ހއ. ތުރާކުނު ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދެވޭނީ އެމްޓީސީސީން ގަތުމުގެ މަސައްކަތް ކުރަމުންދާ އައު ޑްރެޖަރު ލިބުމުން ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރު ޢަލީ މޫސާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ސުވާލު ކުރައްވާފައިވަނީ ހއ. ހޯރަފުއްޓާއި ތުރާކުނުގެ ބިންހިއްކުމުގެ މަސައްކަތް ފެށޭނީ ކޮން އިރަކުންތޯއެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ތުރާކުނުގެ ބިންހިއްކުމަކީ ވަރަށް ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ. އަދި އެ ރަށުގެ ބިން ހިއްކަން ޖެހެނީ ހިލަތޮއްޓެއް ޖަހައި، ހޮޕަރ ޑްރެޖަރަކުން ވެލި އަޅައިގެން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި މިވަގުތު ދެ ގޮންޖެހުމެއް އެބައޮތްކަން މިނިސްޓަރު ބަޔާންކުރެއްވިއެވެ. އެއީ އެ ތަނަށް ބޭނުންވާ ވަރަށް ގިނަ އަދަދަކަށް ހިލަ ގެނައުމާއި، އެ މަސައްކަތަށް ހޯޕަރ ޑްރެޖަރެއް ބޭނުންވުމެވެ.
އެ ދަތިތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެމްޓީސީސީން މިހާރު ގެންދަނީ އެފަދަ ޑްރެޖަރެއް ގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ މަސައްކަތުގެ ދަށުން ގެންނަ ޑްރެޖަރު އަންނަ އަހަރުގެ ކުރީކޮޅު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެމްޓީސީސީން ގަތުމުގެ މަސައްކަތް ކުރިއަށްގެންދާ ޑްރެޖަރު ލިބުމުން، ތުރާކުނު ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!