ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުމަށާއި އަދި ކުރިއަށް އޮތް ދެ ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް ވެސް އިސްލާމިކް މިނިސްޓްރީއިން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިއަދުގެ މެންދުރު ނަމާދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ އަސަރު ނަމާދާ ހަމައަށް މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ފިޔަވަޅަކީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން، ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ލަފާގެ މަތިން އެޅުއްވި ފިޔަވަޅެއް ކަމަށެވެ.
މަގުސަދަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ނުދެއްވުން ކަމަށެވެ. މިއީ ރާއްޖޭގައި މިސްކިތްތައް މިގޮތަށް ބަންދުކުރި ފުރަތަމަ ފަހަރެވެ. ބައެއް އެހެން ގައުމުތަކުގައި ވެސް މިސްކިތްތައް ވަނީ ބަންދުކޮށްފަ އެވެ.
އެގޮތުން ސައުދި އަރަބިއްޔާގެ މިސްކިތްތައް އިއްޔެ ވަނީ ބަންދުކޮށްފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ ހުކުރު ދުވަހު، ހުކުރު ނަމާދު ވެސް ޖަމާއަތުގައި މާލޭ ސަރަހައްދުގައި ނޯންނާނެ އެވެ.
އެހެންވެ، އެ ނަމާދާ ގުޅޭ ގޮތުން ރައްޔިތުން އަމަލު ކުރާނެ ގޮތެއް ފަހުން އިލްމްވެރިން ބުނެދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރިޔަސް ކޮންމެ ނަމާދަކަށް ވެސް އިމާމުން މިސްކިތްތަކަށް ގޮސް ބަންގި ގޮވައި، ނަމާދު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިސްކިތުގައި ވަކިން ނަމާދު ކުރަން ބޭނުންވާ މީހަކަށް އެ ފުރުސަތު އޮންނާނެ ކަމަށާއި މިސްކިތްތައް މީހުން ނުވަދެވޭނެ ގޮތަށް ބަންދުކޮށްފައި ނުބަހައްޓާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓްރީން މީގެ ކުރިން ވަނީ ކޮވިޑްގެ އަލާމާތެއް ހުރިނަމަ މިސްކިތަށް ނުދާން އަންގައިފަ އެވެ. އަދި ހުތުބާ ކުރުކޮށް، ޖަމާއަތުގައި ވީހާ ވެސް ކުރު ސޫރަތް ކިޔަން އަންގާފައި ވެ އެވެ.
ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 ގެ އަލާމާތެއް ހުރި މީހަކު ރަށަކުން ފެނިއްޖެނަމަ ވެސް އެ ރަށެއް "މޮނިޓަރިން" ހާލަތަށް ބަދަލުކޮށް، އެ މީހާގެ ޓެސްޓުތައް ހަދަ އެވެ. މޮނިޓަރިން ހާލަތުން ރަށް ނަގަނީ އެ މީހަކު، ކޮވިޑް-19 އަށް ނެގެޓިވްވުމުންނެވެ.
މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮވިޑް-19 ގެ ނުރައްކާ ރާއްޖެ އަށް ވެސް ބޮޑުކަމުން ސަރުކާރުން ވަނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު މުޅި ރާއްޖެ އަށް އިއުލާނުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!