ކޮވިޑް-19 ގެ ސަބަބުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސިޓީގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް ކަނޑައެޅި މުއްދަތު މިމަހުގެ 11 ވަނަ ދުވަހަށް އިތުރުކޮށްފިއެވެ.

އިސްލާމިކް މިނިސްޓަރީން ބުނީ، ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19، ވައިރަސް ރާއްޖެއިން ފެނިފައިވާތީ މިހާރުގެ ހާލަތަށް ރިޔާއަތްކޮށް، އިތުރަށް މި ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއް ގޮތުން އިސްލާމި ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރިންގެ ލަފާގެ މަތީން 18 މާރިޗް 2020 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލެ އަދި ހުރިހާ ރިސޯޓުތަކެއްގައި ފަރުޟު ފަސްނަމާދާއި، ހުކުރު ނަމާދުގެ ޖަމާއަތް ނުހެދުމަށް ނިންމާފައި އޮތް އޮތުން އޭޕްރިލް 11 ވަނަ ދުވަހުގެ އަޞުރުނަމާދުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާތީ އެގޮތަށް އަމަލުކުރުމަށް ދަންނަވާ ކަމަށެވެ.

Ad
rt

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހިފައިވަނީ ޖުމްލަ 19 މީހުންނަށެވެ. އޭގެތެރެއިން މިހާރު ބަށްޔަށް ފަރުވާދެމުން ދަނީ ހަތަރު ދިވެހިންނަށެވެ. އެ ހަތަރު މީހުންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިންނެވެ. އެމީހުން ބައްޔަށް ޕޮޒިޓިވްވީ ރާއްޖެއައިސް ކަރަންޓީނުގައި ތިއްބައެވެ.