ދުޝްމަނުންގެ ފަރާތުން ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކަށް، ޖޯގްރަފީގެ އެއްވެސް ހައްދެއް ނެތި އަދި ލަސްކުރުމެއްނެތި ވަރުގަދަ ރައްދެއް ދިނުމަށާއި، އެމެރިކާއާއި އިސްރާއީލުގެ އަމާޒުތައް އީރާނުގެ ހަމަލާތައް ފޯރާ ހިސާބަށް ގެނައުމަށް އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީ އެ ޤައުމުގެ އަސްކަރިއްޔާއަށް އަމުރުކުރައްވައިފިއެވެ.
މި އަމުރުތައް ނެރުއްވާފައިވަނީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާއި އީރާނުގެ ހަތިޔާރުއެޅި ސިފައިންގެ އިސް ކޮމާންޑަރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ޚާމަނާއީ ވަނީ، އަސްކަރިއްޔާގެ "ޓާގެޓް ބޭންކް" ނުވަތަ ހަމަލާދޭނެ އަމާޒުތަކުގެ ލިސްޓު އަލުން މުރާޖާކޮށް އަދާހަމަކުރުމަށް އަންގަވާފައެވެ. އެގޮތުން އެމެރިކާއާއި އިސްރާއީލުގެ މާއްދީ އަދި މާއްދީ ނޫން ހުރިހާ ވަސީލަތްތަކަކާއި ތަންތަނަކީ އީރާނުގެ އަސްކަރީ ބާރުތަކުގެ ހަމަލާތައް އަމާޒުކުރެވޭ ހިސާބުގައި ހުރި ތަންތަން ކަމުގައި ކަނޑައެޅުމަށް ވަނީ އަމުރުކުރައްވާފައެވެ.
އަދި ކުރިމަތިވެދާނެ ކޮންމެ އާ ހަމަލާއަކަށް ނުވަތަ އިންޒާރަކަށް ދޭ ރައްދު ވާންޖެހޭނީ ވަގުތުން ދެވޭ، ނަތީޖާ ފެންނަ ވަރުގަދަ ރައްދަކަށް ކަމަށާއި، އެ ރައްދު ދިނުމުގައި ޖޯގްރަފީގެ އެއްވެސް އިމަކަށް ބެލުމެއް ނޯންނާނެ ކަމަށް ޚާމަނާއީ ކޮމާންޑަރުންނަށް އިރުޝާދު ދެއްވިއެވެ.
ހަނގުރާމަ ފުޅާވެގެންދާ ހާލަތްތަކާ ގުޅޭގޮތުން ޚާމަނާއީ ވިދާޅުވީ، ދުޝްމަން ބާރުތަކުން އަލުން އަސްކަރީ ނުވަތަ ޓެރަރިސްޓް ހަމަލާއެއް ދީފިނަމަ، އެ ކުރިމަތިލުންތައް ނިމުމަކަށް ގެންނާނެ ވަގުތާއި، ޝަރުތުތަކާއި ހާލަތްތައް އެއްފަރާތަކުން ނިންމާނީ އީރާނުގެ އަސްކަރިއްޔާއިންނާއި އެ ޤައުމުގެ ރައްޔިތުން ކަމަށެވެ.
މީގެއިތުރުން، އީރާނުގެ އަސްކަރީ އުފެއްދުންތެރިކަމާއި ޖާސޫސީ ދާއިރާ ފުޅާކުރުމަށްވެސް މުހިންމު އަމުރުތަކެއް ވަނީ ނެރުއްވާފައެވެ. އެގޮތުން ފާރަލުމަށާއި، ހަނގުރާމަކުރުމަށާއި، އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާ ހަތިޔާރު އުފައްދާ މިންވަރު ދެގުނައަށް އިތުރުކުރުމަށާއި، ހަތިޔާރާއި ވަޒަނުގެ ސްޓޮކް އިތުރުކުރުމުގެ އިތުރުން އަސްކަރީ ޖާސޫސީ އޮޕަރޭޝަންތައް ފުޅާކުރުމަށް ކޮމާންޑަރުންނަށް ވަނީ އަންގަވާފައެވެ.
ބައްޕާފުޅު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އީރާނުގެ އެންމެ މަތީ ވެރިޔާގެ މަޤާމާ މުޖުތަބާ ޚާމަނާއީ ހަވާލުވެވަޑައިގެންނެވި ފަހުން އަސްކަރިއްޔާގެ އިސް ވެރިންނާ ބައްދަލުކުރައްވައި މިފަދަ ހާމަކަން ބޮޑު އަމުރުތަކެއް ނެރުއްވި މިއީ ފުރަތަމަ ފަހަރެވެ. މި އަމުރުތައް ނެރުއްވާފައި މިވަނީ، ސަރަޙައްދީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައާއި، ހަމަނުޖެހުންތައް ކުޑަކުރުމަށްޓަކައި ޑިޕްލޮމެޓިކް ފެންވަރުގައި މަޝްވަރާތަކެއް ކުރެވެމުންދާ ވަގުތެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!