީ މި އުޞޫލުގެ މަތީންނެވެ. މިގޮތުން ބަހާ އުޅޭ ތަކެއްޗަކީ ކާށި ، ވެލާބިސް ރަށު ފަޅު ތެރިން ހިފާ އެކިބާވަތުގެ މަސްމަހެވެ. ރަށްވެރި ފަރާތުން އެ ދާބަޔަކަށް އެރަށަކުން ދަނޑިފަން ބޭނުން ކުރުން އޮންނަނީ ހުއްދަ ކޮށްފައެވެ.

ދަނޑު ބެހުމާއި ދަނޑުކޮށާ ގޮވާން އުކުން

ޢާއްމުކޮށް ދަނޑު ބަހާ އުޅެނީ ކޮންމެ ފިރިހެނަކަށް ކަތުވަޅިއެއްގެ މަގުންނެވެ. "ކަތުވަޅި" އަކީ ބައެކެވެ. އެ ރަށެއްގެ ދަނޑު ބިން އޮންނަ ކުޑަ ބޮޑު މިންވަރެއް ބަލައި ދަނޑުތައް ބަހާލަނީ މިން އަޅައި ކަޑަ ޖަހައިގެންނެވެ. ފުރަތަމަ ބިންގަނޑު އެންމެ ރަގަޅު ސަރަޙައްދަކުން ނަގަނީ އެހުރު ދަނޑާއި އެހުރު ދޯނި ދަނޑެވެ. ދެން ގުރުއަތު ލައިގެން އެމީހަކަށް ލިބޭ ސަރަޙައްދެއް ނަގަނީއެވެ. މިގޮތައް ބަހަމުން ގޮސް އެ ސަރަޙައްދެއްގެ ދަނޑުބިން ހުސްވަންދެން ބަހާނެއެވެ. މި ދަނޑު ތައްބަހައި ނިމުމުން އެހުރު ދަނޑާއި އެހުރު ދޯނި ދަނޑު ކޮށާ ، ސާފުކޮށް ހަދައި އެމީހަކަށް ވީތަނެއްކޮށައި ނިމުމުން ދަނޑު އެންދުމާއި ހަމަވީމައި އެހުރުމީހާ ސާޢަތާއި ވަގުތު ބެލުމަށްފަހު ދަނޑު އަންދާނެއެވެ. އެއަށްފަހު ދަނޑުތައް ސާފުކޮށް ގޮވާން އިންދަންވީމައި އެހުރުމީހާ ކަނޑައަޅާ ދުވަހެއްގައި އެ މަސައްކަތް ފަށާނެއެވެ. މި ކަންކަން ފެށުމުން އެންމެ ފުރަތަމަވެސް ކުރަންޖެހޭނީ އެހުރު ދަނޑާއި ، އެހުރު ދޯނި ދަނޑުގެ މަސައްކަތްތަކެވެ. އެހުރު ދޯނި ދަނޑާއި ކަންވެރިމީހާގެ ދަނޑުގެ މަސައްކަތް ކުރާދުވަސް ތަކުގައި އެބައެއްގެ އަމިއްލަގެއިން ކައިބޮއި ހަދައިގެން މަސައްކަތް ކުރަމުން ގެންދާނެއެވެ.

ކިޔަވާގެ އެޅުމާއި ކިޔެވެލި ކިޔެވުން

ކިޔަވާގެ އަޅާނީ ދަނޑު ކޮށާ ދަނޑު އަލިކޮށް ދަނޑަށް ގޮވާން އުކައި ގޮވާން ފަޅައި ގޮވާން ގަސްތައް ހެދިގަންނަ ހިސާބުންނެވެ. އެހުރުމީހާ އަށް ފެންނަ ދަނޑުގެ ކޮންމެވެސް ހިސާބެއްގައި ކިޔާވާގެ އެޅުމަށް ފަހު އެހުރު މީހާ މި ގޭ ގައި ކުރާނެ މަސައްކަތްތައް ބަލާ އެކަމަށް ބޭނުންވާ މީހުން ގެނެސް އެމީހުންނާއި މަސައްކަތް ހަވާލު ކުރާނެއެވެ. މި މަސައްކަތަކީ ދަނޑުތަކަށް ޖެހޭ ބަލި ބައްޔަށް ފަރުވާކުރުމެވެ. ނުވަތަ ދުޢާ ކުރުމެވެ.

ދަނޑު ތަކަށް ގޮވާން އުކައި ގޮވާން ފަޅައި ހެދެމުން އަންނަ އިރު ބައްޔެއްކަލަ ކަމެއް މެދުވެރިވޭތޯ އެހުރުމީހާ ދަނޑުތައް ބަލާ ހަދަމުންގެންދާނެއެވެ. ކަމެއް މެދުވެރިވެއްޖެ ނަމަ ކޮންމެވެސް ކަންވެރިކަމެއްކޮށްލައި ފަންވަތް ތަކެއްގައި ލިޔެ ދަނޑުގެ އެތައްމިތަނުގައި ޖަހާފާނެއެވެ. މިކަމުންވެސް ރަގަޅު ނުވެއްޖެ ނަމަ ފެންކިޔަވާފައި ހުރިހާދަނޑުތަކަށް ޖަހާނެއެވެ. އެވަރުންވެސް ރަގަޅު ނުވެއްޖެނަމަ ކިޔެވެލި ކިޔަވާ މުޅިދަނޑުގައި ދުންބުރުވާނެއެވެ. (އަޅުގަނޑަށް މި ކިޔެވެލީގައި ކުޑަ ކުއްޖެއްގެ ގޮތުން ހއ. އުލިގަމުގައި ދަނޑުވެރިކަމަށް ގޮސް އުޅުނު އިރު ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. ކިޔަވަން ޖެހުނީ ޔާސީން ސޫރަތް 10 ފަހަރަށެވެ. ހަތްރޭވަންދެން ބައިވެރިވީމެވެ. އެހުރު މީހަކަށް ދިޔައީ ހާމިދު ޢަލީއެވެ.)

https://thiladhun.com/26760

ކޮންމެ ރެއަކުވެސް އެ ފެންރުނބާ ހިފައިގެން ދަނޑު ތަކުގެ އައްސޭރި ފަށާއި ދަނޑުތެރެއަށް ފަތްކޯޅިއަކުން ފެންޖަހަމުންގެންދާނެއެވެ. މި މަސައްކަތް ނިމޭއިރު ހުންނާނީ ފަތިސްވެފައެވެ. ހުރިހާ ބައިވެރިން ދެން އަންނާނީ ނަމާދަށެވެ. ނަމާދުން ނިމުނީމައި އެހުރުމީހާ ދާނީ ދަނޑު ތަކުގައި އެންމެ މައްސަލަ އުޅޭ ހިސާބެއް ދެނެގަތުމަށެވެ. ދެވަނަރޭ އެދިމާލަށް ސަމާލުކަން ދޭނެއެވެ. މިހެންގޮސް ހަތްރޭ ހަމަވީމައި ކިޔަވާފައި ފެންރުބަޔަށް އެޅި މާތައް ކަނޑަށް ދައްކާނެއެވެ. މި ކިޔެވެލި ކިޔަވާނީ ގޮވާން ދޮންވާން ފެށީމައެވެ.

(ނުނިމޭ)