ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ސިޔާސީ ކަންކަމާ ނުގުޅުއްވާނެ ކަމަށާއި، އެއްވެސް މީހެއްގެ ނުފޫޒެއް ނެތި ވީހާވެސް ގިނަ ބަޔަކަށް އެ ފުރުސަތު ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި އާންމު ފަރާތަކުން ބޯހިޔާވަހިކަމުގެ ދަތިކަމާ ގުޅޭގޮތުން ހިއްސާކުރި ކަންބޮޑުވުމަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރި މީހަކު ވަނީ، އޭނާގެ ފިރިމީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ފާހަގަކޮށް، އެ އާއިލާއަށް ވެސް ބޯހިޔާވަހިކަމުގެ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާކަމުގެ ޝަކުވާ ހިއްސާކޮށްފައެވެ.
އެކަމާ ގުޅިގެން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ދަތިކަން ފަދަ ކަންކަން ސިޔާސީ ކަންކަމާ ނުގުޅުވާނެ ކަމަށެވެ. އަދި އެއްވެސް ސިޔާސީ ވިސްނުމަކަށް ބެލުމެއް ނެތި އެންމެނަށް ވެސް ހަމަހަމަކަމާއެކު އެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އެންމެ ނިކަމެތިކޮށް އުޅޭ މީހުންނަށް ވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އުސޫލުގެ ދަށުން އަމަލު ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
''ބޯހިޔާވަހިން ކަހަލަ ދަތި އެއްވެސް ކަމެއް ސިޔާސީ ކަމަކާއި އަޅުގަނޑުމެން ނުގުޅުވާނަން، އެގޮތަށް ނުވިސްނަވާތި، އަޅުގަނޑު މަސައްކަތްކުރާނީ އެއްވެސް ނުފޫޒަކަށް ބަރޯސާނުވެ ނޫނިއްޔާ ހަމަހަމަކަމާއެކީ ތި ވިދާޅުވިކަހަލަ ނިކަމެތި ހާލަތްތަކަށް އިސްކަންދެން، އިރާދަކުރެއްވިއްޔާ އެކަންކޮށްދެން އަޅުގަނޑު މަސައްކަތްކޮށްދޭނަން'' ރައީސް ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ތެރެއިން ރައީސާ ބައްދަލުކުރި އެހެން ބައެއް ފަރާތްތަކުން ވެސް ވަނީ ބޯހިޔާވަހިކަމުގެ ދަތިކަން އޮތްކަން ފާހަގަކޮށް، އެކަމުގެ ކަންބޮޑުވުންތައް އެމަނިކުފާނާ ހިއްސާކޮށްފައެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް ރިސްކު އެލަވަންސް ނުލިބޭ މައްސަލަ ވެސް އެފަދަ މުދައްރިސަކު ވަނީ ހުށަހަޅައިފައެވެ.
ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ޕްރޮގްރާމްގައި ރައްޔިތުން ފާހަގަކުރި އެންމެހައި ކަންތައްތައް ވެސް ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 1 ޚިޔާލެއް ލިބިފައިވޭ!
ބޯހިޔާ ވަހިކަމެއްނެތިގެން ސަރުކާުން ހޯދާފައިވާ ގިނަ ފްލެޓްތައް ހުރީ ބޮޑު ކުށްޔަށް މީހުންނަށް ދޫކޮށްފާ