މުޅި އިންޑިޔާ 21 ދުވަހަށް ލޮކްޑައުން ކުރަން ނިންމިކަން ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިޢުލާން ކުރައްވައިފިއެވެ.
ޤައުމާ މުޚާޠަބު ކުރައްވައި މޯދީ މީގެ ކުޑައިރުކޮޅެއް ކުރިން ޤައުމާ މުޚާޠަބު ކުރައްވަމުން ވިދާޅުވީ ހުރިހާ ސްޓޭޓް ތަކުންވެސް މިހާރު އެންމެ އިސްކަމެއް ދީގެން ދޭން ޖެހޭނެ ޚިދުމަތަކީ ޞިއްހީ ޚިދުމަތްކަމަށް އަންގަވާފައިވާނެ ކަމަށެވެ. އިންޑިޔާ ލޮކްޑައުން ކުރަން ނިންމާފައިވަނީ މިރޭ 12 ގެ ފަހުންނެވެ.
Addressing the nation on battling the COVID-19 menace. #IndiaFightsCorona https://t.co/jKyFMOQO5a
— Narendra Modi (@narendramodi) March 24, 2020
ބޮޑުވަޒީރު ވަނީ އެއްވެސް މީހަކު ގެއިން ނުނުކުމެ ގޭގައި ތިބުމަށް އަންގަވާފައެވެ. އަދި އިޖުތިމާޢީ ގައިދުރުކަމުގެ ސިޔާސަތަށް އަމަލު ކުރުމަށްވެސް ގޮވާލެއްވިއެވެ.
މޯދީ ވިދާޅުވީ ކޮރޯނާ ވައިރަސްއާއި ހަނގުރާމަކޮށް އިންޑިޔާއަށް ކާމިޔާބު ލިބޭނެ ކަމަށެވެ. މޯދީގެ ވާހަކައިގައި މި ނުރައްކާ ދަނޑިވަޅުގައި އިންޑިޔާގެ ހިސްޕިޓަލުތަކުގައި މަސައްކަތް ކުރަމުން ގެންދާ ޑޮކްޓަރުންނާއި ނަރުހުންނާއި އަދިވެސް ޞިއްހީ ޚިދުމަތުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ވަރަށް ބޮޑަށް ތަޢުރީފު ކުރެއްވިއެވެ.
"އަހަންނަށް ޔަގީންކަން އެބައޮތް އިންޑިޔާގެ ހުރިހާ ރައްޔިތުންވެސް ސަރުކާރުގެ ނިންމުންތަކަށް ބޯ ލަނބާނެކަން." މޯދީ ވިދާޅުވިއެވެ.
މޯދީ ވިދާޅުވީ 21 ދުވަހަށް ޤައުމު ބަންދު ކުރުމަކީ ތަކުލީފު ތަކެއް އުފުލަން ޖެހޭނެ ކަމެއް ކަމަށެވެ. އެކަމަކު އަމިއްލަ ނަފުސުގެ ސަލާމަތާއި ތިމާގެ އާއިލާގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކާ މި އަޅަން ޖެހޭ މުހިންމު ފިޔަވަޅެއް ކަމުގައި ބޮޑުވަޒީރު ވިދާޅުވިއެވެ.
މޯދީގެ ވާހަކައިގައި ބަލީގެ ނިޝާނެއް ފެނުނު ކަމުގައި ވީނަމަވެސް އެއްވެސް މީހަކު ޑޮކްޓަރެއްގެ އިރުޝާދާއި ނުލައި ބޭސް ބޭނުން ނުކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!