މިފޮޓޯ ފެނުމުން ހަނދާންތައް އަހަރެން ގޮވައިގެން ދަތުރުކުރީ 1980 ވަނަ އަހަރާއި ހަމައަށެވެ. ފޮޓޯއިން ފެންނަން އެހުރި ކޮމަންޑޫ ސްކޫލަކީ އަހަރެންގެ ތަޢުލީމީ ބިންގާ އެޅުނު ފުރަތަމަ މަދަރުސާއެވެ. ލިޔަންކިޔަން ދަސްކޮށްދީ ހިސާބު އަދަދުތަކާއި ނަވަތަ ދަސްކޮށްދިނީ އެ މަދަރުސާގެ އެދުރުންނެވެ.
ހަނދާނަށް އަންނަނީ ސްކޫލަށްދިޔަ ފުރަތަމަ ދުވަހެވެ. ބެލެނިވެރިޔާ ހައްވަދައިތަގެ އަތުގައި ހިފައިގެން ކޮމަންޑޫ ބޮޑުމަގަށް ނިކުތީ މުޅިން އައު ތަޖުރިބާއަކާއި ކުރިމަތިލާށެވެ. ތުނޑި ފިހާރައަށްވަދެ ފޮތަކާއި ފަންސުރެއް އަދި ފުހޭރަބަރެއް ގަނެދިނެވެ. ކުލާހުގައި ބަސްއަހައިގެން ރަނގަޅަށް ކިޔެވުމަށް ނަޞޭޙަތްދީ އަހަރެން ސްކޫލަށް ވައްދައި، މުދައްރިސުންނާއި ޙަވާލު ކުރިއެވެ. ހައްވަ ދައިތައަކީ ހެޔޮ ބެލެނިވެރިއެވެ. ހުރިހާކަމެއްގައިވެސް އެހީތެރިވީ މަންމައެއް ފަދައިންނެވެ. މާތްﷲ އެ މަރްހޫމްގެ ފުރާނަޔަށް ރަޙުމަތް ލައްވާށިއެވެ!
ކޮމަންޑޫ ސްކޫލަކީ ފޮޓޯއިން ތިޔަ ފެންނަފަދައިން އެދުވަސްވަރާއި އަޅާ ބަލާއިރު ރީތި އިމާރާތެކެވެ. ރާނައި އުވަޖަހާފައި ހުރި ހައިބަބޮޑު އިމާރާތެކެވެ. މަތީ މަޤާމުތައް ފުރަމުންދާ ކޮމަންޑޫއަށް ނިސްބަތްވާ ޢިލްމީ އަދި ހުނަރުވެރި އެތައް ބޭފުޅުންނެއްގެ ތަޢުލީމީ ބިންގާ އެޅުނު ދަރުސް ގާހެވެ.
ފުރަތަމަ ކުލާހަކީ ޔޫކޭޖީ އެވެ. އޭރު ކިޔަވަން ޖެހެނި ޖަމީލުދީދީ ލިޔުއްވާފައިވާ ކުޑަކުދިންގެ ބަގީޗާއިންނެވެ. އަޑު ހަރުކޮށް ( ހާ ހޯނު، ށ ށަވިޔަނި، ނ ނަގިލި، ރ ރުއް، ބ ބޯޅަ، ޅ ޅާނބު) ފިލާވަޅުތައް ކިޔާ ހަނދާން ވެއެވެ. ނަވަތަފޮތުން އެކަކުން ސަތޭކައަށް ކިޔައި ދަސްކުރި ހަނދާންވެސް ވެއެވެ. ޤުރުއާން ކިޔެވުމާއި، ދީނިއްޔާތު ފިލާވަޅުތައްވެސް ސްކޫލުން ދަސްކޮށްދެއެވެ. ވަރަށް ރީތި ރާގުރާގަށް ޤުރުއާން ކިޔަވާތީ ފެހިގޭ އަހުމަދު އިބުރާހީމްއަށް ޤާރީއެއްގެ ނަމުން މުޚާޠަބު ކުރެވެން ފެށީ އެދުވަސްވަރު އެވެ.
ފުރަތަމަ ސްކޫލަށް ދިޔައި ބެލެނިވެރިޔާ އެކުގައި ކަމުގައިވީ ނަމަވެސް ފަހުން ދަނީ އަހަރެންގެ މިތުރު ނަޞީރުއާއި އެކުގައެވެ. ސްކޫލަށް ދާއިރު ގޭގޭގެ ނަންބޯޑުތައް ބަލައިގެން އެގޭގޭގެ ނަން އޭނާ ވަރަށް ފަރިތަކަމާއި އެކު ކިޔައިދޭނެއެވެ. ފައިސްހަނދުވަރުގެއިން ފެށިގެން ނޫރާނީގެއާއި ހަމައަށް އަދި ހެލެގެލިން ފެށިގެން ކަސްތޫރިގެއާއި ހަމައަށް ހުރިހާ ގެއެއްގެ ނަންބޯޑުތައް އޭނާ ކިޔައި ދޭނެއެވެ. ނަޞީރުގެ އެމަސައްކަތްވީ ތާނަކިޔަން ޝަވްޤު އުފެދުނު އެއް ސަބަބަށެވެ.
ސުކޫލުގައި އަހަރެމެން ކިޔަވަން ތިބޭ ކިލާސް ހުންނަނީ ސުކޫލުގެ ގޯތިތެރޭގައި ދަނޑިފަނުން ހަދާފައެވެ. އެތަނުގައި ހުންނަނީ ދިގު ގޮނޑިއާއި މޭޒެވެ. މިހާރު ހުންނަގޮތަށް ކޮންމެ ކުއްޖަކަށް މޭޒަކާއި ގޮނޑިއެއް ނުހުރެއެވެ. ކިޔަވައިދިނުމާއި ތަރުބިއްޔަތު ކުރުމުގެ ނިޒާމުވެސް ވަރަށް ތަފާތެވެ. ގަޑިޖެހިގެން ސުކޫލަށް ދެވުނު ދުވަހަކު ލިބުނު އަދަބެއްގެ މަތީން ވަރަށް ހަނދާންވެއެވެ.
ގަޑިޖެހިގެން ކިލާހަށް ދިއުމުގެ އަދަބަކީ ކުލާހުން ބޭރުގައި ކޮޅަށް ބަހެއްޓުމެވެ. ހާޒިރީގައިވެސް ޖެހީ ރަސްގެއެވެ. އެއީ އަވިގަދަ ހޫނުވެސް ގަދަ ދުވަހެކެވެ. އަވީގައި މާކަގިނައިރަކު ނުހުރެވުނެވެ. އަނބުރައިގަނެގެން ބިންމައްޗަށް ދެމިއްޖެއެވެ. ނަގައިގަނެގެން ގެންގޮސް ސްކޫލު ހުޅަނގު އުތުރުފަރާތުގައި ހުރި ފެންވަޅެއް ކައިރީގައި ބާއްވައި ގަޔަށް ފެންއެޅިއެވެ. އެތައް ދާންޏެއްގެ ފެން އެޅިއިރުވެސް ރަނގަޅު ނުވުމުން ގެއަށް ގެންދިޔައެވެ. މިކަންކަން މިވަރަށް ހަނދާން ހުންނާތީ އެއީ އަނބުރައިގަތީ ނޫންކަން މިހާރު އެނގެއެވެ.
އެއްދުވަހަކު ސުކޫލުގައި ކިޔަވަން ތިއްބާ ވަރަށް ބާރު އަޑުފައްގަނޑެއް އިވުނެވެ. އެއަޑާ އެކު ރަށުގެ ރައްޔިތުންކަހަލަ ގޮތަކަށް އެކަމާބިރުން ރޮއިހޭރި ހަޅޭއްލަވާ ހެދި ހަނދާނެއް ވެއެވެ. ބައެއްމީހުން ބިންމަތީގައި އޮށޯވެގެންވެސް ތިއްބެވެ. ވަރަށް ތިރިން މަތިންދާ ބޯޓެއް ދަތުރުކޮށްފައި ދިޔައީއެވެ.މޫދައް ޖައްސާ ބޯޓެކެވެ. އެއީ އަލަށް މަތީންދާ ބޯޓުގެ ވާހަކަ އެހި ދުވަހެވެ. އަދި އެފަދަ މަންޒަރެއް ފެނުނު ދުވަސް މެއެވެ.
ކިޔަވައި ދިނުމުގެ އިތުރުން ތަފާތު ކުޅިވަރު ޙަރަކާތްތައްވެސް ކުރިއަށް ގެންދެވެއެވެ. އޭގެ ތެރޭގައި ރިލޭ ރޭސް ތަކާއި ފެތުމުގެ ތަފާތު ހަރާކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ދެވެއެވެ. އެގޮތުން ރިލޭ ރޭހަކުން ވަނަ ލިބުނު ހަނދާނެއް ވެއެވެ. އަދި ފެތުމުގެ ހަރަކާތެއްގައި ބައިވެރިގެން އުޅެނިކޮށް ގެނބުނު ހަނދާނެއްވެސް ވެއެވެ.
ށ، އަތޮޅު ތަޢުލީމީ މަރުކަޒުގެ ބިންގާ 16 ނޮވެމްބަރު 1980ގައި އެޅުނީ އަހަރެން ކޮމަންޑޫ ސްކޫލުގައި ކިޔަވަން އުޅެނިކޮށެވެ. އަދި 9 ޖަނަވަރީ 1982ގައި އެ މަރުކަޒު ހުޅުވި އެތަނުން ކިޔެވުމުގެ ފުރުޞަތު ފުރަތަމަ ލިބުނު 236 ކުދިންގެ ތެރޭގައި އަހަރެން ހިމެނުނެވެ. އަހަރެންގެ އިންޑެކްސް ނަންބަރަކީ 150 އެވެ. ތަޢުލީމީ މުޅިން އައު ދައުރެއް ފެށުނީއެވެ. "ހަސަން އިޒް އަ ބޯއި، އައިސާ އިޒް އަ ގާލް" ގެ ދައުރެވެ. މިހުރިހާ ދައުރެއްގައިވެސް ސްކޫލަށް ޚިދުމަތް ކުރުމުގައި ދެމި ހުންނެވި ވަރަށް ޚާއްޞަ މުދައްރިސެއްގެ މަތިން އަބަދުވެސް ވަރަށް ހަނދާން ވެއެވެ. އެއީ ނަސީމާ އަބުދުއްރަޙްމާން އެވެ. ކޮމަންޑޫގެ އެންމެ ގިނަދުވަސްވީ ތަޢުލީމީ ޚިދުމަތްތެރިޔާއެވެ. އެންމެންގެ ނަސީމާ ދޮންދައިތަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!